ކިލޯއަކަށް ވުރެ ގިނަ ޑްރަގް ފެނުނު މައްސަލައެއް ޕީޖީން އަނބުރާ ގެންގޮސްފި
ކިލޯއަކަށް ވުރެ ގިނަ ޑްރަގް ފެނުނު މައްސަލައެއް ޕީޖީން އަނބުރާ ގެންގޮސްފި

ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށް ވުރެ ގިނަ ޑްރަގް ފެނުނު މައްސަލައެއް ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.

ޑިސެމްބަރު، 2017 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެއެއް ފާސްކުރަނިކޮށް މަސްތުވާތަކެތި ފެނުނީ އެތަނުން ފެނުނު ސައިކަލެއްގެ ރިމޯޓަށް ފިއްތާލުމުން، އެގޭ ކައިރީގައި ހުރި ސައިކަލަކުން އެލާމް އެޅުމުން، އެ ސައިކަލު ފާސް ކުރިއިރު އެވެ. އެ ސައިކަލުގެ މަޑިދަށުން ފެނުނު ފްލާސްޓިކް ކޮތަޅަކުން 1.2‏ ކިލޯއަށް ވުރެ ކެނަބިސް ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރީ މ. ބޮއިލިންފިޝް އަހުމަދު ވިސާމްގެ މައްޗަށެވެ.

ނަމަވެސް ޖެނުއަރީ، 2020 ގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ ވިސާމްގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުނުވާ ކަމަށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމަށްފަހު އެ މައްސަލަ އަނބުރާ ގެންދަން ދައުލަތުން ހައި ކޯޓަށް ސިޓީ ފޮނުވީ މިދިޔަ އޮގަސްޓް މަހު އެވެ.

އެހެންވެ، އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން އެ މައްސަލަ ބާތިލުކޮށްފައިވާ ކަމަށް ހައި ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވެ އެވެ.

2020 ވަނަ އަހަރު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 61 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި 11 މީހުންގެ ތެރޭގައި ވިސާމް ވެސް ހިމެނެ އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިން އޮތީ ހުކުމްކޮށްފަ އެވެ.

ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ހިންގި އެ އޮޕަރޭޝަނުގައި އެމީހުން ހައްޔަރުކުރީ އެ މީހުން މަސްތުވާތަކެތި ބަލައި ދިޔަ އިރުއަލިމަސް ދޯނީގެ އިތުރުން މާލެ އާއި ހުޅުމާލެއިން ހަތަރު ގެއެއް ބަލައި ފާސްކުރުމަށް ފަހު އެވެ.