ޓައިގާ ޝްރޮފް ހޮލީވުޑް ފިލްމެއް ކުޅެނީ
ޓައިގާ ޝްރޮފް ހޮލީވުޑް ފިލްމެއް ކުޅެނީ

ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފްއަށް ހޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ޓައިގާއަށް ފުރުސަތު ލިބުނީ އެމެޒަން އެމްޖީއެމް އިން ޕްރޮޑިއުސްކުރާ އެކްޝަން ފިލްމަކުންނެވެ. އެ ފިލްމުގައި އޭނާއާ އެކު މުހިންމު ރޯލުތައް ކުޅޭނީ ހޮލީވުޑްގެ ލެޖެންޑް ސިލްވެސްޓާ ސްޓެލޯން އާއި ތައި މާޝިއަލް އާޓްސް ސްޓާރު ޓޮނީ ޖާ އެވެ.

އެއީ ގްލޯބަލް އެކްޝަން ފިލްމެއް ކަމަށާއި ދުނިޔޭގެ އެކި ބަސްތަކުން އެ ފިލްމު ގެނެސްދޭނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

ނަމަވެސް، އެ ފިލްމާ ގުޅޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. އަދި ރަސްމީކޮށް އެ ފިލްމު އިއުލާންކޮށްފައި ވެސް ނުވެ އެވެ.

ހޮލީވުޑްގެ ކުޅަދާނަ އެކްޓަރެއް ކަމަށްވާ ސްޓެލޯންއަކީ ޓައިގާ އޭނާގެ ވަރަށް ބޮޑު އިންސްޕިރޭޝަނެއްގެ ގޮތުގައި ދެކޭ ފަންނާނެކެވެ. ސްޓެލޯން ވަނީ 2009 ވަނަ އަހަރު ބޮލީވުޑްގެ ފިލްމެއްގައި ހާއްސަ ފެނިލުމަކުން ވެސް ފެނިފަ އެވެ. އެއީ ކަރީނާ ކަޕޫރް ޚާނާއި އަކްޝޭ ކުމާރް ކުޅުނު އެކްޝަން ކޮމެޑީ "ކަމްބަކްތު އިޝްގް" އިންނެވެ.

ޓައިގާ އެންމެ ފަހުން ފެނުނީ މިދިޔަ މަހު ނެރުނު ފިލްމު "ބާޣީ 2" އިންނެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ތަރުހީބެއް ނުލިބި ވަނީ ބޮޑު ފްލޮޕަކަށް ވެފަ އެވެ.