ޣައްޒާ ސިޓީން ނުނިކުމެ ތިބޭނީ ޓެރަރިސްޓުން ކަމަށް ބުނެ އިޒްރޭލުން "ފަހުގެ އިންޒާރު" ދީފި
ޣައްޒާ ސިޓީން ނުނިކުމެ ތިބޭނީ ޓެރަރިސްޓުން ކަމަށް ބުނެ އިޒްރޭލުން "ފަހުގެ އިންޒާރު" ދީފި

ފަލަސްތީނުގެ ޣައްޒާގެ މައި ސިޓީގެ ކަމަށްވާ ޣައްޒާ ސިޓީ ހިފަން އިޒްރޭލުން ކެނޑިނޭޅި ހަމަލާދެމުން ދާއިރު އެ ސިޓީން އާންމުން ނިކުތުމަށް އެންމެ ފަހުގެ އިންޒާރު މިއަދު އިޒްރޭލުން ދީފި އެވެ.

ޣައްޒާއަށް ހަމަލާދެމުން ގެންދާތާ ދެ އަހަރުވާން ގާތްވެފައި ވަނިކޮށް ޣައްޒާ ސިޓީ ހިފަން ގިނަ އަދަދެއްގެ ސިފައިން ނެރެ ހަމަލާތައް ކުރިއަށްވުރެ ވެސް ވަރުގަދަކުރިތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި މިއަދު ވެސް ޣައްޒާ ސިޓީއަށް ވަރަށް ވަރުގަދައަށް ވައިގެ މަގުން ހަމަލާތައް ދެމުން ދިޔަ އެވެ.

މި ހަމަލާތައް ދެމުން ދަނިކޮށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ވަނީ ޣައްޒާ ސިޓީ ވަށައިލައި، އެތެރެއަށް ވަންނަމުންދާ ކަމަށް ބުނެފަ އެވެ.

"މިއީ ޣައްޒާގެ އާންމުންގެ ތެރެއިން އެތަން ދޫކޮށް، ހަމާސްގެ މެންބަރުން ބައިތިއްބާފައި ދެކުނު ސަރަހައްދަށް ދާން ލިބޭނެ ފަހު ފުރުސަތު،" އެކްސްގައި އިންޒާރު ދެމުން ކާޒް ލިޔެފައިވެ އެވެ.

އޭނާ ބުނީ ޣައްޒާ ސިޓީން ނުފައިބައި ތިބޭ އެންމެންނަކީ ޓެރަރިސްޓުންނާއި ޓެރަރިސްޓުންގެ ސަޕޯޓަރުންގެ ގޮތުގައި ބަލާނެ ކަމަށެވެ.

ޑިފެންސް މިނިސްޓަރު ބުނި ގޮތުގައި ޣައްޒާ ސިޓީން ނުކުމެގެން ދެކުނަށް ދާން ބޭނުންވާ ކޮންމެ މީހަކު ދާންޖެހޭނީ އިޒްރޭލު ސިފައިންގެ ޗެކް ޕޯސްޓަކުގެ ތެރެއިންނެވެ.

މި އިންޒާރު ދީފައިވަނީ ޣައްޒާގެ ދެކުނުން އުތުރަށް ދާން އޮންނަ އެންމެ ފަހު މަގު ބަންދުކުރަން ނިންމިކަން އިޒްރޭލު ސިފައިން އިއުލާން ކުރިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.

އިޒްރޭލުގެ ހަމަލާތަކަށް ކުޑަވެސް މަޑުޖެހުމެއް ނައިސް އިންޒާރު ދެމުން ދާއިރު ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ ބެލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ގަރާރު ދިރާސާކުރަމުން އަންނަ ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.

އިޒްރޭލުން ޣައްޒާއަށް މިފަހަރު ހަމަލާދޭން ފެށީ އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސްއަށް ހަމަލާދީ 1،219 މީހަކު މަރާލުމާ އެކު ހަމާސް ނައްތާލަން ކަމަށް ބުނެ އެވެ. އޭގެ ފަހުން އިޒްރޭލުން ޣައްޒާގައި ޝަހީދުކުރި ފަލަސްތީނު މީހުންގެ އަދަދު ވަނީ 66،000 އިން މައްޗަށް ގޮސްފަ އެވެ. -- އޭއެފްޕީ