01 އޮކްޓޯބަރ 2025 - 20:53

އިދިކޮޅު އެމްޑީޕީން އަންނަ ހުކުރުދުވަހު މާލޭގައި މުޒާހަރާއެއް ކުރަން ރާވާފައި ވަނިކޮށް، "ފުލުުހުންގެ އޮޕަރޭޝަނަލް ރެޑިނެސް" ބެލުމަށް މިއަދާއި މާދަމާ މާލެ އާއި ހުޅުމާލޭގައި ފަރިތަކުރުންތަކެއް ބާއްވާކަން އިއުލާނުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ފުލުހުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މިއަދާއި މާދަމާ ބާއްވާ ފަރިތަކުރުންތަކަކީ ސިލްސިލާ އެކްސަސައިޒްތަކެއް ކަމަށެވެ.
މި އެކްސަސައިޒާ ބެހޭ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު ކްރައުޑް ކޮންޓްރޯލްކުރުމަށް ޝީލްޑްތައް ހިފައިގެން މަގުތަކެއް ބަންދުކޮށްގެން ފުލުހުން ތިބި ފޮޓޯތަކެއް، ވަނީ ޕޯސްޓްކޮށްފަ އެވެ.
އެމްޑީޕީން ހުކުރު ދުވަހު މުޒާހަރާއެއް ބާއްވަން ދުރާލައި އިއުލާނުކޮށް ތައްޔާރުވަމުން ދާއިރު ރާއްޖޭގެ އެކި ހިސާބުތަކުން ވެސް މުޒާހަރާއަށް މީހުން އަންނަ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި މި މުޒާހަރާގައި ހަމަނުޖެހުން ހިންގަން ރާވާ ކަމުގެ ތުހުމަތު ފުލުހުން ކޮށްފައި ވާއިރު އެމްޑީޕީން ވަނީ ފުލުހުން ހަދަނީ ދޮގު ކަމަށް ބުނެ ބަޔާނެއް ވެސް ނެރެފަ އެވެ.
މި ދުވަސްވަރާ ދިމާކޮށް ފުލުހުން ތަމްރީންތަކެއް ފެށި އިރު އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ވަނީ ކަނޑުދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތީ ކަންކަން ބެލުމުގެ ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ. އެމްއެންޑީއެފުން ބުނީ އެ އޮޕަރޭޝަން ފެށީ ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވާއިދުތަކުގައިވާ ސަލާމަތީ ކަންކަން ފުރިހަމަނުކޮށް ކަނޑު އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން ގިނަވެ ތަފާތު ނުރައްކާތެރި ހާދިސާ ހިނގުން ގިނަވާތީ ކަމަށެވެ.