ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ 5 ހަފްތާ ތެރޭގައި ދޭނެ: ރައީސް
ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ 5 ހަފްތާ ތެރޭގައި ދޭނެ: ރައީސް

ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ކުރިއަށް އޮތް 5 ހަފްތާގެ ތެރޭގައި އެއްކޮށްދީ ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި މިރޭ ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ވިޔަފާރިތައް މެދުވެރިކޮށް އެކި މަސައްކަތްތައް ސަރުކާރުން ކުރުވުމަށްފަހު ފައިސާ ނުދީ ހުރި އެތައް ހާސް ބިލެއް އޮތް ކަމަށެވެ.

އޭގެ ތެރެއިން ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ބިލުތަކަށް ދައްކަންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފްތާގެ ތެރޭގައި ދައްކައި، ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު މިހާރު ނުދީ އޮތީ ކިހާ އަދަދެއް ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެކަމަކީ ފުން އަނދަވަޅެއްގައި އޮތް އިގްތިސާދު ކޮޅަށް ނެގުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލުކުރެވޭ ވަރަށް ބޮޑު ކާމިޔާބީ އެކެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދިވެހި ކުންފުނިތަކަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފައިސާ ދޫކުރެވޭނެ ގޮތްތަކެއް ހޯދައި އެކަމަށް ތައްޔާރުވާން މީގެ ކުޑަދުވަސްކޮޅެއް ކުރިން ރައީސް އެދިވަޑައިގަތް ކަމަށެވެ. އެހެންވެ، އެ މަސައްކަތްކުރަމުންދާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"އެހެންވެ އެކަމަށް އަޅުގަނޑުމެން މަސައްކަތްތަކެއްކޮށް މަގުތަކެއް މިހާރު ވަނީ ފަހިކޮށްފައި. އިރާދަކުރެއްވިއްޔާ ރައީސް ވިދާޅުވި ގޮތަށް އެ ފައިސާ ދޫކުރަމުން ދާނެ." ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ކުންފުނިތަކަށް ނުދައްކާ ހުރި ފައިސާގެ ތެރޭގައި އެމްޑީޕީގެ ވެރިކަން ނިމުނުއިރު ވެސް ނުދައްކާ ހުރި ފައިސާ ހިމެނެ އެވެ.

މިއަހަރުގެ ކުރީކޮޅު ގއ. އާއި ގދ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ގދ. ހޯނޑެއްދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ 500 މިލިއަން ރުފިޔާ އޭރު އޮތެވެ. އެ ފައިސާ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ދައްކާ ހަލާސްކުރާނެ ކަމަށް އޭރު އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭގައި ރައީސް ވިދާޅުވެފައިވަނީ 51 ހަފްތާ ތެރޭގައި ސަރުކާރުން ކުންފުނިތަކަށް 6.6 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.