02 އޮކްޓޯބަރ 2025 - 22:55

އަންހެނުން ވިޔަފާރީގެ ދާއިރާ އަށް ނުކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މުޅިން އާ ފައިނޭންސިން ސްކީމެއް އަންނަ މަހު ތައާރަފު ކުރަން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ، އެ ސްކީމުގެ ބޭނުމަކީ އަންހެނުން ވިޔަފާރީގެ ދާއިރާ އަށް ނެރުމަށް ހިތްވަރު ދިނުމާއި ވިޔަފާރީގައި ހަރާކާތްތެރިވާ އަންހެން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި އަންހެނުން ބާރުވެރި ކުރުވައި، އިގްތިސާދީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތައް ކުރިއެރުވުމަކީ އެ ސްކީމުގެ އެއް ބޭނުން ކަމަށް އެސްޑީއެފްސީން ބުންޏެވެ. .
އެ ސްކީމުގެ ދަށުން ތަފާތު އެކި ދާއިރާތަކުން ވިޔަފާރި ކުރަން ބޭނުންވާ ފަރާތަކުން އެސްޑީއެފްސީއިން ފައިނޭންސިން ދޭނެ އެވެ. އެ ސްކީމަށް ނޮވެމްބަރު މަހު އެޕްލިކޭޝަނަށް ހުޅުވާލާނެ އެވެ.
އެޕްލިކޭޝަން ބަލައިގަންނާނީ އެ ކުންފުނީގެ ވެބްސައިޓުގައިވާ 'އެސްއެމްއީ ޕޯޓަލް' މެދުވެރިކޮށެވެ.
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ، ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ ހުނަރާއި ގާބިލުކަން ދެއްކުމަށް އާ ސްކީމުން އިތުރު ފުރުސަތެއް ލިބޭނެ ކަމަށެވެ. އެ ސްކީމުގެ ދަށުން ފައިނޭންސް ހޯދާ މީހުންނަށް ލުއި ގޮތްތަކެއްގެ ތެރެއިން އަނބުރާ ފައިސާ ދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ސަބަބުން އަންހެނުންނަށް ވިޔަފާރީގެ ދާއިރާއަށް ނުކުމެ، އަމިއްލަ މަސައްކަތް ފެށުމަށާއި ދެމިގެންދާނެ އިގްތިސާދީ ކުރިއެރުމެއް ހޯދުމަށް މަގު ތަނަވަސްވެގެންދާނެ. އެ ފަރާތްތަކަށް މި ފުރުސަތު ލިބިގެންދިއުމާ އެކު، ގިނަ ފަރާތްތަކަކަށް އެ ފަރާތްތަކުގެ ވިޔަފާރީގެ ލަނޑުދަނޑިތައް ހާސިލުކޮށް، ވިޔަފާރީގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާނެ ކަމަށް އުންމީދު ކުރެވޭ،" ބަދުރުއްދީން ވިދާޅުވި އެވެ.
އަލަށް އިއުލާނު ކުރި ސްކީމްގެ އިތުރުން، އެސްޑީއެފްސީން މިހާރު ވެސް އަންނަނީ އިކޮނޮމިކް މިނިސްޓްރީ އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާ ގުޅިގެން "ފަށާ މަދަދު ލޯނު" ސްކީމުގެ ދަށުން ފައިނޭންސިން ދޫކުރަމުންނެވެ. މިދިޔަ އަހަރުގެ ފެށި 100 މިލިއަން ރުފިޔާގެ އެ ސްކީމް ހިންގަނީ ފަސް ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ކޮންމެ ފިޔަވައްސަކަށް 20 މިލިއަން ރުފިޔާ ކަނޑައަޅައި އަދި ކޮންމެ ފިޔަވައްސެއްގައި 25 ޕަސެންޓު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް "ފަށާ މަދަދު ލޯނު" ސްކީމްގައި ވަނީ ހާއްސަކޮށްފަ އެވެ. އެ ސްކީމުގެ ދެ ވަނަ ބުރަށް އެޕްލިކޭޝަންތައް މިހާރު އަންނަނީ ބަލައިގަންނަމުންނެވެ.