03 އޮކްޓޯބަރ 2025 - 15:51

އުސްފަސްގަނޑު ސަރަހައްދުގައި ގާއިމްކުރާ ސްކޭޓިން އެރީނާއާއެކު ސްކޭޓްގެ ކުޅިވަރުން ކުރިއަށް ދިއުމަށް ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ފަހިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސްޕީޑް ސްކޭޓް ޓްރެކްގެ އިތުރުން ސްކޭޓް ބޯޑިން ޕާކެއް ވެސް ހިމެނޭ ގޮތަށް ސްކޭޓިން އެރީނާގެ ބިންގާ އިއްޔެ ވަނީ އަޅައިފަ އެވެ.
އެ ތަން ހަދަނީ އާރުސީސީގެ ސީއެސްއާރުގެ ދަށުންނެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދާއިމީ ސްކޭޓިން އެރީނާއަކީ ކުޅިވަރާއި އިޖުތިމާއީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ. އޭގެ ސަބަބުން ޒުވާނުންގެ ކުރިއެރުމާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް މުހިއްމު މަސައްކަތެއް ކުރެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދުނިޔޭގެ ފެންވަރުގައި ކުރިއަރަމުން އަންނަ ސްކޭޓްގެ ކުޅިވަރުން ކުރިއަށް ދިޔުމަށް، އެ އެރީނާއިން ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިވެގެންދާނެ އެވެ.
ސްޕީޑު ސްކޭޓް ޓްރެކަކީ ފުރޮޅުލީ ބޫޓުގައި ސްކޭޓް ކުރުމަށް ހާއްސަ ޓެރެކެވެ. ސެކޭޓްބޯޑު ޓްރެކަކީ ސްކޭޓް ބޯޑުގައި ސްކޭޓަށް ހާއްސަކޮށް ހަދާ ޕްލެޓްފޯމެކެވެ.