ނަފުސާނީ މައްސަލަތަކުގައި މަރުވާ މީހުންގެ ރޭޓް، ތިންބައިކުޅަ އެއްބައި މަދުކުރަން ސްޓްރެޓެޖީއެއް އިފުތިތާހުކޮށްފި
ނަފުސާނީ މައްސަލަތަކުގައި މަރުވާ މީހުންގެ ރޭޓް، ތިންބައިކުޅަ އެއްބައި މަދުކުރަން ސްޓްރެޓެޖީއެއް އިފުތިތާހުކޮށްފި

ނަފުސާނީ މައްސަލަތަކުގައި މަރުވާ މީހުންގެ ރޭޓް، ތިންބައިކުޅަ އެއްބައި މަދުކުރުމަށް ސްޓްރެޓެޖީއެއް މިއަދު އިފުތިތާހުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ނަފުސާނީ ބަލީގައި އަމިއްލަ އަށް މަރުވާ މީހުންގެ އަދަދު މަދުކުރުމަށް އިސްކަންދޭ ކަންކަމާއި އެ ކަންކަމަށް ހުރި ލަނޑުދަނޑިތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ސްޓްރެޓެޖީ އިފުތިތާހު ކޮށްދެއްވީ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. އަހުމަދު އަޝްރަފެވެ.

އެ ސްޓްރެޓެޖީގެ ބޭނުމަކީ ނަފުސާނީ ބަލީގައި އަމިއްލަ އަށް މަރުވުން ހުއްޓުވުމުގެ ސިޔާސަތުތައް ބައްޓަން ކުރުމާއި އިޖުތިމާއީ ހުނަރުތައް ދަސްކޮށްދިނުމާއި ނަފުސާނީ ސިއްހަތުގެ ހިދުމަތްތަކަށް ފަސޭހައިން ވާސިލްވެވޭނެ މަގު ތަނަވަސްކުރުމެވެ.

އޭގެ އިތުރުން ނާޒުކު ހާލަތުގައި ތިބި މީހުން ދެނެގަތުމާއި ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމުތައް ހަރުދަނާކުރުމާއި ޑިޖިޓަލް އަދި މީޑިއާ ހޭލުންތެރިކަން އިތުރުކުރުމާއި ބެލެނިވެރިންގެ ބައިވެރިވުން އިތުރުކުރުން ފަދަ މުހިންމު ކަންތައް ހިމެނެ އެވެ.

އެ ސްޓްރެޖީގެ ސަބަބުން، މި ފަދަ މައްސަލަތަކަށް ހުށަހެޅޭ މީހުން އަވަހަށް ދެނެގަނެ، އިތުރު އެހީ ބޭނުންވާ މީހުންނަށް ރިފަރަލްގެ ހިދުމަތް ފޯރުކޮށްދިނުމާއި ފަރުވާގެ ޕްރޮގްރާމްތަކުގައި ދެމިތިބުމަށް ބާރުއެޅުން އަދި ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން ހިމެނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ނަފުސާނީ ބަލީގައި އަމިއްލައަށް މަރުވުމަކީ ދުނިޔޭގެ އާންމު ސިއްހަތުގައި ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ކޮންމެ އަހަރަކު ވެސް 720،000 އަށް ވުރެ ގިނަ މީހުން އެކަމަށް ހުށަހެޅެ އެވެ. އެއީ، އެޗްއައިވީ/އެއިޑްސް، ހިމަބިހި، އުރަމަތީގެ ކެންސަރު ފަދަ ބަލިތަކުން މަރުވާ މީހުންގެ ރޭޓާ ބަލާއިރު އިތުރު އަދަދެކެވެ.

ރާއްޖޭގައި މީގެ ކުރިން ހަދާފައިވާ ދިރާސާތައް ދައްކާ ގޮތުގައި:

- ގެވެށި އަނިޔާ ތަޖުރިބާކުރި އަންހެނުންގެ ތެރެއިން 18.7 ޕަސެންޓު އަންހެނުން އަމިއްލަ އަށް މަރުވުމުގެ ހިޔާލު ގެންގުޅެފައިވޭ

- ގެވެށި އަނިޔާ ތަޖުރިބާކުރި އަންހެނުންގެ ތެރެއިން 14 ޕަސެންޓް އަންހެނުން އަމިއްލަ އަށް މަރުވާން މަސައްކަތް ކޮށްފައިވޭ

- ކޮންމެ 20 މީހުންގެ ތެރެއިން އެކަކު، އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ނުވަތަ އަމިއްލައަށް މަރުވުމުގެ ހިޔާލު ހުރޭ

އެ ޕްލޭނާ ގުޅިގެން މިނިސްޓްރީން ނެރުނު ލިޔުމުގައި ބުނީ މުޖުތަމައުގެ ހާލަތު ބަދަލުވަމުންދާ ގޮތުންނާއި ތަފާތު އެކި ސަބަބުތަކާ ހެދި ގިނަ ބަޔަކު ނަފުސާނީ ސިއްހީ އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެކަށީގެންވާ ތައުލީމީ ފެންވަރެއް ނެތުމާއި ފައިސާގެ ދަތިކަމާއި ޖިންސީ ގޯނާ ކުރުމާއި ގެވެށި އަނިޔާ އަދި ގިނަ ދުވަހު މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ނަފްސާނީ ބަލީގެ ޝިކާރައަކަށްވާ މީހުންގެ އަދަދު ގިނަ ކަމަށް ވެސް ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ކޮވިޑުގެ ބަލިމަޑުކަމަކީ ނަފްސާނީ ބަލިމަޑުކަން ދެ ގުނައަށް އިތުރުވެ، ޑިޕްރެޝަނާއި ހާސްކަމާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވުމުގެ މައްސަލަތައް އިތުރުވަމުން ދިޔަ ކަމެކެވެ.

"ރާއްޖޭގައި ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވާ ހާދިސާތައް އިތުރުވަމުން ދިއުމާ ގުޅިގެން މިކަން ވަނީ ގައުމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ނާޒުކު މައްސަލައަކަށް ބަދަލުވެފަ އެވެ. މި ކަންބޮޑުވުން އިތުރުވަމުންދާ މިންވަރަށް ބަލާއިރު، މިއީ މުޖުތަމައުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރު ކުރުވާ ގޮންޖެހުމެއްކަން ފާހަގަކުރެވެ އެވެ،" ހެލްތު މިނިސްޓްރީން ބުންޏެވެ.

"މިއީ އެހީތެރިކަން ހޯދުމަށް ހުރަސްއެޅޭ ފަދަ ސްޓިގްމާ އާއި ނުރަނގަޅު ހިޔާލުތަކާއި ގުޅިފައިވާ މައްސަލައެއް ކަމަށް ވެފައި އަދި މިފަދަ ކަންތައްތަކުން ސަލާމަތްވާން މަސައްކަތްކުރާ މީހުންނާ މެދު ގިނަ ފަހަރަށް އާއިލާތަކާއި މުޖުތަމައުގެ ނުރުހުމާއި ދެކޮޅުވެރިކަން ކުރިމަތިވާ ގޮތްކުރިމަތިވެ އެވެ. މީގެ އިތުރުން މިފަދަ މީހުންނާ ދިމާލަށް "ބިރުވެރި"، "މޮޔަ" ނުވަތަ "ސަމާލުކަން ހޯދުން" ފަދަ ބަސްތައް ރައްދުވެގެން ދެ އެވެ،"