ޣައްޒާ ފްލޮޓީލާ ހުއްޓުވަން އިޒްރޭލު ސިފައިން އަރައިގެންފި
ޣައްޒާ ފްލޮޓީލާ ހުއްޓުވަން އިޒްރޭލު ސިފައިން އަރައިގެންފި

އިޒްރޭލުން ބަނޑަށްޖައްސާފައިވާ ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް، އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަގްސަދުގައި ޣައްޒާއަށް ކަނޑުމަގުން ވަންނަން ދަތުރުކުރާ "ގްލޯބަލް ސުމޫދް ފްލޮޓީލާ" ގެ އުޅަނދުތަކަށް އަރައިގަނެ ހުއްޓުވަން ފަށައިފި އެވެ.

"ގާނޫނާ ހިލާފަށް ގެންދަނީ އުޅަނދުތައް ހުއްޓުވަމުން. ކެމެރާތައް ވަނީ ނިއްވާލާފައި. އަދި އުޅަނދުތަކަށް ވަނީ އިޒްރޭލު ސިފައިން އަރާފައި. މިހާރު މި ދަނީ ހުރިހާ ބައިވެރިން ރައްކާތެރިކަމާ އެކު ތިބިތޯ ބަލަމުން،" ފްލޮޓީލާ އިން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

ފަންސާހަކަށް އުޅަނދު ހިމެނޭ ފްލޮޓީލާ ހުއްޓުވަން ވިއްސަކަށް އުޅަނދު ގޮސްފައިވެ އެވެ.

ފްލޮޓީލާގެ މެންބަރުން ބުނީ ބައެއް އުޅަނދުތައް ވަނީ އިޒްރޭލުގެ އުޅަނދުތަކުން ވަށާލާފައި ކަމަށެވެ. އަދި ފްލޮޓީލާގައި އިސްކޮށް ބޭނުންކުރާ އުޅަނދުތައް ހިފެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެެ.

"ޣައްޒާއާ ދެމެދު އޮތް ދުރުމިނަކީ އެންމެ 81 ނޯޓިކަލް މޭލު. އެހެންވެ ފްލޮޓީލާ ހުއްޓުވުމަށް މަނަަވަރުތައް މިހާރު އަންނަނީ އުޅަނދުތަކާ ދިމާލަށް،" ގްލޯބަލް ސުމޫދު ފްލޮޓިލާގެ މަޣްރިބް ކޮންޓިންޖެންޓުން ބުންޏެވެ.

ފްލޮޓީލާގެ އުޅަނދުތަކަށް ސިފައިން އެރުމުގެ ކުރިން ބައެއް އުޅަނދުތަކާ މުއާސަލާތުކުރުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އެއީ ބައެއް އުޅަނދުތަކުގެ ސިގްނަލް ޖޭމްކުރުމުން ކަމަށް ވެސް ބުންޏެވެ.

މީގެ ކުރިން ޣައްޒާއަށް ވަންނަން މަސައްކަތްކުރި ފްލޮޓީލާގެ އުޅަނދުތައް ހުއްޓުވުމަށް ފަހު އުޅަނދުތަކާއި މީހުން އިޒްރޭލަށް ގެންގޮސް ވަނީ މީހުން ޑީޕޯޓްކޮށްފަ އެވެ.

އިޒްރޭލުން ވަނީ ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓާނެ ކަމަށާއި ޣައްޒާއަށް ވަންނަން ކުރާ ކޮންމެ މަސައްކަތެއް ހުއްޓުވާނެ ކަމަށް ބުނެ ފްލޮޓީލާގެ އުޅަނދުތައް އެނބުރި ދިއުމަށް ތަކުރާރުކޮށް އިންޒާރު ދީފަ އެވެ. ރޭ ފަތިހު ވެސް ވަނީ އިޒްރޭލު ސިފައިން ވަނީ ފްލޮޓީލާގެ އުޅަނދުތަކާ ވަރަށް ކައިރިއަށް ގޮސް ބިރު ދެއްކުމުގެ ގޮތުން ހުރަސްއަޅާފައި ކަމަށް ފްލޮޓީލާ އިން ބުނެފައިވެ އެވެ.

ފްލޮޓީލާއިން ލަފާކޮށްފައިވާ ގޮތުގައި، އިޒްރޭލުން އުޅަނދުތައް އާންމުކޮށް ހުއްޓުވައި ހަމަލާދޭ، ޣައްޒާގެ ހައި ރިސްކް ޒޯނާ 10 ނޯޓިކަލް މޭލާ ކައިރިއަށް ދިއުމާ އެކު އިޒްރޭލުން ގިނަ އަދަދެއްގެ އުޅަނދު ފޮނުވައި މަގު ބަންދުކޮށްލާނެ އެވެ.

ފަންސާހަކަށް އުޅަނދުގައި، 46 ގައުމަކުން 497 މީހަކު މި ދަތުރުގައި ބައިވެރިވަމުން އަންނައިރު އޭގެ ތެރޭގައި އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސިޔާސީ ބޭފުޅުންނާއި އެކި ދާއިރާތަކުގެ މަޝްހޫރު އެކްޓިވިސްޓުން ވެސް ހިމެނެ އެވެ.

އިޒްރޭލު ސިފައިން ހުރަސްއަޅައި އަރައިގެންފާނެ ކަމުގެ ބިރާ އެކު އުޅަނދުތަކުގައި މިހާރު ކުއްލި ހާލަތު އިއުލާނުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.

ފްލޮޓީލާގެ ދަތުރުގެ ހުރިހާ ކަމެއް އެކި ޕްލެޓްފޯމްތަކުން ވަގުތުން ދުރަށް ދައްކަމުން ދާއިރު ދަތުރުގެ ބައިވެރިން އިލްތިމާސްކުރަނީ އެ މީހުންގެ ހާލަތު ގާތުން ބަލަމުން ދިއުމަށެވެ. މަންޒަރު ދެކެން ބަޔަކު ތިބުމަކީ އިޒްރޭލުގެ އަމަލުތައް ކޮންޓްރޯލްކުރުމަށް ބާރަކަށް ވާނެ ކަމަށް އެ މީހުން ގެންދަނީ ބުނަމުންނެވެ.