ރާއްޖެ އިޝްތިހާރު ކުރަން ސުޕަ ޔޮޓް ކެމްޕެއިނެއް
ރާއްޖެ އިޝްތިހާރު ކުރަން ސުޕަ ޔޮޓް ކެމްޕެއިނެއް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ސުޕަ ޔޮޓް ކެމްޕެއިނެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މުޅިން އަލަށް ކުރިޔަށް ގެންދާ އެ ކެމްޕޭނުގެ ދަށުން ޓޫރިޒަމްގެ ލަގްޒަޒަރީ ޔޮޓް މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށް، ޕްރައިވެޓް އަދި ޗާޓާޑް ޔޮޓްތަކުގައި ރާއްޖެ ޒިޔާރަތްކުރުމަށް ދައުވަތު ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކެމްޕެއިން ކުރިއަށް ގެންދަނީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އެ ކެމްޕެއިނުގެ ތެރެއިން ސާފު މޫދާއި، ރީތި ދޮންވެލި އަތިރިމައްޗާއި މުއްސަނދި ފަރުތަކާއި ކަނޑުގެ ދިރުންތައް ދައްކާލައި އެ ދާއިރާގެ ޓޫރިސްޓުންނަށް ހާއްސަކޮށް އިޝްތިހާރުތައް ކުރިއަށް ގެންދާނެ އެވެ.

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، އެ ހާއްސަ ކެމްޕެއިން މެދުވެރިކޮށް ރާއްޖެއަކީ ސުޕަ ޔޮޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި ދައްކާލެވޭނެ ކަމަށެވެ.

"ދުނިޔޭގެ ފެންވަރުގައި ބާއްވާ ޔޮޓް އިވެންޓުގައި ރާއްޖެއިން ބައިވެރިވެ، ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކޮށް، މީގެ ކުރިން މާ ބޮޑު ސަމާލުކަމެއް ނުދެވި އޮތް މި މާކެޓުގައި ރާއްޖެ އިޝްތިހާރުކޮށް، ރާއްޖެއަކީ މުއްސަނދި ޔޮޓްވެރިންގެ މަންޒިލަކަށް ހެދުމަކީ އަމާޒު،" އޭނާ ވިދާޅުވި އެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ އަލަށް ފެށި ކެމްޕެއިނުގެ ސަބަބުން ހައި ނެޓް ވޯތު ޓޫރިސްޓުންގެ މެދުގައި ރާއްޖެ އިޝްތިހާރުކުރުމަށް ވިިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ އެވެ.