މިއަހަރު ވެސް އެމްއޭސީއެލް މުވައްޒަފުންނަށް 25،000ރ. ގެ ބޯނަސް
މިއަހަރު ވެސް އެމްއޭސީއެލް މުވައްޒަފުންނަށް 25،000ރ. ގެ ބޯނަސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި 25،000ރ. ދޭން ނިންމައި ފައިސާ ޖަމާކޮށްދޭން ފަށައިފި އެވެ.

މިދިޔަ ހަތަރު އަހަރު ވެސް އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް ބޯނަހުގެ ގޮތުގައި 25،000ރ. ދީފައި ވެ އެވެ.

އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު ވިދާޅުވީ، މިއަހަރު ވެސް 25،000ރ. ގެ ބޯނަސް ދޭން ނިންމީ، މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ، ކަނޑައެޅިފައިވާ ސުންގަޑިއަށް އާ ޓާމިނަލް ހުޅުވަން މިދިޔަ އަހަރަކީ އެ ކުންފުނީގެ މުވައްޒަފުން އެންމެ ބުރަކޮށް މަސައްކަތް ކުރި އެއް އަހަރު ކަމަށެވެ. އެކަން ބޯޑުން އަދި މެނޭޖްމަންޓުން ވެސް ފުރިހަމައަށް ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުން ފެށިގެން މުވައްޒަފުންގެ އެކައުންޓްތަކަށް ބޯނަސް ފައިސާ ވަނީ ޖަމާކުރަން ފަށައިފަ އެވެ. މުވައްޒަފުންނަށް ބޯނަސް ދިނުމުގައި މިދިޔަ އެއް އަހަރުގެ މަސައްކަތްތަކަށް ބަލާނެ އެވެ.

ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްއޭސީއެލްގައި 5،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

މިދިޔަ އަހަރު އެމްއޭސީއެލްއަށް އެއް ބިލިއަން ރުފިޔާގެ ފައިދާ ލިބިފައިވެ އެވެ. އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުން އެ ކުންފުންޏަށް ލިބިފައިވަނީ އޭގެ ކުރީ އަހަރަށް ވުރެ 18 ޕަސެންޓް އިތުރު ފައިދާއެކެެވެ. އެއީ ގާތްގަނޑަކަށް 192 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެމްއޭސީއެލްއަށް 2023 ވަނަ އަަހަރު ފައިދާގެ ގޮތުގައި ލިބުނީ 903 މިލިއަން ރުފިޔާ އެވެ.