14 އަހަރަށް ފަހު ނައީމް އީޕީއޭ އިން ވަކިވެއްޖެ
14 އަހަރަށް ފަހު ނައީމް އީޕީއޭ އިން ވަކިވެއްޖެ

ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ޒިންމާތައް ކުރިން ހަވާލު ކޮށްފައިވާ އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް 14 އަހަރުގެ ހިދުމަތަށް ފަހު އެ އިދާރާ އިން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އީޕީއޭގެ ނަން އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ބަދަލުކޮށް، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާތަކެއް އެ އޮތޯރިޓީއާ ހަވާލުކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

އެ އޮތޯރިޓީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ 2011 ވަނަ އަހަރުން ފެށިގެން އީޕީއޭގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި ނައީމް ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ. ނައީމަށް އިތުރު ކާމިޔާބީ އަށް އެދި ކޮށްފައިވާ އެ ޕޯސްޓުގައި ވަނީ އޭނާ އެ އިދާރާ އަށް ކޮށްދެއްވި މަސައްކަތްތައް ހަނދާން ކުރާނެ ކަމަށާއި އެ މަސައްކަތުގެ އަގުވަޒަންކުރާ ކަމަށެވެ.

ނައީމަކީ އީޕީއޭގައި ހުންނަވައިގެން، އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ތިމާވެށީގެ ތަޖުރިބާކާރެކެވެ. ހާއްސަކޮށް ރާއްޖޭގެ ތިމާވެއްޓަށް އަސަރު ކުރާ ކަންކަން ހުއްޓުވައި، މީހުން ހޭލުންތެރި ކުރުވަން ބޮޑެތި މަސައްކަތްތަކެއް އޭނާ ކުރެއްވި އެވެ.

އީއާރުއޭގެ ހިންގުމަށް ގެނައި ބަދަލުގެ ދަށުން އެ ތަނުގެ އެންމެ އިސްވެރިޔާގެ މަގާމަކީ ޗީފް އެޑްމިނިސްޓްރޭޓަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ. އެ މަގާމަށް އައްޔަންކުރީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހައްސާން މުހައްމަދު އެވެ.

ޑިސެމްބަރު 18، 2008 ގައި އުފެއްދި އީޕީއޭ މިހާތަނަށް ހިންގަމުން އައީ ރައީސް އައްޔަން ކުރައްވާފައިވާ ހާއްސަ ގަވަނިން ބޯޑެއްގެ ލަފާގެ ދަށުންނެވެ. އެ ބޯޑުގައި ހަތް މެމްބަރަކު ތިއްބެވި އެވެ. ނަމަވެސް، އީޕީއޭ އަށް ގެނައި ބަދަލާ އެކު، އެ އިދާރާ މިހާރު ހިންގަނީ ސީދާ މިނިސްޓްރީގެ ދަށުންނެެވެ.