ސަރުކާރަށް އެއްބާރުލުން ނުދޭނަމަ އަމީތު އިސްތިއުފާ ދޭން ގޮވާލައިފި
ސަރުކާރަށް އެއްބާރުލުން ނުދޭނަމަ އަމީތު އިސްތިއުފާ ދޭން ގޮވާލައިފި

ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ސަރުކާރަށް އެއްބާރުލުން ނުދެއްވާ ނަމަ، މެމްބަރުކަމުން އިސްތިއުފާ ދެއްވަން ރ. މީދޫ ޕީޕީއެމްގެ އޮފީހުން މިއަދު ގޮވާލައިފި އެވެ.

އެގޮތަށް ޕީޕީއެމްގެ މެމްބަރު އަމީތަށް ގޮވާލިއިރު، އަމީތުގެ ސިޔާސީ ފިކުރު ބަދަލުވެ، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ މައްޗަށް މިއަދު ނެގި އިތުބާރު ނެތްކަމުގެ ވޯޓުގައި ވެސް އޭނާ ހުންނެވީ އިދިކޮޅު ކޯލިޝަންގެ މެމްބަރުންނާ އެކުގަ އެވެ. އަދި މަސީހް ސަލާމަތް ކުރަން ވޯޓު ނުދެއްވާނެ ކަމަށް އަމީތު ރޭ އިއުލާން ކުރެއްވި އެވެ. އެ ނިންމެވުމާ އެކު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގުރޫޕްތަކުން އަމީތު ބޭރުކޮށް، އޭނާގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.

ޕީޕީއެމްގެ މެމްބަރުން ހުށަހަޅާ ބިލްތަކާ ދެކޮޅަށް އަމީތު ފަހަކަށް އައިސް ވޯޓު ދެއްވުމާއި ސަރުކާރާ ދެކޮޅަށް ވާހަކަތައް ދައްކަވަމުން ގެންދަވާތީ އެކަން ކުށްވެރިކޮށް މީދޫ އޮއިވަރު ގޮފި އަދި ރ. އަތޮޅު ކައުންސިލްގެ ރައީސް އަންވަރު އިބްރާހިމް ނެރުއްވި ބަޔާނުގައި ބުނީ، އަމީތަށް މަޑުއްވަރީ ދާއިރާގެ ގޮނޑި ހަވާލުކުރީ، ދާއިރާގެ ތަރައްގީ އަށް މަސައްކަތްތައް ކުރެވޭނެ ކަމުގެ ބޮޑު އިތުބާރެއް އޮތުމުން ކަމަށެވެ. އަދި މި ސަރުކާރު އައި ފަހުން މަޑުއްވަރީ ދާއިރާގައި ހިމެނޭ މީދޫގެ އިތުރުން މަޑުއްވަރީގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއްް ކުރެވެމުން ދާ ކަމަށާއި ނަމަވެސް ސަރުކާރާ ދެކޮޅަށް އަމީތު ވާހަކަ ދައްކަވަން ފެށުމަކީ އެ ތަރައްގީ އަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށް ބަޔާނުގައި ބުންޏެވެ.

މީދޫގައި މިހާރު ވެސް އަންނަނީ ނަރުދަމާ ގާއިމްކުރުމާއި ފެނާއި މަގު ހެދުމުގެ އިތުރުން ފުޓްސަލް ދަނޑު ހެދުމުގެ މަޝްރޫއު ހިންގަމުންނެވެ. މަޑުއްވަރީގައި މިވަގުތު ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.

"އިިދިކޮޅު ފަރާތްތަކުން ކޮންމެ ވާހަކައެއް ދެއްކިއަސް މިއަދުގެ ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ހަލުވި ތަރައްގީ އަކީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ގެނެވިފައި ނުވާ ވަރުގެ ތަރައްގީއެއް ކަމަށް ވީހިނދު، މި ތަރައްގީގައި މި ދާއިރާގެ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ދެވިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މި ދާއިރާ ތަމްސީލުކުރުމަށް ހޮވާފައިވާ މެމްބަރުންގެ އެއްބާރުލުން ސަރުކާރަށް ލިބިގެންކަމުގައި ސަރުކާރަށް ތާއީދުކުރާ މި ދާއިރާގެ އެންމެހާ ރައްޔިތުން ގަބޫލުކުރަމެވެ،" ބަޔާނުގައި ބުންޏެވެ.

"އެހެންކަމުން، އިދިކޮޅު ފަރާތްތަކަށް ހިތްވަރު ލިބޭގޮތަށް، ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް މަނިކުފާނު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތައް މިހާރުން މިހާރަށް ހުއްޓާލައްވާ، ސަރުކާރަށް އެއްބާރުލުން ދެއްވަން އިލްތިމާސްކުރަމެވެ. އަދި މަނިކުފާނު މި ދާއިރާ ތަމްސީލުކުރުމަށް ހޮވި ވަޑައިގެންވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައިކަން ހަނދުމަކޮށް އަރުވަމުން، ސަރުކާރަށް އެއްބާރުލުން ނުދެއްވޭނަމަ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރުކަމުން ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލަމެވެ."