ވިކްޓަރީ އަލުން ބިނާކުރަން ކުރީގެ ގައުމީ ކޯޗު އުރުބާނީގެ ޓެކްނިކަލް އެހީ ހޯދަނީ
ވިކްޓަރީ އަލުން ބިނާކުރަން ކުރީގެ ގައުމީ ކޯޗު އުރުބާނީގެ ޓެކްނިކަލް އެހީ ހޯދަނީ

ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓަރީ އަލުން ބިނާކުރުމުގެ މަސައްކަތުގައި ރާއްޖޭގެ ކުރީގެ ގައުމީ ކޯޗު އިސްތަވާން އުރުބާނީގެ ޓެކްނިކަލް އެހީތެރިކަން ހޯދަމުންދާ ކަމަށް އެ ކްލަބްގެ ނައިބު ރައީސް އިބްރާހިމް ނަޒީމު ވިދާޅުވެއްޖެ އެވެ.

ވިކްޓަރީ އަލުން ބިނާކުރަން ކުރީގެ ގައުމީ ކޯޗު އުރުބާނީގެ ޓެކްނިކަލް އެހީ ހޯދަނީ
ވިކްޓަރީ އަލުން ބިނާކުރަން ކުރީގެ ގައުމީ ކޯޗު އުރުބާނީގެ ޓެކްނިކަލް އެހީ ހޯދަނީ

ވިކްޓަރީގެ ރައީސްކަން ވެސް މީގެ ކުރިން ކުރައްވާފައިވާ ނަޒީމު، އެ ކްލަބްގެ ނައިބު ރައީސްކަމަށް ދެވަނަ ފަހަރަށް ވަޑައިގެންނެވީ މި ހަފުތާގައި ބޭއްވި އިންތިހާބުންނެވެ.

ވިކްޓަރީ އަލުން ބިނާކުރަން ކުރީގެ ގައުމީ ކޯޗު އުރުބާނީގެ ޓެކްނިކަލް އެހީ ހޯދަނީ
ވިކްޓަރީ އަލުން ބިނާކުރަން ކުރީގެ ގައުމީ ކޯޗު އުރުބާނީގެ ޓެކްނިކަލް އެހީ ހޯދަނީ

އެ ކްލަބްގެ ރައީސް ކަމަށް ވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްގެ ހަތަރު ނައިބު ރައީސުންގެ ތެރެއިން އެންމެ އިސްކޮށް ހުންނެވި ނަޒީމު ވިދާޅުވީ ވިކްޓަރީގެ ހިންގުމާ މިހާރުގެ އެކްސްކޯއިން ހަވާލުވާނެކަން އެނގުނު ހިސާބުން ފެށިގެން އެންމެ ފުރަތަމަ މަސައްކަތް ކުރީ އުރުބާނީ ކޯޗުކަމަށް ގެނައުމަށް ކަމަށެވެ.

އެކަމަކު އޭނާ އަށް މި ވަގުތު އާދެވެން ނެތް ކަމަށް އުރުބާނީ ބުނެފައިވާ ކަމަށް ނަޒީމު ވިދާޅުވި އެވެ.

ނަމަވެސް ވިކްޓަރީގެ ޓީމަށް ސްލޮވާކިއާ އަދި ހަންގޭރީ އަށް ވެސް ނިސްބަތްވާ ޖޯޖްލީ ގެރީ ހަމަޖެއްސީ އުރުބާނީގެ ލަފާގެ މަތިން ނަޒީމު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ބޭނުންވި އަޅުގަނޑުމެންގެ ކޯޗަކަށް އުރުބާނީ ގެންނަން. އެހެންނަމަވެސް މި ވަގުތު އުރުބާނީގެ ސްޓޭޓަސް ހުރި ގޮތުން ކޯޗެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނާ ޖޮއިން ނުކުރެވުނީ،" ނަޒީމު ތަފްސީލުކޮށް ދެއްވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުގައި އުރުބާނީގެ ސަޕޯޓް ވަރަށް ބޮޑަށް ލިބިގެންދާނެ. އިރާދަކުރެއްވިޔާ މާ ލަސްތަކެއް ނުވެ އަޅުގަނޑުމެންނާ އެކު ދުވަސްކޮޅަކު މަސައްކަތް ކުރަން (އުރުބާނީ އަށް) ޖޮއިން ކުރެވޭތޯ މިދަނީ މަސައްކަތް ކުރަމުން."

އޭނާ ވިދާޅުވީ ވިކްޓަރީ އަލުން ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ އެ ޓީމުގެ ހެޑް ކޯޗު ގެރީ އާއި އުރުބާނީ ގުޅިގެން ކަމަށެވެ.

"ކޯޗު ގެރީ އާއި އުރުބާނީ ވަރަށް ގުޅިގެން މި މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ،" ނަޒީމު ވިދާޅުވި އެވެ.

އުރުބާނީ ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ގައުމީ ޓީމަށް ކޯޗުކޮށް ދީފަ އެވެ. އޭނާގެ ފުރަތަމަ ފަހަރު 2009 ގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖެ ގެންގޮސްދިނެވެ. އެ ފަހަރު ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވީ އިންޑިއާގެ 23 އަހަރުންދަށުގެ ޓީމު އަތުންނެވެ.

އުރުބާނީގެ ކޯޗުކަމުގެދަށުން ކުޅުނު ބައެއް ކުޅުންތެރިން ބުނާ ގޮތުގައި ހަންގޭރީގެ ތަޖުރިބާކާރަކީ ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ގޭމް ޒަމާނީ ސިސްޓަމަކަށް ބަދަލު ކުރަން މަސައްކަތް ކުރި ކޯޗެކެވެ.

ލަންކާގައި 2012 ގައި ބޭއްވި 23 އަހަރުންދަށުގެ އިންވިޓޭޝަނަލް މުބާރާތް ރާއްޖޭން ކާމިޔާބު ކުރީ އުރުބާނީގެ ކޯޗުކަމުގެ ދަށުންނެވެ.

ނަޒީމު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ދަންނަ އަދި ރާއްޖެއާ އެކު ރަނގަޅު ކާމިޔާބުތަކެއް ހޯދި ތަޖުރިބާކާރަކު ވިކްޓަރީގެ ޓެކްނިކަލް މަސައްކަތުގައި އެހީވުމަކީ އެ ކްލަބަށް ލިބޭ އުފަލެއް ކަމަށެވެ.

ވިކްޓަރީ އަށް ކުރިން ކުޅުނު ކުޅުންތެރިންގެ ޓެކްނިކަލް އެހީތެރިކަން މިހާރު ވެސް ލިބެމުންދާކަން ނަޒީމު ފާހަގަ ކުރި އެވެ. އޭގެ ތެރޭގައި އެ ޓީމުގެ ކުރީގެ ކޯޗު އަދި ކުރީގެ ގޯލް ކީޕަރު މައުރޫފް އަހްމަދު (މާއްޓޭ) ގެ ސަޕޯޓް ލިބެމުންދާ ކަމަށް ނަޒީމު ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ވިކްޓަރީގައި ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމް (ވައިޑީޕީ) ގެ މަސައްކަތް ފެށުމަށް ޕްލޭންތަކެއް އެކުލަވާލަމުންދާ ކަމަށެވެ. އަދި އެހެން ކުޅިވަރުތަކުގައި ވެސް ވިކްޓަރީން ވާދަކޮށް ކާމިޔާބު ހޯދުމަކީ މިހާރުގެ ބޯޑުގެ އަމާޒެއް ކަމަށް ނަޒީމު ވިދާޅުވި އެވެ.