ކެއްސާތީ ދޭ ބޭހެއް ބުއި ކުދިންތަކެއް މަރުވުމުން އިންޑިއާގައި އެ ބޭސް މަނާކޮށް ތަހުގީގު ފަށައިފި
ކެއްސާތީ ދޭ ބޭހެއް ބުއި ކުދިންތަކެއް މަރުވުމުން އިންޑިއާގައި އެ ބޭސް މަނާކޮށް ތަހުގީގު ފަށައިފި

ކެއްސާތީ ދޭ ބޭހެއް ކަމަށްވާ "ކޮލްޑްރިފް" ސިރަޕް ބުއި ފަހުން އިންޑިއާގެ މަދިޔަ ޕްރެދޭޝް އާއި ރާޖަސްތާނުގައި ކުދިންތަކެއް މަރުވެ އެ ބޭހުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދުމުން ތަހުގީގު ފަށައިފި އެވެ.

ކެއްސާތީ ދޭ ބޭހެއް ބުއި ކުދިންތަކެއް މަރުވުމުން އިންޑިއާގައި އެ ބޭސް މަނާކޮށް ތަހުގީގު ފަށައިފި
ކެއްސާތީ ދޭ ބޭހެއް ބުއި ކުދިންތަކެއް މަރުވުމުން އިންޑިއާގައި އެ ބޭސް މަނާކޮށް ތަހުގީގު ފަށައިފި

މި ބޭސް ބުއި ހަ ކުއްޖަކު މަދިޔަ ޕްރަދޭޝްގައި މަރުވެފައިވެ އެވެ. މިދިޔަ 15 ދުވަސް ތެރޭ އެ ކުދިން މަރުވީ ކިޑްނީ ފެއިލްވެގެން ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. ހަމަ މި ބޭސް ދިން އިތުރު ދެ ކުއްޖަކު ރާޖަސްތާނުގައި ވެސް ވަނީ މަރުވެފަ އެވެ. އެ ސްޓޭޓްގައި މި ބޭހުން ކުދިން މަރުވެ އަދި ބަލިވި މައްސަލައިގައި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމުން އެއީ ރައްކާތެރި ބޭހެއްކަން ކަށަވަރުކޮށްދޭން އެ މީހުންގެ ކުރިމަތީ ބޭސް ބުއި ސީނިއާ ޑޮކްޓަރަކު އޭގެ އިރުކޮޅެއް ފަހު އޭނާގެ ކާރު ތެރޭ ޚަބަރު ހުސްވެފައި އޮއްވައި ވެސް ފެނިފައިވެ އެވެ.

މި ކުދިން މަރުވީ ކެއްސާތީ ދިން ބޭހަށް ފަހުގައި ކަމަށް ޝައްކުވީ ކުދިން މަރުވި ގޮތާ މެދު ސުވާލު އުފެދުމުން އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބެލި ބެލުމުގައި އެ ހުރިހާ ކުދިން ވެސް މި ބޭސް ބޭނުންކޮށްފައިވާކަން އެނގުމާ އެކުގަ އެވެ.

އިންޑިއާގެ ޓެމިލް ނާޑޫ ހިމެނޭހެން އެހެން ބައެއް ސްޓޭޓްތަކުގައި ވެސް މިހާރު ވަނީ ބޭހުގެ ޓެސްޓުތަކުގެ ނަތީޖާ ލިބި، މަރުތަކުގެ ހަގީގަތް އެނގެންދެން މި ބޭސް މަނާކޮށްފަ އެވެ. އެހެންވެ، އެ ބޭސް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވަނީ އަންގައިފަ އެވެ.

ޓެމިލް ނާޑޫގެ ޑްރަގްސް ކޮންޓްރޯލްގެ ޑެޕިއުޓީ ޑިރެކްޓަރު އަދި ކޮންޓްރޯލިން އެންޑް ލައިސަންސިން އޮތޯރިޓީގެ ވެރިޔާ އެސް ގުރުބާތީ ވިދާޅުވި ގޮތުގައި އެ ސްޓޭޓުގެ ޑްރަގް އިންސްޕެކްޓަރުންނަށް މިހާރު ވަނީ ފާމަސީތަކުގައި ކޯލްޑްރިފް ވިއްކުން ހުއްޓުވަން އަންގައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ބޭސް ނިސްބަތްވާ ބެޗުގެ ސާމްޕަލަކާއި އެ ބޭސް އުފެއްދި ކުންފުނިން ހަމަ އެ ކޮމްބިނޭޝަނުގައި ހަދާފައިވާ އެހެން ހަތަރު ބޭހެއްގެ ސާމްޕަލް މިހާރު ވަނީ ޓެސްޓްކުރަން ފޮނުވައިފަ އެވެ. މި ބޭސްތައް ތައްޔާރު ކުރަނީ ސަންގުވަރްޗަތުރަމްގައި ހުންނަ ސްރެސަން ފާމަސޫޓިކަލްސް އިންނެވެ.

މަދްޔަ ޕްރަދޭޝްގެ ޑްރަގް ކޮންޓްރޯލަރު ދިނޭޝް ކުމާރު މައުރިޔާ، ޓެމިލް ނާޑޫގެ ޑްރަގް ކޮންޓްރޯލަރަށް އަންގާފައިވާ ގޮތުގައި ސާމްޕަލް ނަގާފައި ކޮލްޑްރިފް ސިރަޕްގެ ބެޗް ނަމްބަރު އެސްއާރް-13 (މެއި 2025) އިންނެވެ، ފެނީލެފްރިން ހެލް، ކްލޯރްފެނިރަމިން މެލްކޭޓް ސިރަޕް (ކޯލްޑްރިފް) މި ބެޗުގެ މުއްދަތު ހަމަވާ ތާރީހަކީ އޭޕްރީލް 2027 އެވެ. މި ބޭސް އުފައްދާފައި ވަނީ ކަންޗީޕޫރަމް ޑިސްޓްރިކްޓްގެ ސަންގުވަރްޗަތުރަމްގައި ހުންނަ މެސާސް ސްރެސްން ފާމާ އިންނެވެ.

ޔޫނިއަން ހެލްތު މިނިސްޓްރީން ވަނީ އެ ސިރަޕްތަކުގައި، ކިޑްނީއަށް ގެއްލުންދޭ ވިހަ ކެމިކަލެއް ކަމަށްވާ ޑައިތިލީން ގްލައިކޯލް ހުރި ކަމަށް ބުނާ ރިޕޯޓުތަކުގެ އެ މައްސަލަ ބަލަން ފަށައިފަ އެވެ. މިނިސްޓްރީން ބުނީ ބޭސް ދިނުމުން މަރުވެ އަދި ބަލިވި ކުދިންގެ ސާމްޕަލްތައް ވެސް ޓެސްޓުކުރަމުން އަންނަ ކަމަށެވެ.

އިންޑިއާގައި މީގެ ކުރިން ވެސް ވަނީ ކެއްސާތީ ދޭ ބޭހުގައި މިފަދަ މައްސަލަތައް ދިމާވެ ކުދިން މަރުވެފަ އެވެ.