02 އޮކްޓޯބަރ 2025 - 08:53

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށްފައި އޮންނަ އޮތުން ދުނިޔޭގެ ސަމާލުކަމަށް ގެނެސް އެހީ ފޯރުކޮށްދިނުމުގެ ރަމްޒެއްގެ ގޮތުގައި ޣައްޒާއަށް ދަތުރުކުރަމުންދާ "ގްލޯބަލް ސުމޫދް ފްލޮޓީލާ" އަށް އިޒްރޭލުން ހުރަސްއަޅައި ބައެއް ބޯޓުތައް ހިފެހެއްޓިޔަސް އެހެން ބައެއް ބޯޓުތައް އަދިވެސް ނުހުއްޓި ދަތުރުކުރަމުންދާ ކަމަށް ބުނެފި އެވެ.

ގާތްގަނޑަކަށް 45 އުޅަނދު ހިމެނޭ ފްލޮޓީލާގެ ދަތުރުގައި އެކި ގައުމުތަކުގެ ސިޔާސީ މީހުންނާއި ގާނޫނީ ވަކީލުންނާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓުންގެ 500 ވަރަކަށް މީހުން ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނޭ، ސްވިޑަންގެ ތިމާވެށީގެ އެކްޓިވިސްޓު ގްރެޓާ ތަންބާގް ދަތުރުކުރި ބޯޓު ހުއްޓުވައި އޭނާ ހައްޔަރުކޮށް އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށަށް ރޭގެ ދަންވަރު ވަނީ ގެންގޮސްފަ އެވެ. ކުރިން ވެސް މީގެ ދަތުރެއްގައި ބައިވެރިވުމުން އޭނާ ހައްޔަރުކޮށް އިޒްރޭލުން ޑީޕޯޓްކޮށްފައިވެ އެވެ.

އިޒްރޭލުން އުޅަނދުތަކަށް ހުރަސްއަޅައި ބައެއް އުޅަނދުތަކަށް އަރައި މީހުން ހައްޔަރުކޮށްފައި ވަނީ "އިޒްރޭލުން ބަންދުކޮށްފައިވާ" ސަރަހައްދަށް ވަނުމުން ކަމަށް ބުނެ އެވެ. އެކަމަކު ފްލޮޓީލާގެ މެންބަރުން ބުނަމުންދަނީ އިޒްރޭލުން ޣައްޒާ އާއި ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށާއި އެހެންވެ އެ މީހުންގެ އުޅަނދުތަކަށް ހުރަސްއަޅައި މީހުން ހައްޔަރުކުރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ.
ފްލޮޓީލާއިން ބުނީ އިޒްރޭލު ސިފައިން ބައެއް އުޅަނދުތައް ހުއްޓުވި ނަމަވެސް ގިނަ އުޅަނދުތައް ނުހުއްޓި އަދިވެސް ޣައްޒާއާ ދިމާއަށް ދަތުރުކުރަމުން ގެންދާ ކަމަށެވެ. ނުހުއްޓި ދަތުރުކުރާ އުޅަނދުތައް ޣައްޒާގެ އައްސޭރިއާ ކައިރިވަމުންދާ ކަމަށް ބުންޏެވެ. އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޗެނަލްގެ ރިޕޯޓަރަކު އޭގެ އުޅަނދެެއްގައި އެބަ ހުއްޓެވެ. ދަތުރު ނުހުއްޓާ ކުރިއަށްދާ ދިހަ ވަރަކަށް ބޯޓު ޣައްޒާއާ 40 މޭލަށް މިހާރު ކައިރިވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
"ބުރާސްފަތި ދުވަހުގެ ފަތިސްވި އިރު، ޣައްޒާއާ ދިމާއަށް އަދިވެސް 30 ބޯޓެއް ދުއްވަމުން ދާއިރު ޣައްޒާގެ އައްސޭރިއާ ދަނީ ކައިރިވަމުން،" ފްލޮޓީލާއިން އެކްސްގައި ޖީއެމްޓީން މެންދަމު 12:20 (ރާއްޖޭ ގަޑިން ފަތިހު 5:20) ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ފްލޮޓިލާގެ ތަރުޖަމާން ސައިފް އަބުކެޝެކް ވިދާޅުވީ، 13 ބޯޓެއް އިޒްރޭލުން ހުއްޓުވާފައިވާ ކަމަށާއި އެ އުޅަނދުތަކުގައި 200 ވަރަކަށް މީހުން ތިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ސްޕެއިނާއި އިޓަލީ މީހުން ގިނައިން ތިބި އުޅަނދުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު ވީޑިއޯ މެސެޖެއްގައި ތަރުޖަމާނު ވިދާޅުވީ "އަހަރެމެންގެ މިޝަން ކުރިއަށް އެބަދޭ" ކަމަށެވެ.
"އެ މީހުންގެ ހިތްވަރަށް ބަދަލެއް ނާދޭ. އެ މީހުން ތިބީ މިއަދު ހެނދުނު މި ހިސާރު ނިމުމަކަށް ގެނައުމަށް އެ މީހުންނަށް ކުރެވުނު ކޮންމެ ކަމެއް ކުރުމުގެ އަޒުމުގައި،" ތަރުޖަމާނު ވިދާޅުވި އެވެ.
ފްލޮޓީލާއިން ބުނީ ރޭގެ ވަގުތެއްގައި އިޒްރޭލުން އުޅަނދުތަކަށް ހުރަސްއެޅުމުގެ އިތުރުން މުއާސަލާތީ ހިދުމަތްތަކަށް ބުރޫއަރުވައި ހިދުމަތްތައް ހުއްޓުމަކަށް ގެނައި ކަމަށެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނީ ފްލޮޓީލާގެ "ގިނަ އުޅަނދުތައް ރައްކާތެރިކަމާ އެކު ހުއްޓުވާފައި" ވާ ކަމަށެވެ. އަދި އެ އުޅަނދުތަކާއި އޭގައި ތިބި މީހުން އިޒްރޭލު ބަނދަރަށް ގެންދިއުމުގެ މަސައްކަތްކުރާ ކަމަށް ވެސް ބުންޏެވެ.