28 މާޗް 2017 - 09:42

ލަންޑަން (މާޗް 28) - އާސެނަލްގައި މަޑުކުރުމާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށާއި އެ ޓީމުން އޭނާ ވިއްކާނުލާނެ ކަމަށް ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ބުނެފި އެވެ.
އޮޒިލް އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ނިޔަލަށް ހަމަވާނެ އެވެ. މި ސީޒަން ފެށުނީއްސުރެ އާސެނަލުން އަންނަނީ އުމުރުން 28 އަހަރުގެ އޮޒިލްއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމަށް މަޝްވަރާކުރަމުންނެވެ. އެހެން ނަމަވެސް އެކަމަށް އަދި އަލިމަގެއް ފެނިފައިނުވާއިރު މީޑިއާ ރިޕޯޓްތައް ބުނާގޮތުން އާސެނަލުން އަންނަނީ އޮޒިލް ވިއްކާލުމަށް ބައެއް ކްލަބްތަކާ ވާހަކަ ދައްކަމުންނެވެ.
"އަހަރެންގެ އެއްބަސްވުން އަންނަ އަހަރުގެ ނިޔަލަށް އެބައޮތް. އެއްބަސްވުން އާ ކުރުމާ މެދު ވަރަށް ގިނަ ވާހަކަތައް އެބަދެކެވޭ. މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން. އާސެނަލުން އަހަރެން ވިއްކާލުމުގެ ވާހަކައެއް ނުދައްކާ،" އޮޒިލް ބުންޏެވެ.
އޮޒިލް ވަނީ މީގެ ކުރިން އޭނާގެ މުސްތަގުބަލު ބިނާވެފައިއޮތީ އާސެނަލްގެ ކޯޗު އާސެން ވެންގާއާ ގުޅިފައިކަމަށް ބުނެފަ އެވެ. މި ސީޒަނުގެ ނިޔަލަށް ވެންގާ އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އަންނަ ސީޒަނުގައި ވެންގާ އާސެނަލުން ފެނުމުުގެ ފުރުސަތު ކުޑަ އެވެ.
"ވެންގާ ކްލަބްގައި މަޑުކުރުމަކީ އެހެން ކަމެއް. އެއީ ކްލަބްގެ ވެރިންގެ ޒިންމާއެއް. ކުޅުންތެރިންގެ ވިސްނުމަކީ އޭރަކު ހުންނަ ކޯޗަކާ އެކު މަސައްކަތް ކުރުން. ވެންގާ އަކީ އަހަރެން އާސެނަލަށް ބަދަލުވުމުގެ މައިގަނޑު އެއް ސަބަބު. އެކަމަކު އަހަރެން ކްލަބްގައި ހުުރުމަކީ އަހަރެންގެ އިހުތިޔާރުގައި އޮތް ކަމެއް،" އޮޒިލް ބުންޏެވެ.
އޮޒިލް ވަނީ ޖަރުމަނާ އެކު 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. ކުރިން ޖަރުމަނުގެ ޝާލްކާ އާއި ވާޑާ ބްރެމެން އަދި ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑަށް ކުޅުނު ނަމަވެސް އޮޒިލް އަށް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިނުވެ އެވެ.
އާސެނަލަށް ޓީމުގެ ތާރީހުގައި އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިނުވެ އެވެ. އޮޒިލް ބުނީ އާސެނަލާ އެކު ވެސް އޭނާ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
"ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ އަހަރެންގެ ހުވަފެނެއް. ކީއްވެ އަހަންނަށް އާސެނަލްގައި ހުރެ ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވެންވީ؟ އާސެނަލް މި ވަގުތުގައި އުނދަގޫ ހާލަތެއްގައި އޮތް ނަމަވެސް މި ކްލަބްގައި ތިބި ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެ،" އޮޒިލް ބުންޏެވެ.
އޮޒިލް ހޯދަން ތުރުކީގެ ގަލަސަތަރާއި އާއި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަދި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.