ޝާހު ބިލިއަނަރަކަށްވެ، ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރަށް ވެއްޖެ
ޝާހު ބިލިއަނަރަކަށްވެ، ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރަށް ވެއްޖެ

ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާން ބިލިއަނަރަކަށްވެ، ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރަށް ވެއްޖެ އެވެ.

ކޮންމެ އަހަރަކު ނެރޭ އިންޑިއާގެ އެންމެ މުއްސަނދި މީހުންގެ ލިސްޓު "ހުރުން އިންޑިއާ ރިޗް ލިސްޓް"ގެ މި އަހަރުގެ ލިސްޓު އާންމުކުރީ މިއަދެވެ. އެ ލިސްޓުގައިވާ ގޮތުގައި، ޝާހުގެ މިލްކިއްޔާތަކީ މިހާރު 12،490 ކްރޯޑް ރުޕީސް (1.4 ބިލިއަން ޑޮލަރު) އެވެ.

ބޮލީވުޑްގައި މަސައްކަތްކުރާތާ 33 އަހަރުވެފައިވާ ޝާހުއަކީ، އެ ލިސްޓުގައިވާ ގޮތުން މިހާރު އިންޑިއާގައި ވެސް އަދި ދުނިޔޭގައި ވެސް އެންމެ މުއްސަނދި އެކްޓަރެވެ. އަދި ބިލިއަނަރަކަށް ވި އިންޑިއާގެ ފުރަތަމަ އެކްޓަރެވެ.

ޝާހުއަށް ފަހު ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރަކީ ހޮލީވުޑްގެ ތަރި އާނޯލްޑް ޝްވެޒްނެގާ އެވެ. އޭނާގެ މިލްކިއްޔާތަކީ 1.2 ބިލިއަން ޑޮލަރެވެ. ދެން އެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ 1.19 ބިލިއަން ޑޮލަރާ އެކު ހޮލީވުޑްގެ އެކްޓަރު ޑުވޭން ޖޯންސަން އާއި 891 މިލިއަން ޑޮލަރާ އެކު ހޮލީވުޑްގެ ތަރި ޓޮމް ކްރޫޒެވެ.

ޝާހު އަންނަނީ އޭނާގެ އަންހެނުން ގޯރީ ޚާންއާ އެކު "ރެޑް ޗިލީސް އެންޓަޓެއިންމަންޓް"ގެ ނަމުގައި އޭނާގެ އަމިއްލަ ފިލްމު ޕްރޮޑަކްޝަނެއް ހިންގަމުންނެވެ. އެ ޕްރޮޑަކްޝަންގެ ދަށުން އަގުބޮޑު ވީއެފްއެކްސް ސްޓޫޑިއޯއެއް ހިންގާއިރު، ކްރިކެޓް ކުލަބުތަކަށް ވެސް ފަންޑުކުރެ އެވެ. އަދި ދުބާއީގައި އޭނާ ރިއަލް އެސްޓޭޓް ވިޔަފާރި ވެސް ކުރެ އެވެ.

ބިލިއަނަރުންގެ ލިސްޓަށް ޝާހު އެރި އިރު، 2023 ވަނަ އަހަރު އޭނާ ގެނެސްދިން ތިން ފިލްމަށް ވަނީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު އާމްދަނީއެއް ލިބިފަ އެވެ.

"ހުރުން އިންޑިއާ ރިޗް ލިސްޓް"ގައިވާ ގޮތުގައި، ޝާހުއަށް ފަހު އިންޑިއާގައި އެންމެ މުއްސަނދި އެކްޓަރަކީ ޖޫހީ ޗާވްލާ އެވެ. ޖޫހީއަކީ ޝާހުގެ ބިޒްނަސް ޕާޓްނަރެއް ވެސް މެ އެވެ. ޝާހު އާއި ޖޫހީ އަދި ޖޫހީގެ ފިރިމީހާގެ ހިއްސާ އޮވެގެން ހިންގާ "ކޮލްކަތާ ނައިޓް ރައިޑާސް" ކިޔާ ކްރިކެޓް ޓީމެއް އޮވެ އެވެ.

ޖޫހީ އާއި އޭނާގެ ފިރިމީހާ ޖޭ މެހެތާއަކީ ވެސް އިންޑިއާގެ ބޮޑެތި ވިޔަފާރިވެރިންނެވެ.

ޝާހު އާއި ޖޫހީއާ ޖެހިގެން އެ ލިސްޓުގައި ތިބި އިންޑިއާގެ އެންމެ މުއްސަނދި ފަންނާނުންނަކީ ރިތިކް ރޯޝަން އާއި ކަރަން ޖޯހަރް އަދި އަމީތާބް ބައްޗަން އެވެ.