އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގުގެ ތަފްސީލު ހޯދައި، ފުލުހުންނާ ގުޅިގެން ތަހުގީގު ފުޅާކުރަން ޕީޖީން އަންގައިފި
އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގުގެ ތަފްސީލު ހޯދައި، ފުލުހުންނާ ގުޅިގެން ތަހުގީގު ފުޅާކުރަން ޕީޖީން އަންގައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގައި ހިމެނޭ އެންމެންގެ ތަހުގީގުތައް ގޮސްފައިވާ ހިސާބު ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް އަންނަ ބުދަ ދުވަހުގެ ކުރިން ހުށަހެޅުމަށާއި އަދި ފުލުހުން ބައިވެރިކޮށްގެން ތަހުގީގު ފުޅާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޕީޖީ އޮފީހުން އަންގައިފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ސާބިތުވި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އިތުރުން ހިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ވެރިންނާ އެކު ދައުލަތުން ހަދާފައިވާ ލުއި ދިނުމުގެ އެއްބަސްވުންތައް އުވާލަން ޕީޖީން ވަނީ މިދިޔަ ޖެނުއަރީ މަހު ނިންމައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް އިއުތިރާފުވުމުން ކުށް ސާބިތުވި އަދީބާއި އެކަމުގައި ހިމެނޭ ކަމަށް ތުހުމަތުވި ފަރާތްތަކަށް ލުއި ދިނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޕީޖީން ހެދި އެއްބަސްވުންތަކެއްގެ ދަށުންނެވެ. އޭރު އެ ތަހުގީގު، ހިންގީ އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އެކުލަވާލައި ތަހުގީގީ އިދާރާތައް ގުޅިގެންނެވެ.

އެ މައްސަލާގައި ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލުއި ދިނުމުގެ އެއްބަސްވުންތައް އުވާލުމަށްފަހު އެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބު އެ އޮފީހަށް އަންނަ ބުދަ ދުވަހުގެ ކުރިން ފޮނުވަން އޭސީީސީއަށް އަންގާފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެެވެ.

ޕީޖީން ބުނީ އެ މައްސަލަތަކުގައި އެ އޮފީހުގެ އެހީތެރިކަން އޭސީސީއަށް 24 ގަޑިއިރު ލިބޭނެ ގޮތް ހެދުމުގެ ގޮތުން ޕްރޮސިކިއުޝަން ޓީމުތަކެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅު އެޅުމުގެ ގޮތުން އެ މައްސަލަތަކުން ނުހައްގު މަންފާ ލިބިފައިވާ އާންމު މީހުންގެ ތަހުގީގުތަކުގައި ފުލުހުން ބައިވެރިކޮށްގެން ފުޅާ ތަހުގީގެއް ކުރިއަށް ގެންދިއުމަށް ވެސް އޭސީސީއަށް އަންގާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ޕީޖީން ބުނި ގޮތުގައި އެ މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް މަގުފަހި ކުރުމުގެ މަސައްކަތް ވެސް ކުރަމުން އެބަދެ އެވެ. އަދި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމުގެ މަސައްކަތް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިއުމަށް ވެސް މަސައްކަތްކުރާ ކަމަށް އެ އޮފީހުން ބުންޏެެވެ.

ހިޔާނާތުގައި ހިމެނޭ މީހުންނާ އެކު ދައުލަތުން އެއްބަސްވުން އޭރު ހެދީ އެ ތަހުގީގު ކުރިއަށް ގެންދިއުމަށާއި ގެއްލިފައިވާ ފައިސާ ހޯދުމަށް ނަމަވެސް އެ ތަހުގީގަށާއި އަދި ގެއްލިފައިވާ ފައިސާ ހޯދަން އެއްވެސް އެހީތެރިކަމެއް ލިބިފައިނުވާ ކަމަށް ޕީޖީ އޮފީހުން އޭރު ބުނެފައިވެ އެވެ.

ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ ފައިސާތައް އެންމެ ގިނައިން ޖަމާކުރީ އެސްއޯއެފް އަށެވެ. އަދި އެހެން ފަރާތްތަކަށް އެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ފޮނުވި ނަމަވެސް އެ ކުންފުނީގެ އެއްވެސް މީހަކަށް ދައުވާއެއް ނުކުރެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތުގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އިއުތިރާފް އެއްބަސްވުންތަކުގެ ސަބަބުން އަދީބަށް ވެސް ބޮޑެތި ލުއިތަކެއް ލިބުނެވެ. އަދި އަދީބުގެ މައްޗަށް އިއްވި 20 އަހަރުގެ ޖަލު ހުކުމް ވެސް އެމްޑީޕީގެ ވެރިކަމުގެ ފަހު ދުވަސްވަރު ލުއިކޮށްދީ، އަދީބު މިނިވަންކުރި އެވެ.