އީއާރުއޭއަށް އަލަށް އުފެއްދި، ޗީފް އެޑްމިނިސްޓްރޭޓަރު މާގާމަށް އިސްހާގު އައްޔަނުކޮށްފި
އީއާރުއޭއަށް އަލަށް އުފެއްދި، ޗީފް އެޑްމިނިސްޓްރޭޓަރު މާގާމަށް އިސްހާގު އައްޔަނުކޮށްފި

އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ)ގެ ޗީފް އެޑްމިނިސްޓްރޭޓަރަކަށް އިސްހާގު އަހުމަދު ހަމަޖައްސައިފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އީއާރުއޭގެ ނަމަށް ބަދަލުކޮށްފައިވާ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާތައް ހަވާލުކޮށްފައިވާ އިދާރާގެ އިސްވެރިޔާގެ ގޮތުގައި އަލަށް އުފެއްދި މަގާމަށް މީހަކު ހޯދަން އިއުލާނުކުރީ މިދިޔަ އޮގަސްޓް މަހު އެވެ.

ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވަނީ އޭނާ އެ މަގާމަށް އައްޔަނު ކޮށްފައިވާކަން ޔަގީން ކޮށްދެއްވައިފަ އެވެ.

އިސްހާގު އެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން ހުންނެވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލަކަށެވެ.

އެ މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500ރ. ކަމަށާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000.00ރ. އާ އެކު ޖުމްލަ 35،500ރ. ލިބޭނެ އެވެ.

އޭނާ ވަނީ ޓްރާންސްޕޯޓު އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.

ކުރިން އީޕީއޭގެ އެންމެ އިސްމަގާމަކީ ޑިރެކްޓަރު ޖެނެރަލެވެ. އެ މަގާމުގައި 14 އަހަރު ހުންނެވި އިބްރާހިމް ނައީމް އިއްޔެ ވަނީ މަގާމުން ވަކިވެވަޑައިގެންފަ އެވެ.