02 އޮކްޓޯބަރ 2025 - 15:07

މިދިޔަ މަހު ރާއްޖެއަށް 149،000 ޓޫރިސްޓުން އަތުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މިއީ މިދިޔަ އަހަރަށް ވުރެ 12 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ އައީ 132،000 ޓޫރިސްޓުންނެވެ.
މިދިޔަ މަހު ޓޫރިސްޓުން އިތުރުވި ނަމަވެސް، ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ދާން ބާކީ ހަތް ލައްކަ ޓޫރިސްޓުން ބޭނުންވެ އެވެ. އެހެންވެ، ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި އެ އަދަދު ހާސިލުކުރަން ކޮންމެ މަހަކު 230،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަންނަން ޖެހެ އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރު 2.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.6 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 9.7 ޕަސެންޓުގެ އިތުރުވުމެކެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 70 ޕަސެންޓު ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ.
ޓޫރިޒަމް ދާއިރާ ޕްރޮމޯޓްކުރަން މި އަހަރު ކަނޑައަޅާފައި އޮތީ 154 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަހަރު ފެށުނު އިރު އެ ބަޖެޓު ދެ ގުނަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް ސަރުކާރަށް ކުރިމަތިވެފައިވާ މާލީ އުނދަގޫ ހާލަތުގެ ތެރެއިން ޓޫރިޒަމް ޕްރޮމޯޝަން ބަޖެޓަށް އިތުރަށް ފައިސާއެއް ހަމަޖެހިފައެއް ނުވެ އެވެ.
ޓޫރިޒަމް ހިދުމަތް ދިނުމަށް ރާއްޖޭގައި 1،200 އަށް ވުރެ ގިނަ ޓޫރިޒަމް ހިދުމަތް ދޭ ފެސިލިޓީ ގާއިމް ކޮށްފައިވެ އެވެ. އެއީ ގާތްގަނޑަކަށް 65،000 އެނދެވެ.