މާލޭ އޭރިއާގެ ކޮމާންޑަރަކަށް އާސިމްގެ ބަދަލުގައި ޝަރީފް
މާލޭ އޭރިއާގެ ކޮމާންޑަރަކަށް އާސިމްގެ ބަދަލުގައި ޝަރީފް

ފުލުހުންގެ މާލޭ ސަރަހައްދުގެ ކޮމާންޑަރަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު އާސިމް އަބްދުﷲ އެ މަގާމުން އިއްޔެ ވަކިކޮށް އެހެން އޮފިސަރަކު ހަމަަޖައްސައިފި އެވެ.

ފުލުހުންގެ އިސް އޮފިޝަލަކު "މިހާރު" އަށް މިރޭ ވިދާޅުވީ މާލެ ސަރަހައްދުގެ އާ ކޮމާންޑަރަކަށް ހަމަޖެއްސީ އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ޝަރީފް އެ މަގާމަށް ހަމަޖެއްސީ އިއްޔެ އެވެ.

"މީގެ ދެ ދުވަސް ކުރިން ޝަރީފް މާލެ ވަޑައިގަތީ. އެ ހިސާބުން މަގާމު ހަވާލުކުރީ،" އޭނާ ވިދާޅުވި އެވެ.

މާލެ އޭރިއާގެ ކޮމާންޑަރަކަށް ހަމަޖެއްސެވުމުގެ ކުރިން ޝަރީފު ހުންނެވީ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑްގެ މަގާމުގަ އެވެ.

މާލެ އޭރިއާގެ ކޮމާންޑަރު ބަދަލުކުރިއިރު އިިދިކޮޅު އެމްޑީޕީން ރާވައިގެން މާލޭގައި މިރޭ ބޮޑު އެއްވުމެއް ބާއްވަން އޮތީ ނިންމައިފަ އެވެ. އެ އެއްވުން ބާއްވަނީ މިރޭގެ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ.

އެއްވުމާ ގުޅިގެން މާލެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ވެސް މިއަދު ހަވީރު ފަށައިފަ އެވެ. އެ އޮޕަރޭޝަން ކުރިއަށް ގެންދާއިރު މާލޭގެ ބައެއް މަގުތައް އެކި ގަޑިތަކުގައި ބަންދު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.