02 އޮކްޓޯބަރ 2025 - 10:43

ރާއްޖޭގައި ގިނަ ބަޔަކު ދެވި ހިފާފައިވާ ޝީޝާ މަނާކޮށް، ހަކުރު އެކުލެވޭ ބުއިންތަކުން ނަގާ ޓެކްސް އިތުރުކުރަން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން މިއަދު ގޮވާލައިފި އެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ދުންފަތް ކޮންޓްރޯލްކުރަން ސަރުކާރުން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އެއީ ކުރިއަށް އަންނަން އޮތް ޖީލުތަކުގެ ސިއްހަތު ރައްކާތެރިކޮށް، ދުޅަހެޔޮ ގައުމެއްގެ ތަސައްވުރު ކުރިއެރުވުމަށް މުހިންމު އިންވެސްޓްމަންޓަކަށް ވެގެންދާނެ ކަމަށް ބުންޏެވެ.
އެ ޖަމިއްޔާއިން ވަނީ ދުންފަތް ކޮންޓްރޯލްކުރަން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އަޅަން އެ އެސޯސިއޭޝަނަށް ފެންނަ ލަފާ ވެސް އާއްމުކޮށްފަ އެވެ. އޭގެ ތެރޭގައި؛
- މިހާރު އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކޮށް، އެކަށީގެންވާ މިންވަރަށް ތަންފީޒު ކުރާނެ މުވައްޒަފުން އައްޔަންކުރުން
- އާއްމުން ހޭލުންތެރިކުރުވުމުގެ ކެމްޕެއިންތައް ވަރުގަދަކުރުން
- ދުންފަތުގެ އެކި ފްލޭވާތައް މަނާކުރުން
- ރާއްޖެއިން ޝީޝާ އެއްކޮށް މަނާކުރުން
- ދުންފަތުގެ އިސްތިއުމާލު ނުކުރާ ކެއުމުގެ މާހައުލެއް ގާއިމްކޮށް، ސިއްހަތަށް ފައިދާހުރި އަދި އާއިލާއާ ރައްޓެހި ތަންތަނުގެ ގޮތުގައި ޕްރޮމޯޓްކުރުން
އެކަންކަމުގެ އިތުރުން ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށް އާ ފިޔަވަޅުތަކެއް ޑޮކްޓަރުންގެ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ. އެކަންކަމުގެ ތެރޭގައި؛
- އާއްމުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދީ، ފަސޭހައިން ނަގައިގަނެވޭ ގޮތަށް "ޓްރެފިކް ލައިޓް" ސްޓައިލްގެ ނިއުޓްރިޝަނަލް ލޭބަލްތައް ތައާރަފު ކުރުން
- ހަކުރު އެކުލެވޭ ބުއިންތަކާއި ޕާމް ތެލާއި ޓްރާންސް ފެޓް ގިނައިން ހުންނަ ކާބޯތަކެއްޗާއި ޕްރޮސެސްކޮށްފައިވާ މަސް ފަދަ ނުރައްކާތެރި ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން. އަދި ދަނޑުވެރިކަމާއި މޭވާ، ތަރުކާރީ އަދި އެހެނިހެން ސިއްހަތަށް ފައިދާހުރި ކާނާ ވިއްކުމުގައި ފިސްކަލް ލުއިތަކެއް ދިނުން
- ދުފުމުގައި ބޭނުންކުރާ ބާވަތްތަކުގައި އަނގައިގެ ކެންސަރުގެ ނުރައްކާ ދައްކުވައިދޭ ގްރެފިކް އިންޒާރު ދިނުން ލާޒިމު ކުރުން
- މަސްތުވާތަކެއްޗާ ދެކޮޅަށް ގައުމީ ފެންވަރުގައި މަސައްކަތްކުރުމާއި ރިހެބިލިޓޭޓްކުރުމާއި ގެއްލުން ކުޑަކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުން
"އަދި އެވިޑެންސް ބޭސްޑް، ކޮސްޓް އިފެކްޓިވް އިންޓަވެންޝަންތައް ދަމަހައްޓައި ތަންފީޒުކުރުން އަވަސްކުރުމަށް ސަރުކާރަށް ގޮވާލަން. މިގޮތަށް އަމަލުކުރުމުން، ދުންފަތުގެ އިސްތިއުމާލުކުރުމާއި ގައިންގަޔަށް ނާރާ ބަލިތަކުގެ ބުރަ ކުޑަކޮށް، ދުޅަހެޔޮ، އުފެއްދުންތެރި އަދި ފާގަތި ގައުމަކަށް ހެދުމަށް މަގުފަހިވެގެންދާނެ،" މެޑިކަލް އެސޯސިއޭޝަނުގެ ބަޔާނުގައި ވެ އެވެ.
އެ އެސޯސިއޭޝަނުން ވަނީ މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ވޭޕް މަނާކުރުމާއި ދުންފަތުގެ ބާވަތްތައް ވިއްކާ އުމުރު މަތިކުރުމާއި އެކަމުން ދުރުވުމަށް ސިޒޭޝަން ކްލިނިކްގެ ހިދުމަތް ފުޅާކުރުން އަދި ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުން މަނާކުރުމުގެ ފިޔަވަޅުތަކަށް ވެސް މަރުހަބާ ކިޔައިފަ އެވެ.