03 އޮކްޓޯބަރ 2025 - 11:21

ސަރުކާރުތަކުން ވާރުތަވި ދަރަނިތައް ދައްކައި އިގްތިސާދީ ހާލަތު ރަނގަޅު ކުރަން މި ސަރުކާރުން މަސައްކަތް ކުރަމުން ދަނިކޮށް، އިދިކޮޅު އެމްޑީޕީން މަގުތަކަށް އެއްވެ ކުރަން އުޅޭ މުޒާހަރާއަކީ ވެރިކަން ހޯދުމަށް ގައުމު އިތުރަށް އިނދަޖައްސައި ވަޅުގަނޑަކަށް ވައްޓާލުން ކަމަށް ޖޭޕީގެ ލީޑަރު، އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުން މީހުންނާ އެކު "ލޫޓޫވައިފި ލޫޓޫވައިފި" ނަމުގައި މިރޭ 8:30 ގައި މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ.
އެކަމާ ގުޅިގެން، ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެއީ ބިނާކުރުވަނިވި މުޒާހަރާއެއް ނޫން ކަމަށާއި އެއީ ފަނާކުރުވަނިވި މުޒާހަރާއެއް ކަމަށެވެ. އެއީ ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައި ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުޒާހަރާކުރަނީ މި ވެރިކަމުގައި ގައުމަށް ރަނގަޅު ކަމެއް ކުރިޔަ ނުދިނުމަށެވެ. އަދި ވެރިކަން ހޯދުމަށް ފިތުނަކުރަން ވެގެން ކުރާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ގާސިމް ވަނީ ޖޭޕީގެ އެއްވެސް މީހަކު މުޒާހަރާގައި ބައިވެރިނުވުމަށް އިލްތިމާސްކުރައްވައިފަ އެވެ.
"މި ސަރުކާރަށް ކުރަން ޖެހިފައިވާ ކަމަކީ އިސްވެ ދިޔަ 3-4 ސަރުކާރުން ނަގާފައިވާ ބޮޑު ދަރަނިތައް ދެއްކުން. ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑު ބައި މި ދަނީ އެ ދަރަނިތައް ދެއްކުމަށް. މިކަން މި ދަރަނިތައް ނުދެއްކިއްޖެނަމަ މުޅި ގައުމު ބަގުރޫޓުވާނެ. ވީމާ، މި ސަރުކާރުން އިތުރު ޓެކްސް ނަގައިގެން ވެސް އެކަން ކުރަމުން އެގެންދަވަނީ. ބާކީ މުސާރަތައް ވެސް އެ ދެއްވަނީ އެގޮތް މިގޮތް ހަދައިގެން،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވަނީ ކުރީގެ ސަރުކާރުތަކުން ވެސް ކުންފުނިތަކުން ބޮޑެތި ހިޔާނަތް ވެފައި ހުރުމުން އެ ކުންފުނިތަކުން އެޅި ފިޔަވަޅުތަކާ މެދު ސުވާލު އުފައްދަވައިފަ އެވެ. ގާސިމް ވިދާޅުވީ އޭރު އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ. އެއާ ހިލާފަށް، އެކަން ކުރާ ކަމަށް ތުހުމަތުކުރެވޭ މީހުން އެ ތަންތަނުން ވަކި ކުރާ ތަން މިހާރު ފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެ ބާވަތުގެ ހިޔާނަތް ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް އަދި ފާޅުކަން ބޮޑު ގޮތެއްގައި ނަސޭހަތްތެރިވެވަޑައިގެން، އިންޒާރުކުރައްވަމުން ގެންދަވާ ކަމަށާއި އަދި އެކަންކަން ތަހުގީގުކުރަމުން ގެންދަވާ ކަމަށެވެ.
"ވީމާ، މި މުޒާހަރާއިން ނުކުންނާނެ ނަތީޖާއަކީ ގައުމު އިތުރު ވަޅުގަނޑަކަށް ވައްޓާލުން އަދި ރައްޔިތުން އިތުރަށް ދަރަނިވެރި ކުރުވާ އިނދަ ޖައްސާލުން ނޫންބާ،" ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ނަސޭހަތަކީ އެއްވެސް މީހަކު މި މުޒާހަރާގައި ބައިވެރިނުވުން. މި ގައުމުގައި އަމާންކަން ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރެއްވުން. މިއީ، މުޅި ގައުމު އިނދަ ޖައްސަން ކުރާ ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.