03 އޮކްޓޯބަރ 2025 - 19:52

މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި، ޕީއެސްއެމްގެ ޓީވީ ޕްރެޒެންޓަރު އިނާޔަތު އަލީ ޝަރުތުތަކަކާ އެކު މިއަދު ދޫކޮށްލައިފި އެވެ.
ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި އިނާޔަތާއި އިތުރު ދެ މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
އޭނާ ހައްޔަރު ކުރުމަށް ފަހު، ތަހުގީގުގެ ބޭނުމަށް ބަންދުގައި ބަހައްޓަން ކޯޓުން ހަތް ދުވަސް ދިނެވެ،
ފުލުހުން ބުނީ، ބަންދުގެ މުއްދަތު ހަމަވެގެން ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާ އެކު އޭނާ މިއަދު ބަންދުން މިނިވަންކުރަން ކޯޓުން ނިންމީ ކަމަށެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ އެ އޮޕަރޭޝަނުގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށެވެ. އޭގެ ބަރުދަނުގައި 1،246 ގްރާމު ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ އުމުރުން 34 އަހަރުގެ އިނާޔަތުގެ އިތުރުން އުމުރުން 34 އަހަރުގެ މުހައްމަދު އައިޝް އަހުމަދާއި 25 އަހަރުގެ އާއިމިނަތު އިއްލިއްޔީން އަހުމަދެވެ. އޭގެ ތެރެއިން އައިޝް އާއި އިއްލިއްޔީންއަކީ މއ. މަޒާގެ ދެ މީހުންނެވެ. އެއީ ދެބެއިންނެވެ. ޓީވީ ޕްރެޒެންޓަރު އިނާޔަތަކީ އަދި ހދ. ކުޅުދުއްފުއްޓަށް އުފަން މީހެކެވެ.
މި މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބަންދުގައި ހުރީ އައިޝް އެކަންޏެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވަނީ އަންނަ ހޯމަ ދުވަހަށް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން އިނާޔަތާއި އިއްލިއްޔީންގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފަ އެވެ.
އިއްލިއްޔީން މިހާރު ދިރިއުޅޭ ކަމަށް ބުނާ އެޕާޓްމަންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ސީނަށް ދިޔަ ފުލުހުން ބުނާ ކަމަށް ވެސް އަމުރުގައި ވެ އެވެ. އައިޝްއާ ގުޅޭ ތަނެއް ބަަލައިފާސްކުރުމުގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1،246 ގްރާމު ހުރި ކަމަށް ވެސް ބުނެފައިވެ އެވެ.
ކޯޓު އަމުރުގައި ބުނީ އިނާޔަތު ދިރިއުޅޭ ގެއިން މަސްތުވާތަކެއްޗާއި ދުންފަތާ އެއްކޮށްފައިވާ އެއް ބިޑި ފެނިފައިވާ ކަމަށާއި އެ ތަނުގައި އޭނާގެ އައިޑީކާޑު ވެސް އޮތް ކަމަށެވެ.