ރަނގަޅު ޒުވާނަކު ބިނާކުރުން 50 ބުރީގެ އިމާރާތަކަށް ވުރެ މުހިއްމު: ރައީސް
ރަނގަޅު ޒުވާނަކު ބިނާކުރުން 50 ބުރީގެ އިމާރާތަކަށް ވުރެ މުހިއްމު: ރައީސް

ހުނަރުގެ ގޮތުންނާއި އަހުލާގީ ގޮތުން ރަނގަޅު ޒުވާނަކު ބިނާކުރުން، އުސް އިމާރާތެއް ބިނާކުރުމަށް ވުރެ މާ މުހިއްމު ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ ހާއްސަ އިސްނެންގެވުމަކަށް މޯލްޑިވްސް ނެޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތް) އިފްތިތާހުކުރަން އެމްއެންޑީއެފް މާފިލާފުށީ ޓްރެއިން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވީ އެ ހިދުމަތް އިފްތިތާހުކުރުމާ އެކު، މި ފެށުނީ ގައުމު ބިނާކުރުމުގެ ވަރަށް މުހިއްމު ސަފުހާއެއް ކަމަށެވެ. ނެޝަނަލް ސާވިސްގެ ތަމްރީނުގައި ބައިވެރިވި ފުރަތަމަ ބެޗުގެ ދަރިވަރުންނާ މުހާތަބު ކުރައްވައި އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން އެ ދަރިވަރުންނަށް ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދޭނެ ކަމަށެވެ.

"ހަގީގަތުގައި ފަންސާސް ބުރީގެ އިމާރާތެއް އިމާރާތްކުރުމަށް ވެސް، ގައުމު ދެެކެ ލޯބިވާ، އިސްލާމްދީން ދެކެ ލޯބިވާ، ފަހުރުވެރި، ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ މާ މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ،" ރައީސް ވިދާޅުވި އެވެެ.

މިއަދު ފެށި ތަމްރީނަކީ ވަރަށް މުހިންމު އަދި ލިބުނު ވަރަށް މުހިއްމު ފުރުސަތެއް ކަމަށް ދަރިވަރުން ގަބޫލުކުރަން ރައީސް އެދިވަޑައިގަތެވެ.

"އިރާދަކުރެއްވިއްޔާ މި ތަމްރީނު ނިމިގެން ދެ ވަނަ ފިޔަވައްސަށް ދާއިރުގައި، ތިޔަ ކުދިން، ތިޔަ ޒުވާނުން ވެގެންދާނީ އަޅުގަނޑުމެން މި އުއްމީދުކުރާ ފަދަ އަދި ތިޔަ ކުދިން ވެސް އުއްމީދުކުރާ ފަދަ ބަޔަކަށް. މިހާރަށް ވުރެ ބޮޑަށް ގައުމަށް ހިދުމަތްތަކެއް ކުރެވޭ އަމިއްލަ ހަޔާތް އިތުރަށް ވަރުގަދަކަމާ އެކީގައި ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށް އެމްޕަވާ ކުރެވިފައިވާ ޒުވާނުންތަކަކަށް،" ރައީސް ވިދާޅުވި އެވެ.

ނެޝަނަލް ސާވިސް ޕްރޮގުރާމް ފުރިހަމަކުރުމުން ސިފައިންގެއިން ނުވަތަ ފުލުހުންގެ ހިދުމަތުން ފުރުސަތު ދޭނެ ކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފަ އެވެ.

އެ ޕްރޮގްރާމަށް ހާއްސަ ގާނޫނެއް ވަރަށް އަވަހަށް ފާސްކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް އޭރު ވިދާޅުވި އެވެ. ގާނޫނު އެކުލަވާލާއިރު، އިތުރު ތަފްސީލްތައް ކަނޑައަޅާނެކަން ފާހަގަކުރައްވައި ރައީސް އޭރު ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެލަވަންސެއް ވެސް ހަމަޖައްސާނެ ކަަމަށެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި މިހާރުގެ ވިސްނުމަކީ ޕްރޮގްރާމް ފަށާއިރު 6،000ރ. ގެ އެލަވަންސެއް ދިނުމެވެ.

ނޭޝަނަލް ސާވިސް ނުވަތަ ދިވެހި ވަތަނީ ހިދުމަތުގެ ފުރަތަމަ ބުރުގެ ތަމްރީނުތަކުގައި 107 ރަށަކުން އުމުރުން 16-29 އަހަރާ ދެމެދުގެ ޒުވާނުން ބައިވެރިވެފައި ވެ އެވެ. އެ ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި ހިމަނާފައި ވަނީ 343 ޒުވާނުންނެވެ. އެއީ ނޭޝަނަލް ސާވިސް ޕްރޮގްރާމަށް ހުޅުވައިލުމުން ކުރިމަތިލި 1،242 މީހުންގެ ތެރެއިން ކަނޑައެޅި ފުރަތަމަ ގުރޫޕެވެ.