މަސް މާރުކޭޓުގެ އެއްބަސްވުމުގައި ސޮއިކުރި މީހާގެ މައްސަލަ ސީއެސްސީއަށް ހުށަހެޅިން: އާޒިމް
މަސް މާރުކޭޓުގެ އެއްބަސްވުމުގައި ސޮއިކުރި މީހާގެ މައްސަލަ ސީއެސްސީއަށް ހުށަހެޅިން: އާޒިމް

މާލޭގެ މަސް މާރުކޭޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަން މިލިއަން ޑޮލަރުގެ ދެ ކޮންޓްރެކްޓެއް ހަދާފައިވާއިރު އޭގެ ތެރެއިން ފަހުން ހެދި ކޮންޓްރެކްޓުގައި ސޮއި ކުރި ސިޓީ ކައުންސިލުގެ ލީގަލް އޮފިސަރު އަލީ ނަސީރަށް ފިޔަވަޅު އަޅައިދޭން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގައި އެދިފައިވާ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު މަސް މާރުކޭޓް މަސައްކަތް ބިޑަށް ހުޅުވާލައިގެން ވަނީ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އެއީ 6.1 މިލިއަން ޑޮލަރަށެވެ. އެކަމަކު އެމަނިކުފާނު ރައީސް ކަމަށް އިންތިހާބުވި ފަހުން އަދި މިހާރުގެ މޭޔަރު މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވަނީ އެ އެއްބަސްވުން އުވާލައި އެހެން ކުންފުންޏަކާ އެކު އެއްބަސްވުން ހަދައިފަ އެވެ.

އޮރިޖިނަލް އެއްބަސްވުމުގައިވާ އަގަށް ވުރެ 3.5 މިލިއަން ޑޮލަރު ބޮޑުކޮށް އެހެން ބަޔަކަށް މަސައްކަތް ހަވާލުކުރި އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ލީގަލް އޮފިސަރު އަލީ ނަސީރެވެ.

އެހެންވެ، އޭނާ ޖަލްސާއަށް ހާޒިރުކޮށް އެކަން ހިނގާފައިވާ ގޮތް ބެލުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ސައިފް ފާތިހް ހުށަހެޅުއްވިޔަސް އެކަމާ ގުޅޭ ޖަލްސާ ކޯރަމް ހަމަނުވެގެން ކުރިއަށް ނުގެންދެވުނެވެ.

އެ މައްސަލާގައި ފިޔަވަޅު ނާޅާތީ މޭޔަރަށް ވެސް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ތަނަށް ގެއްލުން ލިބޭ ގޮތަށް ކިރިޔާ ވެސް ކަމެއް ހިނގާކަން އެނގޭ ނަމަ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"އަޅުގަނޑު ޓޮލަރޭޓްކުރާނެ ކަމެއް ނޫން އެކަހަލަ އެެއްވެސް ވިޔާނުދާ ކަމެއް މިތާ ތެރޭ ހިނގުން،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލީ ނަސީރަކީ ސިވިލް ސާވިސްގެ މުވައްޒަފެއް ކަމަށާއި އެހެންވެ އެކަމުގައި ކައުންސިލަށް އަމަލުކުރަން ޖެހޭ ގޮތަކީ އެ ކޮމިޝަނަށް އެ މައްސަލަ އެންގުން ކަމަށެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންނަށް ފިޔަވަޅު އެޅޭނީ ސިވިލް ސާވިސް މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވަގުތުން އެސްޖީއަށް އެންގިން މި މުވައްޒަފާ މެދު ފިޔަވަޅު އެޅުމަށް. އަޅަންޖެހޭ ފިޔަވަޅެއް ކަމަށް އަޅުގަނޑު ސެކްރެޓަރީ ޖެނަރަލަށް އެންގީ އެއީ ސިވިލް ސާވިސް ވިއްޔާ ސިވިލް ސާވިސް އިންނޭ އެތަނުގެ މުވައްޒަފުންނަށް ފިޔަވަޅު އެޅޭނީ،" އާޒިމް ވިދާޅުވި އެވެ.

ވަކި ބަޔަކަށް ނުހައްގުން މަންފާއެއް ހޯދައިދޭން އުޅޭ ކަމަށް ތުހުމަތުކޮށް އަލީ ނަސީރު ހާޒިރުކުރަން އެދުނު މައްސަލަ ކުރިއަށް ގެންދިއުމަށް ތިން ފަހަރެއްގެ މަތިން ސިޓީ ކައުންސިލުން އެޖެންޑާކުރި އެވެ. އެކަމަކު ޖަލްސާގެ ކޯރަމް ހަމަނުވެގެން އެ ނުބޭއްވުނު ކަމަށް ވިދާޅުވެ ސައިފް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެ މައްސަލަ ސައިފް ވަނީ އޭސީސީއަށް ވެސް ހުށަހަޅުއްވައިފަ އެވެ.

މިދިޔަ އޮގަސްޓް މަހު ސިޓީ ކައުންސިލުން ބޭއްވި ޖަލްސާގައި މޭޔަރު ވިދާޅުވެފައި ވަނީ މަސް މާރުކޭޓާ ގުޅޭ ދެ ކޮންޓްރެކްޓެއް އެބައޮތް ކަމަށާއި އެ ތަނުން ރަނގަޅީ ކޮން ކޮންޓްރެކްޓެއް ކަމެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ފުރަތަމަ ކޮންޓްރެކްޓުގައި މާބޮޑު މައްސަލަތަކެއް ނެތް ނަމަވެސް ދެވަނަ ކޮންޓްރެކްޓް ހަދާފައި އޮތީ ކައުންސިލަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކަމަށް އާޒިމް ވިދާޅުވެފައިވެ އެވެ.