އެމްއެމްޕީއާރުސީ ކޮރަޕްޝަނާ ގުޅިގެން 123 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެންގިން: އޭސީސީ
އެމްއެމްޕީއާރުސީ ކޮރަޕްޝަނާ ގުޅިގެން 123 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެންގިން: އޭސީސީ

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ 161 މައްސަލައެއް މިހާތަނަށް ތަހުގީގުކޮށް ނިންމާފައިވާ ކަމަށާއި އެ މައްސަލަތަކާ ގުޅިގެން 123.7 މިލިއަން ރުފިޔާ އަނބުރާ ހޯދަން ކަމާގުޅޭ އިދާރާތަކަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ 161 މައްސަލައިގެ ތަހުގީގު ނިންމައި މިހާރު އޮތީ ގޮތް ނިންމުމުގެ މަރުހަލާގައި ކަމަށެވެ. އަދި މިވަގުތު 37 މައްސަލައެއް ތަހުގީގު ކުރަމުން އަންނައިރު 15 މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން ކުރިއަށްދާ ކަމަށް ބުންޏެވެ.

އޭސީސީން ބުނި ގޮތުގައި އެ ކޮމިޝަނުގެ ތަހުގީގުތަކުގައި އަމަލުކުރަމުންދަނީ ގާނޫނުއަސާސީ އާއި ކޮމިޝަނުގެ ގާނޫނާއި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ކަނޑައަޅާފައިވާ އުސޫލުތަކާ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި އެ ކޮމިޝަނުން ގާނޫނީ މަސްއޫލިއްޔަތު އަދާކުރަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އޭސީސީން ބުނީ ކޮމިޝަނުގެ ފަންނީ އަދި އެހެނިހެން ގާބިލުކަން ތަންދޭ އެންމެ މަތީ މިންވަރެއްގައި ތަހުގީގުތައް އަަވަސްކޮށް ފިޔަވަަޅު އަޅާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުކުރިއަށްދާ ގޮތް އެ ކޮމިޝަނުން އާންމުކޮށްފައި މިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގައި ހިމެނޭ އެންމެންގެ ތަހުގީގުތައް ގޮސްފައިވާ ހިސާބު ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް އަންނަ ބުދަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެ އޮފީހުން އަންގާފައި ވަނިކޮށެވެ.

ޕީޖީން ވަނީ އެ މައްސަލަތަކުގައި އެ އޮފީހުގެ އެހީތެރިކަން އޭސީސީއަށް 24 ގަޑިއިރު ލިބޭނެ ގޮތް ހެދުމުގެ ގޮތުން ޕްރޮސިކިއުޝަން ޓީމުތަކެއް އެކުލަވާލައިފަ އެވެ. އަދި އެ މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅު އެޅުމުގެ ގޮތުން އެ މައްސަލަތަކުން ނުހައްގު މަންފާ ލިބިފައިވާ އާންމު މީހުންގެ ތަހުގީގުތަކުގައި ފުލުހުން ބައިވެރިކޮށްގެން ފުޅާ ތަހުގީގެއް ކުރިއަށް ގެންދިއުމަށް ވެސް އޭސީސީއަށް އަންގާފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ސާބިތުވި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އިތުރުން ހިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ވެރިންނާ އެކު ދައުލަތުން ހަދާފައިވާ ލުއި ދިނުމުގެ އެއްބަސްވުންތައް އުވާލަން ޕީޖީން ވަނީ މިދިޔަ ޖެނުއަރީ މަހު ނިންމައިފަ އެވެ.

އެމީހުންނަށް ލުއި ދިނުމުގެ އެއްބަސްވުންތައް ކުރީ ސަރުކާރުން ހެދީ އެ ތަހުގީގު ކުރިއަށް ގެންދިއުމަށާއި ގެއްލިފައިވާ ފައިސާ ހޯދުމަށް އެހީވާނެ ކަމަށް ބުނެފައިވާތީ އެވެ. އެކަމަކު އެ އެއްބަސްވުން ހެދިޔަސް އެކަމަށް އެހީ ލިބިފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.