02 އޮކްޓޯބަރ 2025 - 10:46

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށްފައި އޮންނަ އޮތުމާ ދެކޮޅު ހެދުމަށް، ކަނޑުމަގުން ޣައްޒާއަށް ދާން ދުނިޔޭގެ އެކި ގައުމުތަކުގެ އެކްޓިވިސްޓުން ދަތުރުކުރި "ގްލޯބަލް ސުމޫދު ފްލޮޓީލާ" އިޒްރޭލުން ހުއްޓުވުމުން ރައީސް ޑރ. މުހައްމަަދު މުއިއްޒު މިއަދު އެކަން ކުށްވެރިކުރައްވައިފި އެވެ.
ގާތްގަނޑަކަށް 45 އުޅަނދު ހިމެނޭ ފްލޮޓީލާގެ ދަތުރުގައި އެކި ގައުމުތަކުގެ ސިޔާސީ މީހުންނާއި ގާނޫނީ ވަކީލުންނާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓުންގެ 500 ވަރަކަށް މީހުން ހިމެނެ އެވެ.
އެ އުޅަނދުތައް ބައިނަލް އަގުވާމީ ކަނޑުގެ ސަރަހައްދުގައި ތިއްބާ އިޒްރޭލުން އެ އުޅަނދުތައް ހުއްޓުވައި އެކްޓިވިސްޓުން ހައްޔަރުކުރުމުން، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިޒްރޭލުގެ އެ އަމަލަކީ އަޅާނުލައި ދޫކޮށްލައިގެންވާނެ ކަމެއް ނޫން ކަމަށެވެ. މިހާރު ވެސް މިނިވަންކަމާއި ޒަރޫރީ ތަކެތިން މަހުރޫމްކޮށްފައި ތިބި ބަޔަކަށް އެހީގެ ތަކެތި ހިފައިގެން ދިޔަ ގާފިލާއަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ހުރިހާ ގާނޫނަކާ ހިލާފު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އިޒްރޭލުން ތަކުރާރުކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވަމުންދާ ދިއުމާ ދެކޮޅަށް، ނަތީޖާ ނެރެވޭ ފަދަ ފިޔަވަޅު އަޅަން އަޅުގަނޑުމެން [ދިވެހިރާއްޖޭން] ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލަން،" ރައީސް ވިދާޅުވި އެވެ.
އިންސާނީ ހައްގުތަކާއި އަމާންކަމާއި ރައްކާތެރިކަން ހޯދަން ކުރާ މަސައްކަތުގައި ރާއްޖޭން އަބަދުވެސް އެ މީހުންނާ އެކު ދެމި ތިބޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ ސުމޫދު ފްލޮޓީލާއާ ދެކޮޅަށް އިޒްރޭލުން ހިންގި ޖަރީމާ ގައުމުތަކުގެ ސަރުކާރުގެ ސަމާލުކަމަށް ގެންނަން އެކްޓިވިސްޓުން ގޮވާލާފައި ވަނިކޮށެވެ. އެ ފްލޮޓީލާގައި ހުރި ދިވެއްސަކު ވަނީ ދިވެހި ސަރުކާރުގެ ސަމާލުކަމަށް އެކަން ގެންނަން އެދިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ވެސް އެކަމާ ބެހޭ ގޮތުން މިއަދު ހުށަހަޅައި ވަނީ ބަހުސްކޮށްފަ އެވެ.