ޣައްޒާ ފްލޮޓީލާގެ ހުރިހާ ބޯޓެއް އިޒްރޭލުން ހުއްޓުވައިފި
ޣައްޒާ ފްލޮޓީލާގެ ހުރިހާ ބޯޓެއް އިޒްރޭލުން ހުއްޓުވައިފި

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށްފައި އޮންނަ އޮތުމާ ދެކޮޅުހަދައި އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ސާޅީހަށްވުރެ ގިނަ އުޅަނދުގައި ފެށި ދަތުރުގައި ހިމެނޭ ހުރިހާ އުޅަނދެއް އިޒްރޭލު ސިފައިން ހުއްޓުވައިފި އެވެ.

އިޒްރޭލު ފޮރިން މިނިސްޓްރީން ބުނީ "ބޮޑު ހާދިސާއެއް ނުހިނގައި" ފްލޯޓިލާގެ ހުރިހާ އުޅަނދެއް ހުއްޓުވާފައިވާ ކަމަށެވެ.

އެއްވެސް އުޅަނދަކަށް ޣައްޒާއަށް ނުވަދެވޭ ކަމަށާއި އުޅަނދުތަކުގެ އެންމެންގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.

"ގްލޯބަލް ސުމޫދް ފްލޮޓީލާ" ގެ ޓްރެކިން ވެބްސައިޓުން ފެންނަ ގޮތުގައި މި ދަތުރުގައި 44 އުޅަނދެއް ބައިވެރިވި އެވެ. މި އުޅަނދުތަކުގެ ތެރެއިން ގިނަ އުޅަނދުތައް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ހުއްޓުވައި އޭގައި ތިބި މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އެކަމަކު މިދިޔަ މަހު ދަތުރު ފެށި ފްލޮޓީލާގެ ޓީމުން ވަނީ ތިރީހަކަށް އުޅަނދު ދަތުރު ނުހުއްޓާ ޣައްޒާއާ ދިމާއަށް ދަތުރުކުރަމުންދާ ކަމަށް މިއަދު ހެނދުނު ބުނެފަ އެވެ. މީގެ ތެރެއިން އެއް އުޅަނދު ޣައްޒާގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވާ ކަމަށް ފްލޮޓީލާ ޓީމުން ބުނެފައިވެ އެވެ.

ޣައްޒާއާ އެންމެ ކައިރިއަށް ދިޔަ އުޅަނދު 10 ވަރަކަށް މޭލަށް ކައިރިވި ކަމަށް ޓްރެކިން ވެބްސައިޓުން ދައްކަ އެވެ. އެކަމަކު އެއީ އިޒްރޭލުން ބޯޓު ހިފެހެއްޓުމަށް ފަހު ގަދަކަމުން ގެންދިޔައީ ކަމެއް ނުވަތަ އިޒްރޭލުގެ ބޯޓުތަކުގެ އަތުނުޖެހި ދަތުރުކޮށްފައި ދިޔައީކަން ޔަގީނެއް ނުކުރެވެ އެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އުޅަނދުތައް ހުއްޓުވައި މީހުން ހައްޔަރުކޮށްފައި ވާއިރު މިއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ކިޑްނެޕްކުރުން ކަމަށް ބުނެ ފްލޮޓީލާގެ ޓީމުންނާއި އެކި ގައުމުތަކުން ގެންދަނީ އިޒްރޭލު ކުށްވެރިކުރަމުންނެވެ. އެކަމަކު އިޒްރޭލުން ބުނަމުންދަނީ އިޒްރޭލު އޮތީ ހަނގުރާމައެއްގެ ތެރޭގައި ކަމަށާއި އެހެންވެ ޣައްޒާއަށް ވަންނަން އުޅޭ ނަމަ ހުއްޓުވޭނެ ކަމަށެވެ.

ފްލޮޓީލާގައި 500 ވަރަކަށް މީހުން ތިބި އިރު އެ މީހުން ނިސްބަތްވާ ގައުމުތަކުގެ ސަރުކާރުތަކުން ގެންދަނީ އިޒްރޭލުގެ އަމަލު ކުށްވެރިކުރަމުންނެވެ.

އިޒްރޭލުން ބުނީ ފްލޮޓީލާގެ އުޅަނދުތަކާއި މީހުން "ރައްކާތެރިކަމާ އެކު އިޒްރޭލަށް" ގެންދާ ކަމަށާއި އެންމެން ޔޫރަޕަށް ޑީޕޯޓްކުރާނެ ކަމަށެވެ. މީގެ ކުރިން ވެސް އިޒްރޭލުން ވަނީ ޣައްޒާގެ ހިސާރާ ދެކޮޅުހަދައި ކަނޑުމަގުން ވަންނަން އުޅުނު މީހުން ހުއްޓުވައި ޑީޕޯޓްކޮށްފަ އެވެ.

އިޒްރޭލުން ރޭ އެންމެ ފުރަތަމަ ހިފަހައްޓައި ހައްޔަރުކުރި މީހުންގެ ތެރޭގައި، ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބާގް ހުރި ބޯޓު ހިމެނެ އެވެ. ފްލޮޓީލާ ޓީމުން ބުނެފައިވާ ގޮތުގައި އުޅަނދުތައް ހުއްޓުވަން އިޒްރޭލު ސިފައިން ވަނީ މުޒާހަރާތައް ހުއްޓުވަން ޖަހާ، ނުބައި ވަސް ދުވާ ޒާތުގެ ކެމިކަލް އެއްކޮށްފައިވާ ފެން އުޅަނދުތަކަށް ޖަހައިފަ އެވެ. އަދި ބައެއް އުޅަނދުތަކަށް ގެއްލުންވާ ގޮތަށް އިޒްރޭލު ސިފައިންގެ އުޅަނދުތަކުން ޖައްސައި ބިރު ދައްކަމުން ދިޔަ ކަމަށް ވެސް ބުންޏެވެ.