02 އޮކްޓޯބަރ 2025 - 14:00

ފެނަކައާ ގުޅޭގޮތުން 161 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ކުރި ތަހުގީގުތަކަށްފަހު 21.4 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
ޔުޓިލިޓީ ހިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކަ ކޯޕަރޭޝަނާ ގުޅޭގޮތުން އޮޑިޓަ ޖެނެރަލްގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ރިޕޯޓުން އެ ކުންފުނީގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި ބިޑަށް ނުލައި ބިލިއަނުން ޕްރޮޖެކްޓުތައް ހަވާލުކުރުމާއި ނުއަގުގައި މަސައްކަތްތައް ހަވާލުކުރުން ފަދަ ކަންކަން ހިމެނެ އެވެ.
އެކަމާ ގުޅިގެން އޭސީސީން ނެރުނު ބަޔާނުގައި ބުނީ، އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނަށް ތަހުގީގު ކުރުމުގެ އިހުތިސާސް ލިބެނީ ކޮން މައްސަލަތަކެއްތޯ ބަލައި، ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އޭސީސީން ބުނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގިނަ މައްސަލަތައް އެ ކޮމިޝަނުން މިހާރު ވެސް ތަހުގީގުކުރާ ކަމަށެވެ.
އެގޮތުން، ފެނަކައާ ގުޅޭގޮތުން މިހާރު ވެސް 161 މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އޭގެ ތެރެއިން 13 މައްސަލައެއްގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ އެކު ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ފަށާފައިވާ ކަމަށް އޭސީސީން ބުންޏެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން ފެނަކައާ ގުޅޭ ނުވަ މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުވާކޮށް، އަދި އެއް މައްސަލައެއްގައި ހުކުމް އިއްވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އެ ކުންފުންޏާ ގުޅޭގޮތުން ތަހުގީގުކުރި މައްސަލަތަކުން 21،458،280ރ. އަނބުރާ ހޯދުމަށް ފެނަކައަށް މިހާރު ވަނީ އަންގައިފަ އެވެ.
އެއާއެކު، އެކި މައްސަލަތަކުން 96 ކަމެއް އިސްލާހުކުރުމަށް ފެނަކައަށް ވަނީ އަންގައިފަ އެވެ.
އޭގެ ތެރޭގައި؛
- ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ 49 ކަމެއް
- ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 26 ކަމެއް
- ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 10 ކަމެއް
- ކުންފުނިން އަމިއްލަ ތަހުގީގުކުރުމަށް 8 ކަމެއް
ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު (ފެނަކަ ސައީދު) ހުންނެވިއިރު ހިންގި ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ވަނީ އިއްވައިފަ އެވެ. އަދި އިތުރު މައްސަލައެއްގައި ވެސް އޭނާއަށް ދައުވާ އުފުލާފައިވެ އެވެ.