ވޮކޭޝަނަލް ތަމްރީން ދިނުމަށް މާލޭގައި މަތީ ސާނަވީ ސްކޫލެއް ހުޅުވަނީ
ވޮކޭޝަނަލް ތަމްރީން ދިނުމަށް މާލޭގައި މަތީ ސާނަވީ ސްކޫލެއް ހުޅުވަނީ

ވޮކޭޝަނަލް ތަމްރީނު ދިނުމަށް މާލޭގައި މަތީ ސާނަވީގެ އާ ސްކޫލެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ރޭ ކުރި އިއުލާނުގައި ބުނީ "މާލެ ވޮކޭޝަނަލް ހައި ސްކޫލު" އަށް އަންނަ ހުކުރު ދުވަހާ ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. އަދި އެ ތަނުން ޖާގަ ލިބޭ ދަރިވަރުންނަށް އަންނަ އަންގާރަ ދުވަހުން ފެށިގެން އަންގަމުންދާނެ ކަމަށް ބުންޏެވެ.

އެ ސްކޫލަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި މިދިޔަ އަހަރު ނުވަތަ މި އަހަރުގެ ދިރާސީ އަހަރު ގްރޭޑު 10 ފުރިހަމަކުރުމާއި މިދިޔަ ޑިސެމްބަރު 31އަށް 18 އަހަރު ނުފުރުން ހިމެނެ އެވެ.

އެކަމަށް އެދި ގޫގުލް ފޯމް އަދި މިނިސްޓްރީގެ ވެބްސައިޓުން ފޯމު ހުށަހެޅޭނެ އެވެ.

މިނިސްޓްރީން ބުނީ ފަންނީ އަދި ގާބިލް ދަރިވަރުން އުފެއްދުމަށް ފަށާ ޕްރޮގްރާމުތައް ފުރިހަމަކުރާ ދަރިވަރުންނަށް ލެވެލް 4 ގެ ގައުމީ ސެޓްފިކެޓެއް ދޭނެ ކަމަށެވެ. އޭގެ އިތުރުން، ސެޓްފިކެޓް ހޯދި ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ވެސް އެ ދަރިވަރުންނަށް ލިބޭނެ ކަމަށް ބުންޏެވެ.

މި އަހަރުގެ އިންޓޭކުގައި ތަފާތު 10 ވައްތަރެއްގެ ތަމްރީނު ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އޭގައި ހިމެނެނީ؛

- އާކިޓެކްޗަރަލް ޓެކްނޮލޮޖީ އަދި ޑިޒައިން

- އޮޓޮމޭޓިވް އިންޖީނިއަރިން

- ކޭކު ޑެކެރޭޝަން

- ސިވިލް އިންޖީނިއަރިން

- ވަޑާމުގެ މަސައްކަތް

- އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސް އިންޖީނިއަރިން

- އިންފޮމޭޝަން ޓެކްނޮލޮޖީ

- ފޮޓޯނެގުން

- ރެފްރިޖަރޭޝަން އަދި އެއާ ކޮންޑިޝަނިން

- ކުދި ވިޔަފާރި މެނޭޖުކުރުން

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓުގައި ވަނީ އަލަށް ހުޅުވާ ވޮކޭޝަނަލް ސްކޫލުގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ވޮކޭޝަނަލް ޕާތުވޭ ނިންމުމަށްފަހު ޔުނިވާސިޓީއަކުން ޑިޕްލޮމާ ނުވަތަ ޑިގްރީ ކޯހެއް ހެދުން ނުވަތަ ވަޒީފާއަކަށް ދާން ބޭނުންވާނަމަ އެ ފުރުސަތު ލިބޭނެ ކަމަށެވެ.

"އެކަޑަމިކް ޕާތުވޭއަށްވުރެ ވަކި ފުރުސަތު ކުޑަނުވާނެ އެވެ. ހިތްވަރާއެކު މަސައްކަތްކޮށް ދިރިއުޅުމަށް ތައްޔާރުވާން މި ފުރުސަތުގެ ބޭނުންހިފާށެވެ،" އޭނާ އިލްތިމާސްކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ގްރޭޑު 10 ނިންމާ ދަރިވަރުން މަތީ ސާނަވީ މަރުހަލާގައި އިތުރުކޮށް އުފެއްދުންތެރި އަދި ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ފަށާފައިވާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިފައިވާ ކަމަށެވެ.

އޭ ލެވެލްއަށް ވަދެވޭ ކްރައިޓީރިއާ ދަށްކުރުމާއެކު، މަތީ ސާނަވީއާ ގުޅުނު ދަރިވަރުންގެ އަދަދު ވެސް މި އަހަރު ވަނީ އިތުރުވެފަ އެވެ.

ޝަފީއު ވިދާޅުވީ 2023 ވަނަ އަހަރު އޭ ލެވެލްއާ ގުޅުނީ، އެ އަހަރު ގްރޭޑު 10 ގައި ތިބި 6،700 ދަރިވަރުންގެ ތެރެއިން 2،100 އެއްހާ ދަރިވަރުން ކަމަށެވެ. އެއީ ގްރޭޑް 10 ގައި ތިބި ދަރިވަރުންގެ 31 ޕަސެންޓެވެ.

ނަމަވެސް، ފާއިތުވި ދެ އަހަރު ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މި އަހަރު މަތީ ސާނަވީ އަށް ކިޔަވާ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ފަހުން ގްރޭޑު 10ގައި ތިބި 6،500 ދަރިވަރުންގެ ތެރެއިން 3،200 ދަރިވަރުން ވަނީ މަތީ ސާނަވީއަށް ކިޔަވަން ފަށައިފަ އެވެ.

އެއީ، ގްރޭޑު 10 ގައި ތިބި ދަރިވަރުންގެ 49 ޕަސެންޓެވެ.

މިނިސްޓަރު ވިދާޅުވީ 2023 އާ އަޅާބަލާއިރު ގްރޭޑް 10 ގައި ތިބި ދަރިވަރުންގެ ރޭޓުން 18 ޕަސެންޓު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

ވޮކޭޝަނަލް ޕްރޮގްރާމްގެ ހާއްސަ ސްކޫލަށް ހުޅުވާލިއަސް، އެ ތަން ހަދާފައިވާ ތަނެއް އަދި ސާފެއްނުވެ އެވެ.