02 އޮކްޓޯބަރ 2025 - 05:44

އިޒްރޭލުން ހިސާރުކޮށްފައިވާ ޣައްޒާއަށް އެހީ ހިފައިގެން ކަނޑުމަގުން މިހާތަނަށް ކުރި އެންމެ ބޮޑު ދަތުރުގެ ބައިވެރިންގެ އުޅަނދުތަކަށް އިޒްރޭލުން ހުރަސްއަަޅައި މީހުން ހައްޔަރުކޮށް އިޒްރޭލަށް ގެންދަަން ފަށައިފި އެވެ.
"ގްލޯބަލް ސުމޫދު ފްލޮޓީލާ" ގެ 40 އަށް ވުރެ ގިނަ އުޅަނދު ރޭ ހުއްޓުވީ އިޒްރޭލުން ބަންދުކޮށްފައިވާ ކަމަށް ބުނާ ކަނޑުގެ ސަރަހައްދަށް ވަނުމާ އެކުގަ އެވެ. އިޒްރޭލު ސިފައިންގެ އެތައް އުޅަނދެއް ގޮސް ފްލޮޓީލާގެ އުޅަނދުތަކަށް ހުރަސްއަޅައި ފެން ޖެހުން ފަދަ ކަންކަން ކުރުމަށް ފަހު ބޯޓުތަކަށް އަރައި ސިފައިންގެ ބެލުމުގެ ދަށަށް ވަނީ އުޅަނދުތަކާއި މީހުން ވެސް ގެންގޮސްފަ އެވެ.
ސިޔާސީ މީހުންނާއި އެކި ދާއިރާތަކުގެ އެކްޓިވިސްޓުން ހިމެނޭހެން 500 ވަރަކަށް މީހުން ބައިވެރިވާ ދަތުރު ހުއްޓުވުމަށް ފަހު އިޒްރޭލުގެ ފޮރިން މިނިސްޓްރީން ސޯޝަލް މީޑިއާގައި ވަނީ ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓު ގްރެޓާ ތަންބާގް ސިފައިންގެ ބެލުމުގެ ދަށަށް ގެންދާ ވީޑިއޯއެއް ޕޯސްޓްކޮށްފަ އެވެ.
"ހަމާސް-ފްލޮޓީލާ" ގެ ގޮތުގައި ސިފަކުރަމުން އިޒްރޭލު ފޮރިން މިނިސްޓްރީން ބުނީ ތަންބާގް އާއި އޭނާގެ އެކުވެރިން އިޒްރޭލުގެ ބަނދަރަކަށް ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި "އެންމެންގެ ހާލު ވެސް ރަނގަޅު" ކަމަށެވެ.
ރަމްޒީ ގޮތެއްގައި، އެހީގެ މަދު އަދަދެއް ހިފައިގެން ދިޔަ އެކްޓިވިސްޓުންގެ ބޭނުމަކީ އިޒްރޭލުން ކަނޑުމަގުން ވެސް ޣައްޒާ ބަންދުކޮށްފައި އޮންނަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށްކަން އަންގައިދިނުމާ އެކު އެ ހިސާރު ނިމުމުކަށް ގެނައުމެވެ. އިޒްރޭލުން ބުނަމުންދަނީ "ހަމާސްއާ ހަނގުރާމަކުރާއިރު" ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި ބޭއްވުން ގާނޫނީ ގޮތުން ހުއްދަ ކަމަށާއި އެ ސަރަހައްދު ހުރަސްކޮށް ވަންނަން އުޅޭ ކޮންމެ ބަޔަކު ކޮންމެ ގޮތަކުން ވިޔަސް ހުއްޓުވާނެ ކަމަށެވެ.
ފްލޮޓީލާއިން އެންމެ ފަހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ބައެއް އުޅަނދުތައް މިހާރުވަނީ އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. އިޒްރޭލުން ހުރަސްއެޅި އިރު ފްލޮޓީލާގެ އުޅަނދުތައް ތިބީ ޣައްޒާގެ އައްސޭރިފަށާ 70 ނޯޓިކަލް މޭލް (130 ކިލޯމީޓަރު) ގައި ކަމަށާއި އިޒްރޭލުން ނުހުއްޓުވާ އުޅަނދުތައް އަދިވެސް ދަތުރުކުރާ ކަމަށް ބުނެފައިވެ އެވެ.
މީގެ ކުރިން ވެސް ފްލޮޓީލާގެ ބައެއް އުޅަނދުތައް ކަނޑުމަގުން ޣައްޒާއަށް ވަންނަން މަސައްކަތްކުރި އެވެ. މިގޮތަށް ވަންނަން މަސައްކަތްކުރާ ކޮންމެ އުޅަނދެއް ހުއްޓުވައި އޭގައި ތިބޭ މީހުން ހައްޔަރުކުރުމަށް ފަހު އެ މީހެއްގެ ގައުމަށް އެ މީހަކު ޑީޕޯޓްކޮށްލަ އެވެ.