02 އޮކްޓޯބަރ 2025 - 12:57

އެކި ސަރުކާރުތައް ބަަދަލުވަމުން އައި ނަމަވެސް ފެނަކައިގެ ކޮރަޕްޝަން ނުހުއްޓި ކުރިއަށް ދާ ތަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ފެނަކަ އޮޑިޓްކޮށް، އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނެެރުއްވި ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ބަލައި އެ ކަންތައްތަކުގެ ޒިންމާ އުފުލަން ޖެހޭ މީހުންނަށް ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ޕީއެންސީގެ މެމްބަރަކު ހުށަހެޅުއްވި ގަރާރުގެ ބަހުސްގަ އެވެ.
މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ނާޒިމް ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ ވަނީ އަދާކޮށްފައި ކަމަށެވެ.
ފެނަކައިގެ އޮޑިޓް ރިޕޯޓަކީ 19 ވަަނަ ރައްޔިތުންގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީން އެދިގެން ކުރި އޮޑިޓެއްގެ ނަތީޖާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެންވެ، މި ފަހުން ފެނަކައިގެ އޮޑިޓް ރިޕޯޓު ނެރުނީ އަވަސް އަރުވާލައިގެން ކަމަށް ބުމުގެ ފުރުސަތު ނެތް ކަމަަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ މި ވަނީ އަދާކުރެވިފައި. ފެނަކައިގައި ހިނގަމުން ދިޔަ ކޮރަޕްޝަނަކަށް ސަރުކާރު ބަދަލުވުމަކުން، އެއް ސަރުކާރު، އަނެއް ސަރުކާރު ބަަދަލުވުމަކުން ބަދަލެއް އައިސްފައެއް ނެތް. އެ ކަންތައްތައް ހަމަ އެ ގޮތުގައި ކުރިއަށް ދިޔައީ،" ފެނަކައިގެ ކޮރަޕްޝަންގެ މާޒީ އަށް އިޝާރާތް ކުރައްވަމުން ނާޒިމް ވިދާޅުވި އެވެ.
ފެނަކައިގެ އޮޑިޓް ރިޕޯޓުން ފާހަގަ ވެފައި ވަނީ އެއްވެސް ޖެހިލުމެއް ނެތި ހިންގާފައިވާ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ ޑިމޮކްރަސީގައި އޮންނަނީ ވޯޓުލައިގެން ކަންތައްތައް ބަދަލުކުރުން ކަމަށާއި ނަމަވެސް ވޯޓުލައިގެން ކޮރަޕްޝަން ނުހުއްޓުވުނު ކަމަށެވެ.
"ވޯޓުލައިގެން ކަންކަން ބަދަލުކުރެވިއްޖެ، ސަރުކާރުތައް ވެސް ބަދަލުކުރެވިއްޖެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެނިގެން ދަނީ ކޮރަޕްޝަން ހަމަ އެއްގޮތަކަށް ވެސް ނުހުއްޓި ކުރިއަށް ދާތަން،" ނާޒިމް ވިދާޅުވި އެވެ.
ފެނަކައިގެ 2021 އިން 2023 އަށް ހިންގި މުއާމަލާތްތަކާ ބެހޭ އޮޑިޓުގައި ވަނީ އެ ކުންފުނިން ހިންގާފައިވާ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިކޮށްފަ އެވެ.
އޭގެ ތެރޭގައި މާލީ ހާލަތަށް ނުބަލައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމާއި ބިޑަކާ ނުލާ 1.3 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހިންގަން ހަވާލުކުރުމާއި އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ އާއިލާގެ ކުންފުނިތަކަށް މަސައްކަތް ހަވާލުކޮށް 31 މިލިއަން ރުފިޔާ ދޫކޮށްފައިވުން ހިމެނެ އެވެ. މީގެ އިތުރުން ފެނަކަ މުވައްޒަފުންގެ އަތަށް ޕެޓީ ކޭޝްގެ ގޮތުގައި 26 މިލިއަން ރުފިޔާ ދިނުމާއި އޮފީސް އިމާރާތް އެޅުމަށް މާކެޓު އަގަށް ވުރެ 767 މިލިއަން ހޭދަކުރުމާއި ދަތުރުފަތުރުކުރަން މާކެޓު ރޭޓަށް ވުރެ 48 މިލިއަން އިތުރަށް ހޭދަކުރުން ހިމެނެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ސައީދު ހުންނަވައިގެން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2021 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަމާލުކަމަށް ގެނަ އެވެ.
އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމަކު، އޭރުގެ ވެރިކަން ނިމުނުއިރު، އެ ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ.
ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، މިދިޔަ ހަފުތާ އިން ފެށިގެން ގެންދަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް ވެސް ތަންފީޒު ކުރަމުންނެވެ.