ރައީސް އިސްކަން ދެއްވި ލިސްޓުގެ ކުރީގައި މަހާޒު
ރައީސް އިސްކަން ދެއްވި ލިސްޓުގެ ކުރީގައި މަހާޒު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފައިވާ މަހާޒު އަލީ ޒާހިރާ އެކު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ދެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފި އެވެ.

ރައީސް އިސްކަން ދެއްވި ލިސްޓުގެ ކުރީގައި މަހާޒު
ރައީސް އިސްކަން ދެއްވި ލިސްޓުގެ ކުރީގައި މަހާޒު

މިއަދު ފެށި ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ އަށް ރައީސް މުއިއްޒު ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތީ ގދ. މަޑަވެލި، މޭނާ، މަހާޒުގެ ނަމެވެ. ދެވަނަ އަށް އޮތީ ރ. ހުޅުދުއްފާރު، ރޯޒްވިލާ، އާޝިޔާ އަޒީމާގެ ނަމެވެ.

އެ ލިސްޓުގައި ދެން ހިމެނެނީ:

- އިބްރާހިމް އަފީފު- ގުލްބަހާރުގެ/ ބ. ތުޅާދޫ

- ޝިފާޒް އަލީ- ދަފްތަރު ނަމްބަރު (12504)

- ފާތިމަތު ނައުޝާން- ޅ. ނައިފަރު، ފިޔާތޮށިގެ

- އަހުމަދު ޔާމީން- ބީޗްކޯނަރު، ގދ. ގައްދޫ

- ޝައުފާ އިބްރާހިމް- އަކިރިވިލާ، ދ. މީދޫ

މިއީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ދެ މަގާމެއް ހުސްވުމާ އެކު، އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވައިލުމުން ލިބިވަޑައިގެންނެވި ނަންތައް ކަމަށް ރައީސް މުއިއްޒު މަޖިލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.

އެ ބޭފުޅުންގެ ނަންތައް ދިރާސާ ކުރަން މަޖިލިހުގެ ރިޔާސަތުން މިއަދު ވަނީ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރަން ރައީސް މުއިއްޒު މަޖިލިހަށް ފޮނުއްވި ލިސްޓުގެ ދެވަނައިގައި ހިމެނޭ އާޝިޔާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުކަމަށް އައްޔަން ކުރަން ވެސް ކުރިން ފޮނުއްވި އެވެ. އެކަމަކު، އެ ފަހަރު ރައީސް ވަނީ އެ ނިންމުން ބަދަލުކުރައްވައި އެހެން ބޭފުޅެއްގެ ނަން ފޮނުއްވައިފަ އެވެ.

ޖޭއެސްސީން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން މަހާޒު ވަނީ މި އަހަރުގެ މޭ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގައި ނެގި ވޯޓުގައި ވަކިކޮށްފަ އެވެ. އަދި އޭގެ ކުރިން މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މަހާޒުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އައި ނަމަވެސް އެ މައްސަލައިގެ އެއްވެސް ތަފުސީލެއް މީޑިއާ އަށް ހާމައެއް ނުކުރެ އެވެ.

މަހާޒުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއްގަ އެވެ.

ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި އޮތީ މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމީ އެވެ.

އެކަމަކު، އެ ހުރިހާ ކަމެއް އެ ދެބޭފުޅުން ވަނީ ދޮގުކުރައްވައިފަ އެވެ.

މަޖިލިހުގައި ނެގި ވޯޓަށް ފަހު، މަހާޒު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެއްވިއިރު، އެއްވެސް ނުފޫޒަކަށް ތަބާނުވެ މަސައްކަތް ކުރެއްވުނީތީ އުފާ ކުރައްވާ ކަމަށެވެ.

ސުޕްރީމް ކޯޓުގައި ކުރެއްވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި އަދި އެ މުއްދަތުގައި އެ ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ތަބާނުވެ މަސައްކަތް ކުރެއްވުނީތީ އުފާ ކުރައްވާ ކަމަށް މަހާޒު ވިދާޅުވި އެވެ.

"އެއްވެސް ނުފޫޒަކަށް ބޯނުލަނބައި، މި ހިސާބަށް އާދެވުމުން އުފާކުރަން،" ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު މަގާމުން ވަކިކުރެއްވި ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށާއި އަދި ގާނޫނާ ހިލާފަށް ކުރަމުންދިޔަ ކަންކަމާ ދެކޮޅަށް ވާހަކަ ދެއްކި އަދި ހިތްވަރު ދެއްވި އާންމުންނާއި ވަކިވަކި ޖަމްއިއްޔާތަކަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.

މަހާޒް ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ ނޮވެމްބަރު، 2019 ގަ އެވެ. އޭނާ އޭގެ ކުރިން 2012 އިން ފެށިގެން ހުންނެވީ ޑްރަގް ކޯޓުގެ ގާޒީއެއްގެ މަގާމުގަ އެވެ. ސުޕްރީމް ކޯޓުގައި ފާހަގަކޮށްލެވޭ ބޮޑެތި އެތައް މައްސަލައެއް އޭނާ ނިންމެވި އެވެ.