02 އޮކްޓޯބަރ 2025 - 16:22

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށްފައި އޮތުމާ ދެކޮޅުހަދައި އެހީ ފޯރުކޮށްދިނުމަށް "ގްލޯބަލް ސުމޫދު ފްލޮޓީލާ" ގައި ދަތުރު ފެށި އިރު ވެސް އިޒްރޭލުން ކުރިމަތިކޮށްފާނެ ނުރައްކާތައް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ޖެނަރަލް ސެކްރެޓަރީ އިބްރާހިމް ޝާޒް (ބޮޑޭ) އަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އެކަމަކު އެ މީހުންގެ ނުރައްކަލާއި ކުރިމަތިކުރާނެ ދަތިތަކަށް ފަސްޖެހުމެއް ނެތި ފްލޮޓީލާގެ އޮބްޒާވް ބޯޓަށް އަރައި ޣައްޒާއަށް މިސްރާބު ޖެހީ ފަލަސްތީނަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

ގާތްގަނޑަކަށް 45 އުޅަނދު ހިމެނޭ ޕްލޮޓީލާގެ ދަތުރުގައި އެކި ގައުމުގެ ސިޔާސީ މީހުންނާއި ގާނޫނީ ވަކީލުންނާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓުން ހިމެނޭ ގޮތަށް 500 އެއްހާ މީހުން ދަތުރުކުރާއިރު އޭގައި ރާއްޖެ ތަމްސީލުކުރަނީ ޝާޒެވެ.

އެ ދަތުރުގައި އިންޓަނެޓްގެ ދަތިތަކާ އެކު ވެސް ޝާޒް ދަނީ އެތަނުގައި ހިނގަމުން އަންނަ ކަންކަން ދިވެހިންނާ ހިއްސާކުރަމުންނެވެ.

އޭނާއަށް އެ ފުރުސަތު ލިބުނީ އެ ހަރަކާތް އިންތިޒާމުކޮށް ބައިވެރިން ތަމްރީނުކުރަން ޓިއުނީޝިއާގައި އޮތް ޓްރެއިނިން ޕްރޮގްރާމެއްގައި ބައިވެރިވެގެން އުޅެނިކޮށެވެ. ފްލޮޓީލާ ތައްޔާރުކުރުމަށް ސްޕެއިނާއި އިޓަލީ އާއި ޓިއުނޭޝިއާ އިން ފުރާ ގޮތަށް އޮތްއިރު އޭނާ ނިންމީ ޓިއުނީޝިއާ ކްރޫގައި އެހީވެދޭން ހުންނާށެވެ.

އެކަމަކު ޝާޒް ބުނި ގޮތުގައި އެތަނުން ރާއްޖެ ތަމްސީލުކުރަން ބޯޓަކަށް އަރަން އޭނާއަށް ފުރުސަތު ލިބުނީ އައިއޭސީ މެދުވެރިކޮށެވެ. އެތަނުގެ ބޯޑު މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު، އޭނާއަށް އެ ފުރުސަތު ދިނުމުން އެކަމަކާ އިތުރަށް ވިސްނާކަށް ވެސް އޭނާ ބޭނުމެއް ނުވި އެވެ. ދަތުރަށް ހުރީ ތައްޔާރަށެވެ.

"އެތަނުން އަޅުގަނޑަށް ފުރުސަތު ލިބުނީ އޮބްޒާވާ ބޯޓަކަށް އަރަން ދިވެހިރާއްޖެ ތަމްސީލުކުރަން އަރަން. ރާއްޖެއަށް ލިބުނީ އެންމެ ސްލޮޓެއް، އައިއޭސީގައި ބޯޑުމެމްބަރުން އެންމެން މަޝްވަރާކޮށްފައި ނިންމީ އެ ފުރުސަތު އަޅުގަނޑަށް ދޭން،"
މިއީ ކިތަންމެ ކުރަން ބޭނުންވި ކަމަކަށް ވިޔަސް، އެ ވަގުތު އޭނާ އޭނާ ހުރީ މިފަދަ ދަތުރަކަށް ތައްޔާރަކަށް ވެސް ނޫނެވެ.
"އެއްގޮތަކަށް ވެސް ތައްޔާރުވެގެން ހުރި ކަމެއް ނޫން. އެކަމަކު އަބަދުވެސް ބޭނުންވެފައި ހުރި ކަމެއް،"
ޝާޒް ބުނީ 2007 ވަނަ އަހަރު ޣައްޒާ ހިސާރުކުރި ފަހުން މިހާތަނަށް 37 ފަހަރު ވަނީ ކަނޑުމަގުން "ސީޖް ބްރޭކްކުރަން" މަސައްކަތްކޮށްފައި ކަމަށެވެ. އެހެންވެ، އެފަދަ ހަރަކާތެއްގައި ބައިވެރިވުމަކީ ކުރަން ބޭނުންވި ކަމެއް ކަމަށް ބުންޏެވެ.
"ފުރުސަތު ލިބުނީމަ ހިތަށްއެރީ ދާނީއޭ ގްރައުންޑުގައި މަސައްކަތްކުރަން. އެކަމަކު ބޯޓަށް އަރަން ލިބުނީމާ އަޅުގަނޑު އިތުރަށް ނުވިސްނާ ބުނިން އާނއެކޭ،"
ޝާޒް ބުނީ އޭނާގެ އަންހެނުންނަށް ގުޅައި ފްލޮޓީލާ ބޯޓަށް އަރަން ނިންމި ވާހަކަ ބުނުމުން އަންހެނުން އެއްބަސްކުރުވަން މާގިނައިރުތަކެއް ނުނަގާ ކަމަށެވެ.
"އެރެއިން އެރެޔަށް އަންހެނުންނަށް ގުޅާފައި ބުނިން އަރަން ނިންމައިފީމޭ. އަޅުގަނޑުގެ އަންހެނުންނަކީ އަޅުގަނޑަށް ލިބިފައި ހުރީ އެންމެ ބޮޑު ނިއުމަތް. އަންހެނުން ކޮންވިންސްކުރަން މާގިނަ ވާހަކަތަކެއް ދައްކާކަށް ނުޖެހުނު. ކޮންމެ ގޮތެއް ވިޔަސް ދެ ދަރިން އާއިލާ ދެރަނުވިޔަސް ހާސްވާނެ ދޯ ކޮންމެވެސް ވަރަކަށް މި ކަހަލަ ކަމެއްގައި ކަނޑުމަައްޗަށް އަރާ އިރުގައި،" އޭނާ ބުންޏެވެެ.
އެ ދަތުރުގެ ތެރެއިން އާންމުކުރި ވީޑިއޯތަކުގައި ޝާޒް ބުނީ ދަތުރުގެ ތެރެއިން މަޑުކުރާ ކޮންމެ ޕޯޓަކީ ވެސް ނުރައްކަލެއް ކަމަށެވެ. ޒަޔަނިސްޓުންގެ ނުފޫޒު ނުފޯރާ އެއްވެސް ގައުމެއް ދުނިޔޭގައި ނެތް ކަމަށާއި އެހެންވެ، މަޑުކުރާ ކޮންމެ ތަނަކީ އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވާނެ ތަނެއް ކަމަށް އޭނާ ބުންޏެވެެ.
އޭނާ ބުނީ ދަތުރުގެ ތެރެއިން ބައެއް ބޯޓުތަކަށް އެކި މައްސަލަ ޖެހިގެން އަނބުރާ ދާންޖެހުނު ހާލަތްތައް ވެސް ކުރިމަތިވި ކަމަށެވެ. އަދި މައްސަލަ ޖެހުނު ބައެއް ބޯޓުތައް ޕޯޓުތަކަށް މަޑުކޮށް މަރާމާތުކުރަން ވެސް ޖެހުނެވެ.
ޝާޒް ބުނި ގޮތުގައި ޕޯޓުތަކަށް މަޑުކޮށްގެން ތިބޭ ނަމަ، ދަންވަރަށް އެއްބަޔަކު ހޭލާ ވެސް ތިބެން ޖެހެ އެވެ. ސަބަބެއް ކަމަށް އޭނާ ބުނީ ބައެއް މީހުން ބޯޓަށް ފާރަލާތީ، ރައްކާތެރިވެ ތިބުމެވެ.
"ކޮންމެ ޕޯޓަކުން ވެސް މިޝަނަށް ހުރަސް އަޅަން މަސައްކަތްކުރޭ. މަސައްކަތް ލަސްކޮށް ފެއިލްކޮށްލަން މަސައްކަތްކޮށްލާ،"
ދަތުރުގައި ކުރިމަތިވާ ހުރަސްތަކާ ގުޅޭ ގޮތުން ޝާޒް ބުނީ ގްރީސްއަކީ ޒަޔަނިސްޓުންނާ ގާތް ބައެއް ކަމަށާއި ތެޔޮ އެޅުމަށް ގްރީސްގައި މަޑުކުރުމުން އެ މީހުން ވަނީ އެއް ޓޭންކަށް ފިޔަވައި އިތުރު ތެޔޮ އަޅައިދޭން ދެކޮޅު ހަދާފައި ކަމަށެވެ. އެފަދަ އެތައް ގޮންޖެހުމަކާ ކުރިމަތިވި އެވެ.
އިޒްރޭލުން އުޅަނދުތަކަށް ހުރަސްއަޅައި ބައެއް އުޅަނދުތަކަށް އަރައި އޭގައި ތިބި ބައެއް މީހުން ވަނީ ގަދަކަމުން އިޒްރޭލަށް ގެންގޮސްފަ އެވެ.
ރޭގައި އޭނާ އާންމުކުރި ވީޑިއޯގައި ބުނެފައި ވަނީ އެ މީހުންގެ އުޅަނދު ވެސް ޑޭންޖާ ޒޯނާ ވަރަށް ބޮޑަށް ކައިރިވެފައިވާ ކަމަށެވެ. ރޭގަނޑުވުމުން ބޯޓުތަކާ ކައިރިވެ އިޒްރޭލުގެ އެ ބޯޓުތަކުގެ ހަރަކާތްތައް ވެސް ބަލާއިރު އެ މީހުންގެ އުޅަނދު ކައިރީ ވެސް އެގޮތަށް ހަރަކާތްތެރިވި ކަމަށް ބުންޏެވެ.
އެހެންވެ، ބޯޓުތަކުން ތިބީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އެކަމަށް ތައްޔާރަށެވެ.
"ޑޭންޖާ ޒޯނަށް ވަރަށް އަވަހަށް ވަންނާނެ. އިންޓަސެޕްޓްކުރާނީ އިރުއޮއްސޭ ފަހުންހެން ހީވަނީ. އެއީ އެމީހުންނަށް ފައިދާ ވާނީ އަނދިރި ވީމާ. ހުރިހާ ބޯޓުތަކެއް ތިބީ ސޭފްޓީ މެޝާ ނަގައިގެން އިމަޖަންސީ ޕްރޮޓޯކޯލްގައި،"
"މިރޭ [ރޭގެ ވީޑިއޯގައި] އިންޓަސެޕްޓްނުކޮށްފިއްޔާ ޣައްޒާގެ އައްސޭރިއާ ވަރަށް ގާތަށް ދެވޭނެ،"
އެ ބޯޓުގައި ތިބި އެންމެންގެ މަޝްވަރާގެ މަތިން ފުރަތަމަ ނިންމީ ޣައްޒާއާ 150 ނޮޓިކަލް މޭލާ ހަމައަށް އޮބްޒާވާ ބޯޓު ދާށެވެ. އެކަމަކު ފަހުން މަޝްވަރާކޮށް ނިންމީ ފްލޮޓީލާގެ ފަހަތުން ޑޭންޖާ ޒޯނަށް ވެސް ދާށެވެ.
ޝާޒް ބުނީ އެ ފަދަ ހަރަކާތެއްގައި ކުރަން ބޭނުންވި ކަންކަން ނޫން އެހެން ކަމެއް ކުރަން ލިބުނަސް އެ ފުރުސަތުގެ ބޭނުން ހިފަންވާނެ ކަމަށެވެ. އޭގައި މުހިއްމީ މިޝަން ކާމިޔާބުކުރުން ކަމަށެވެ.
"މިޝަން ކާމިޔާބުކުރަން މުހިއްމީ. އަހަރެމެން އެންމެން ވެގެން ހިސާރު ނައްތާލަން މި ކުރާ މަސައްކަތް މިއީ މުހިއްމީ."
ޝާޒް ބުނީ ޣައްޒާގެ އައްސޭރިއަށް ފޯރުން އެއީ އެމީހުންގެ އެންމެ ބޮޑު އުއްމީދު ކަމަށެވެ. އަދި އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލުން ވަރުގަދަކޮށް ދިނުމަށާއި އޭގެ ސަބަބުން ގައުމުތަކުގެ ސްޓޭންޑް ބަދަލުވެ، ޣައްޒާގެ ހިމާޔަތުގައި ނިކުންނަ މިންވަރު އިތުރުވާނެ ކަމަށް ބުންޏެެވެ.
އިޒްރޭލުން މިހާރު ވަނީ ޣައްޒާ ފްލޮޓީލާގެ ހުރިހާ ބޯޓެއްހެން ހިފަހައްޓައިފަ އެވެ. އަދި ބައެއް އުޅަނދުތައް ޣައްޒާއާ ދުރަށްޖެހި، ފްލޮޓީލާއަށް އެހީވުމުގެ މަސައްކަތަށް ވަނީ ހާއްސަވެފަ އެވެ. އެކަމަކު އުޅަނދުތަކާއި މީހުންނާ ބެހޭ ތަފްސީލުތަކެއް އަދި ނުލިބެ އެވެ.
ޣައްޒާގެ ހިސާރާ ދެކޮޅަށް ކަނޑުމަގުން މިހާތަނަށް ކުރި އެންމެ ބޮޑު އަދި ޝަރަފްވެރި ދަތުރުގައި ބައިވެރިވި ޝާޒްގެ ވީޑިއޯއެއް ވެސް އެންމެ ފަހުން ޕޯސްޓްކޮށްފައިވަނީ މީގެ 19 ގަޑިއިރު ކުރިންނެވެ.