17 މެއި 2016 - 21:31

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީން ހޯދި ކާމިޔާބީން ހިތްވަރު ހޯދައި، އިންގްލެންޑުން އަންނަ މަހު ފަށާ ޔޫރޯ މުބާރާތް ކާމިޔާބު ކުރުމަށް އިންގްލަންޑް ކޯޗު ރޯއި ހޮޖްސަން ގޮވާލައިފިއެވެ.
އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހު ފްރާންސްގައި ފަށާ ޔޫރޯ މުބާރަތަށް އިންގްލެންޑުގެ ވަގުތީ ސްކޮޑު ހޯމަ ދުވަހު އިއުލާނުކުރި ހޮޖްސަން ބުނީ 1992 ވަނަ އަހަރު ޑެންމާކުން އަދި 2004 ވަނަ ގްރީސް އިން ޔޫރޯ ކާމިޔާބު ކުރުމަކީ އެއްވެސް މީހަކު ހުވަފެނުގައި ވެސް ނުދެކޭ ފަދަ ކާމިޔާބީ ތަކެއް ކަމަށެވެ.
އަދި އިންގްލެންޑުގެ ކުޅަދާނަ އަދި ޒުވާން ޓީމުން އެ ކާމިޔާބީ ތަކުގެ އިތުރުން ލެސްޓާ ސިޓީގެ ދުނިޔެ ސިއްސުވާލި ކާމިޔާބީން ހިތްވަރު ލިބިގަންނަންޖެހޭ ކަމުގައި އޭނާ ބުންޏެވެ.
"އެންމެންވެސް އުއްމީދު ކުރަންޖެހޭ. އެންމެންވެސް އެ ހުވަފެން ދެކެންޖެހޭ. އެ ގޮތަށް އެންމެން އެކުގައި ދެކިއްޖެނަމަ، އެކަން ނުވާންވީ ސަބަބެއް ނެތް،" 68 އަހަރުގެ ތަޖުރިބާކާރު ކޯޗު ބުންޏެވެ.
މިފަހަރުގެ ޔޫރޯއަށް ފަހު ކޮންޓްރެކްޓް ހަމަވާ ހޮޖްސަންވަނީ މިއަހަރުގެ އިނގިރޭސި ލީގުގައި ވިދާލި، ޑޭލީ އަލީ، ރޮސް ބާކްލީ، ޖޯން ސްޓޯންސް އަދި ރަހީމް ސްޓާލިންގް ފަދަ ޒުވާން ކުޅުންތެރިން ވަގުތީ ސްކޮޑްގައި ހިމަނާފައެވެ. އަދި މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވަޑު މާކަސް ރެޝްފަޑް ވެސް 26 މީހުންގެ ވަގުތީ ސްކޮޑުން ވަނީ ޖާގަ ހޯދާފައެވެ.
"ހަގީގަތަކީ އަހަރެން އަދިވެސް މިހުރީ ކުރިއަށްދާ ގޮތަށް. އަހަރެން މިހުރީ އުފާލާއެކީ ކުރިއަށްދާން،" އިނގިރޭސި ލީގުގެ ޓޮޓެންހަމް އަދި ލިވާޕޫލަށް ވެސް ކޯޗުކަން ކޮށްދީފައިވާ ހޮޖްސަން ބުންޏެވެ.
"އެކަމަކު ފަހު ބަސް ބުނާނީ އިނގިރޭސި އެފްއޭ އިން. ކާކު ބޭނުންވާނީ މިފަދަ ޒުވާން ސްކޮޑަކާއި އެކީ ކުރިއަށް ނުގޮސް ހުށްޓާލަން؟" ޔޫރޯ 2012 ގައި އިނގިރޭސި ޓީމު ކުއާޓާ އާއި ހަމައަށް ގެންގޮސްދިން ހޮޖްސަން ބުންޏެވެ.