އޮޑިން އެއްވަނައިގައި ދަމަހައްޓައި ލީގު ބްރޭކަށް!
އޮޑިން އެއްވަނައިގައި ދަމަހައްޓައި ލީގު ބްރޭކަށް!

ވިކްޓަރީގެ މައްޗަށް 3-2 ގެ ނަތީޖާއަކުން މޮޅުވެ، އޮޑި ސްޕޯޓްސްއިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއްވަނަ މަގާމު ދަމަހައްޓައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗަށް ފަހު ލީގު މެދުކަނޑާލީ އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅޭ ދެ މެޗަށެވެ.

ލީގުގައި ކޮންމެ ޓީމަކުން ވެސް ވަނީ ތިން މެޗު ކުޅެފަ އެވެ. އޮޑި އާއި ނިއު ރޭޑިއަންޓް އަދި މާޒިޔާއިން ވަނީ އެ ޓީމުތައް ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ.

ލީގުގެ އެއްވަނަ މަގާމު ރޭސް އެ ތިން ޓީމުގެ މެދުގައި ވާދަވެރިކަން ބޮޑެވެ. ތިން ޓީމަށް ވެސް ނުވަ ޕޮއިންޓެވެ.

އޮޑި އަށް އެއްވަނަ ލިބެނީ ފައިދާ ގޯލުން ކުރި ލިބޭތީ އެވެ. ދެވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ތިންވަނައިގައި އޮތް މާޒިޔާ އަށް ވެސް އޮތީ ފައިދާ 10 ގޯލެވެ. އޮޑި އަށް 11 ގޯލެވެ.

ވިކްޓަރީގެ ކޯޗުކަމަށް ހަމަޖެއްސި ސްލޮވާކިއާގެ ޖޯޖްލީ ގެރީ އެ ޓީމުގެ ކޯޗުގެ ގޮތުގައި ތައާރަފު ކުރި ނަމަވެސް، ބެންޗުގައި އޭނާ ނެތެވެ. އޭނާ ހުރީ ދަނޑު ބޭރުގައި މެޗު ބަލާށެވެ.

މެޗުގައި ވެސް ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު އާދަމް އަބްދުއް ލަތީފް (ލައްޗޭ) އެވެ. ސީޒަނަށް ލަހުން ތައްޔާރުވާން ފެށި ވިކްޓަރީގެ ޕްރެކްޓިސް ކުރިއަށް ގެންގޮސް މެޗުތަކަށް ޓީމު ތައްޔާރު ކުރީ ލައްޗޭގެ ބެލުމުގެދަށުންނެވެ.

ގެރީ ޓީމާ އެކު ރަސްމީކޮށް މަސައްކަތަށް ނުކުންނާނީ ލީގު މެދުކަނޑާލުމުން ލިބޭ ބްރޭކްގަ އެވެ.

އޮޑި އާއި ވިކްޓަރީއަކީ އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަނުގެ ގަދަ ދެ ޓީމުގެ ގޮތުގައި އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްވި ދެ ޓީމެވެ. ދެވަނަ ޑިވިޝަންގެ ފައިނަލު މެޗު ވެސް އޮޑިން ވިކްޓަރީ ބަލި ކުރީ 3-2 ންނެވެ.

އެއްވަނަ ޑިވިޝަނުގައި ވެސް އޮޑި ފެންނަނީ ރަނގަޅު ފޯމެއްގަ އެވެ. ލަހުން ތައްޔާރުވާން ފެށި ވިކްޓަރީން ވެސް މެޗަކަށް ފަހު މެޗަކުން ކުޅުމުގެ ފެންވަރު ރަނގަޅު ކުރި މަންޒަރު މި މެޗުގައި ވެސް ފެނުނެވެ.

އޮޑިން ވިކްޓަރީގެ ގޯލް ހުޅުވީ، ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ލިބުނު ޕެނަލްޓީންނެވެ.

ވިކްޓަރީގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) އޮޑީގެ މުޒުދާން ހަސަން އަށް ކުރި ފައުލުގައި ދިން ޕެނަލްޓީން އޮޑީގެ ލަނޑު ޖެހީ ލިތުއޭނިއާގެ ފޯވާޑް ކަރޯލިސް ލާކްޒިމްސް އެވެ.

ވިކްޓަރީ އަށް ނަތީޖާ ހަމަހަމަކޮށް ދިނީ 72 ވަނަ މިނެޓްގައި އަހްމަދު ނަޝާހް އެވެ.

އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށް ދޭން އެ ޓީމުގެ އަލީ ޝާމިސް (ތޮއްޕެ) ކުރި މަސައްކަތް ފާހަގަވި އެވެ. އޮޑީގެ އޭރިއާގެ ތެރެއަށް ބޯޅަ ހިފައިގެން ވަދެ، ޝާމިސް އެ ބޯޅަ ހުރަސްކޮށް ދިނީ އޮޑީގެ ދެ ޑިފެންޑަރުން ވިއްދާފައި ތިއްބަ އެވެ. އެ ބޯޅަ ގޯލް ކުރިމައްޗަށް ހުރަކޮށްދިނުމުން ނަޝާހް އޭރިއާ ތެރެއަށް އަރައި ބޯޅަ ގޯލަށް ފޮނުވާލި އެވެ.

ނަތީޖާ ހަމަހަމަކޮށްލައިގެން މާ ގިނައިރު އޮންނާކަށް ވިކްޓަރީ އަށް، އޮޑިން ފުރުސަތެއް ނުދިނެވެ. މިފަހަރު ވެސް އެ ޓީމަށް ލީޑް ނަގައި ދިނީ ކަރޯލިސް އެވެ.

ގާތްގަނޑަކަށް އޭގެ 10 މިނެޓް ފަހުން އޮޑިން ލީޑް ފުޅާ ކުރި އެވެ. ވިކްޓަރީގެ އޭރިއާގެ އަރިމަތިން އަހްމަދު އައިހަމް އަރައި ދިން ބޯޅައިން އަހްޒަމް ރަޝީދު އޮޑީގެ ތިންވަނަ ލަނޑު ޖެހި އެވެ.

ވިކްޓަރީގެ ދެވަނަ ލަނޑަކީ ހުސައިން ނިޔާޒު މުހައްމަދު (ބޮކްރީ) ބައިސްކަލް ކިކަކުން ވައްދާލި ލަނޑެވެ.