02 އޮކްޓޯބަރ 2025 - 16:58

ވެރިކަމުގައި ހުންނެވިއިރު، ޖަވާބުދާރީ ނުވެވޭ ވަރުގެ ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އަދި ފެނަކައިގެ އެއްވެސް ފައިސާއެއްގައި ޖެހިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ޔުޓިލިޓީ ހިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކަ ކޯޕަރޭޝަނާ ގުޅޭގޮތުން އޮޑިޓަ ޖެނެރަލްގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ރިޕޯޓުގައިވަނީ 2021 އިން 2023 އަށް އެ ކުންފުނީގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބިޑަށް ނުލައި ބިލިއަނުން ޕްރޮޖެކްޓުތައް ހަވާލުކުރުމާއި ނުއަގުގައި މަސައްކަތްތައް ހަވާލުކުރުން ފަދަ ކަންކަން ހިމެނެ އެވެ.
ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ގެންދަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް ވެސް ތަންފީޒު ކުރަމުންނެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު އިބޫއާ ސުވާލު ކުރެއްވީ ފެނަކައިގެ ތެރެއިން އެއްވެސް މާލީ ފައިދާއެއް ލިިބިވަޑައިގެންނެވިތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ ވެރިކަމުގައި ހުންނެވި މުއްދަތާއި އޭގެ ކުރިން ވެސް ދައުލަތުގެ ފައިސާގެ ތެރެއިން ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިނުގަންނަވާ ކަމަށާއި އަދި އެއްވެސް ފައިދާއެއް ވެސް ހޯއްދަވާފައި ނުވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"ފުރަތަމަ ކަމަކަށް ވެސް އަޅުގަނޑަށް ޖަވާބުދާރީ ނުވެވޭ ކަމެއް އަޅުގަނޑު ކޮށްފައެއް ނޯންނާނެ ވެރިކަމުގައި ހުރެ. ކޮށްފައި ހުރި ކޮންމެ ކަމެއް، އަޅާފައި ހުރި ކޮންމެ ފިޔަވަޅަކަށް އަޅުގަނޑަށް ޖަވާބުދާރީވާން ޖެހުނު ކޮންމެ ތަނެއްގައި އިރާދަކުރެއްވިއްޔާ ވެވޭނެ. ދައުލަތުގެ އަދި ރައްޔިތުންގެ ފައިސާގެ ތެރެއިން ލޯ ލާރިއެއްގައި ވެސް އަޅުގަނޑު ޖެހިފައެއް ނޯންނާނެ. ވެރިކަމުގައި ހުރި އިރު ވެސް އަދި، އޭގެ ކުރިން ވެސް،" އިބޫ ވިދާޅުވި އެވެ.
"އެހެންވީމާ، ފެނަކައިގެ ތި ވިދާޅުވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަހަލަ، އެއްވެސް ކަހަލަ ބެނެފިޓެއް، ފައިދާއެއް، ފައިސާއެއް އަޅުގަނޑާ ހިސާބަށް އައިސްފައެއް ނޯންނާނެ."
ފެނަކަ ރިޕޯޓަކީ ކުއްލިއަކަށް ދަންވަރު ގަޑީގައި ނެރުނު ރިޕޯޓެއްކަން ފާހަގަ ކުރައްވައި، އެމަނިކުފާނު އެ ރިޕޯޓު ސިފަކުރެއްވީ އެއީ ސިޔާސީ ރިޕޯޓެއްގެ ގޮތުގަ އެވެ.
ފެނަކައިގެ ބައެއް މައްސަލަތައް އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ވެސް އޭސީސީން ބަލަމުންދިޔަ ކަމަށާއި އޭގެ ތެރެއިން ވަރަށް ގިނަ މައްސަލަތައް އޭރު ފައިލް ކޮށްފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ބައެއް ކަންކަން އޭރު އިސްލާހު ކޮށްފައިވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
ފެނަކައިގެ މައްސަލާގައި ސައީދުގެ މައްޗަށް އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމަކީ ވެސް ވަކި މީހަކަށް ޓާގެޓުކޮށް އިއްވި ސިޔާސީ ހުކުމެއް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އެހެން ވިދާޅުވި ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު ނިމާލަށް ތުހުމަތު ކުރެވޭ މައްސަލަ 2022 ވަނަ އަހަރު ކޯޓަށް ފޮނުވާފައިވާއިރު ވެސް އެ މައްސަލަ ނުބަލާތީ ކަމަށް އިބޫ ވިދާޅުވި އެވެ.
ފެނަކައިގެ އޮޑިޓުގައި ވަނީ އެ ކުންފުނިން ހިންގާފައިވާ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިކޮށްފަ އެވެ.
އޭގެ ތެރޭގައި މާލީ ހާލަތަށް ނުބަލައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމާއި ބިޑަކާ ނުލާ 1.3 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހިންގަން ހަވާލުކުރުމާއި ސައީދުގެ އާއިލާގެ ކުންފުނިތަކަށް މަސައްކަތް ހަވާލުކޮށް 31 މިލިއަން ރުފިޔާ ދޫކޮށްފައިވުން ހިމެނެ އެވެ. މީގެ އިތުރުން ފެނަކަ މުވައްޒަފުންގެ އަތަށް ޕެޓީ ކޭޝްގެ ގޮތުގައި 26 މިލިއަން ރުފިޔާ ދިނުމާއި އޮފީސް އިމާރާތް އެޅުމަށް މާކެޓު އަގަށް ވުރެ 767 މިލިއަން އިތުރަށް ހޭދަކުރުމާއި ދަތުރުފަތުރަށް މާކެޓު ރޭޓަށް ވުރެ 48 މިލިއަން އިތުރަށް ހޭދަކުރުން ހިމެނެ އެވެ.