ގައުމީ ގުރުއާން މުބާރާތުގެ އެއް ވަނަ އިނާމަކަށް މިނިސްޓްރީން 75،000ރ. ގެ އިނާމެއް ދެނީ
ގައުމީ ގުރުއާން މުބާރާތުގެ އެއް ވަނަ އިނާމަކަށް މިނިސްޓްރީން 75،000ރ. ގެ އިނާމެއް ދެނީ

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި އެއް ވަނަ އިނާމަކަށް ރައީސް ދެއްވާ ފައިސާގެ އިނާމުގެ އިތުރުން 75،000ރ. ގެ ފައިސާގެ އިނާމެއް ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން ހާފިޒުންގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނަ ލިބޭ ފަރާތަކަށް 75,000.ރ ގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ ގޮތްޕަކުން 2 ވަނަ ލިބޭ ބައިވެރިއަކަށް 50،000ރ. ފައިސާގެ އިނާމެއް އަދި ކޮންމެ ގޮތްޕަކުން 3 ވަނަ ލިބޭ ބައިވެރިއަކަށް 35،000ރ. ގެ ފައިސާގެ އިނާމު ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ އިނާމުތަކަކީ ރައީސްގެ ފަރާތުން ދެއްވާ އިނާމުގެ އިތުރުން މިނިސްޓްރީން ދޭ އިނާމުތައް ކަމަށާއި އޭގެ އިތުރުން އުމްރާ ދަތުރުތައް ވެސް ހިމެނޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. މީގެކުރިން އެ މުބާރާތުގައި ފައިސާގެ އިނާމުތަކަށް އެކި އަހަރުތަކުގައި ދީފައިވަނީ އެކި އަދަދުތަކެވެ.

މި އަހަރުން ފެށިގެން ގައުމީ ގުރުއާން މުބާރާތުގެ ކޮންމެ ގޮތްޕަކުން އެއް ވަނަ ހޯދާ ފަރާތްތަކަށް، އެ މީހުން ބޭނުން ގައުމަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވޭ ގޮތަށް ރައީސްގެ ސްކޮލަޝިޕަކާއި އެއްލައްކަ ރުފިޔާގެ ފައިސާ އިނާމެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުދަ ދުވަހު ވަނީ ނިންމަަވައިފަ އެވެ.

އެހެންވެ، ކޮންމެ ގޮތްޕަކުން އެއްވަނައަށް ހޮވޭ މީހަކަށް ޖުމްލަ 175،000ރ. ގެ ފައިސާ އިނާމެއް ލިބޭނެ އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި މިއަހަރު 119 ތަނަކުން 1،037 މީހުން ބައިވެރިވި އެވެ. އެ މުބާރާތުގެ ނަތީޖާ ފާޅުކުރާ ޖަލްސާ ބާއްވަން ނިންމާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.