ހަލާލް ޓޫރިޒަމްގެ ނިންމުން ބަދަލުކޮށް ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރަނީ
ހަލާލް ޓޫރިޒަމްގެ ނިންމުން ބަދަލުކޮށް ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރަނީ

ޓޫރިޒަމަށް ތަރައްގީ ކުރަން އެކި ސަރުކާރުތަކުން މީގެ އެތައް އަހަރެއް ކުރިއްސުރެ މަސައްކަތްކޮށްފައިވާ އައްޑޫ ހަންކެޑެ، ހަލާލް ޓޫރިޒަމް ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރަން މީގެ ކުރިން ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް އިންޓަގްރޭޓެޑް ޓޫރިޒަމަށް ދާން ކަނޑައަޅައިި އެވެ.

އައްޑޫ މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ ހަލާލް ޓޫރިޒަމްގެ ކޮންސެޕްޓަށް ތަރައްގީ ކުރަން ނިންމައި އެކަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކުރީ މި އަހަރުގެ ޖޫން 29 ގަ އެވެ.

އެ މިނިސްޓްރީން އެ ދުވަހު ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ނިންމާފައިވާ އިރު އޭގެ ތެރޭގައި ހަންކެޑެ ވެސް ހިމެނޭ ކަމަށެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން 2005 ވަަނަ އަަހަރު، ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ސަރުކާރުން މަސައްކަތް ފެށި ފަހުން، ހަންކެޑެ ތަރައްގީ ކުރަން އެކި ސަރުކާރުތަކުން ތިން ފަހަރެއްގެ މަތިން އެކި ފަރާތްތަކާ ހަވާލުކުރި އެވެ.

ހަންކެ ތަރައްގީ ކުރަން އެންމެ ފަހުން ބަޔަކާ ހަވާކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު އެވެ. ރިއަލް އެސްޓޭޓް ޓޫރިޒަމަށް އެ ރަށް ތަރައްގީ ކުރަން އެ ފަހަރު ހަވާލުކުރީ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާ އެވެ.

އެ ގޮތަށް ތަރައްގީކުރުމަށް ޓަކައި އެ ރަަށުގެ ސްޓޭޓަސް ބަދަލުކުރަން ނެރުނު ގަރާރު ރައީސް މުއިއްޒު އިއްޔެ ވަނީ އުވާލައްވައިފަ އެވެ. ފަންޑު މެނޭޖްމަންޓާ ހަންކެޑެ ހަވާލުކުރަން ހެދި އެއްބަސްވުން އޭގެ ކުރިން އޮތީ އުވާލައިފަ އެވެ.

ހަންކެޑެއާ ގުޅޭ ގަރާރާއި އެއްބަސްވުން އުވާލާފައިވާ ކަން ފާހަަކުރައްވައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވީ އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަަރައްގީކުރަން ބިޑަށް ހުޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

" ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ބަލަންޖެހޭ އެންމެހައި ކަންކަން ބަލައި، ބީލަމުގެ އުސޫލުން ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހުޅުވާލުމުގެ އެންމެހައި މަސައްކަތްތައް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން މިދަނީ ކުރަމުން،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

ހަންކެޑެއިގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާ ވެސް ކުރިން ހަވާލުކުރި އެވެ. އެއީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެ ކުންފުންޏަށް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން ސަރުކާރުން ވަނީ 2،500 ޑޮލަރުން އެ ކުންފުނި ޖޫރިމަނާކޮށް، ހަންކެޑެ ނެގި އެވެ.

އޭގެ ފަހުން 2008 ގައި އަދި 2013 ވަނަ އަހަރު ވެސް ހަންކެޑެ ތަރައްގީ ކުރަން އެހެން ދެ ކުންފުންޏާ ހަވާލުކުރި އެވެ. އެކަމަކު، މަސައްކަތް ކުރިއަށް ނުދިއުމުން 2019 ވަނަ އަހަރު އެންމެ ފަހުން އެ ރަށް ތަރައްގީ ކުރަން ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ އެކު ހެދި އެގްރީމެންޓް ބާތިލުކުރީ އެވެ.