ގައުމީ ޓީމުގެ މެނޭޖަރަކަށް ޓީސީގެ ކުރީގެ މެނޭޖަރު ހަމަޖައްސައިފި
ގައުމީ ޓީމުގެ މެނޭޖަރަކަށް ޓީސީގެ ކުރީގެ މެނޭޖަރު ހަމަޖައްސައިފި

ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރަކަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކުރީގެ މެނޭޖަރު މުހައްމަދު އީސާ (މޯ) ހަމަޖައްސައިފި އެވެ.

ގައުމީ ޓީމަށް މެނޭޖަރެއް ހަމަޖެއްސީ އެ މަގާމް ވަގުތީ ގޮތުން އުވާލާފައި އޮތުމަށް ފަހު އެވެ. މެނޭޖަރުގެ ޒިންމާ ގައުމީ ކޯޗާ ހަވާލުކުރުމަށް އެފްއޭއެމުން ނިންމީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ފަހު އޭރުގެ މެނޭޖަރު އަދި މިހާރު ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް އިސްތިއުފާ ދިން ހިސާބުންނެވެ. އޭނާ ވެސް އޭރު އެފްއޭއެމަށް ލަފާ ދިނީ މެނޭޖަރުގެ ޒިންމާ ކޯޗާ ހަވާލުކުރާށެވެ.

ގައުމީ ޓީމުގެ މިޑްފީލްޑަރު އިސްމާއިލް އީސާގެ ބޭބެ މޯ ވަނީ 2015 ވަނަ އަހަރުގެ ޓީސީގެ މެނޭޖަރުގެ މަގާމް އަދާކޮށް އަދި ފަހުން ވެސް އެ ކްލަބް ހިންގުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އަހުމަދު ތޯރިގް (ޓޮމް) ގެ ރައީސްކަމުގައި އެފްއޭއެމްގެ އެކްސްކޯ މެމްބަރުގެ މަގާމް ވެސް ފުރައިފަ އެވެ. ޓޮމްއާ މެދު ހިތްހަމަނުޖެހިގެން އޭނާއާ އެކު އިތުރު މެމްބަރުންތަކެއް މިދިޔަ އަހަރު އިސްތިއުފާ ދިނުމާ އެކު، އޭރުގެ އެކްސްކޯ އުވުނީ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ މެނޭޖަރެއް ހަމަޖެއްސުމުގައި ބެލީ ހަމައެކަނި މިކަމަށް ވަގުތު ދެވޭ އަދި ކުޅުންތެރިން ގޮވައިގެން އުޅުމުގެ ތަޖުރިބާ ހުރި މީހަކަށް ކަމަށާއި މޯ އަކީ އެ ޝަރުތު ފުރިހަމަވާ ފަރާތެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައި މިިހިރީ ލޯންގް ޓާމްކޮށް މަސައްކަތްކުރުން މޯ އާ އެކު،" ޖަވާ ވިދާޅުވި އެވެ.

މޯ ބުނީ އޭނާ އަށް ބޭނުންވަނީ ކުޅުންތެރިންނާއި އޮފިޝަލުންގެ ސަޕޯޓް ކަމަށާއި އެންމެން ގުޅިގެން ގައުމީ ޓީމުގެ އަމާޒަށް ވާސިލްވާނެ ކަމަށެވެ.