01 އޮކްޓޯބަރ 2025 - 18:22

އަހުލާގު ރަނގަޅު، ހިދުމަތްތެރި ޒުވާނުންތަކެއް ބިނާކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު ތައާރަފްކުރެއްވި މޯލްޑިވްސް ނެޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތް) އިފްތިތާހުކޮށް، އެ ހިދުމަތާ ގުޅުނު ފުރަތަމަ ބެޗްގެ ތަމްރީނުތައް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ސިފައިންގެ ޓްރޭނިން ސެންޓަރެއް ކަމަށްވާ ޅ.މާފިލާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނެޝަނަލް ސާވިސް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ. ނެޝަނަލް ސާވިސް އިފްތިތާހުކުރުމުގެ ގޮތުން އެ ހިދުމަތް އެމްއެންޑީއެފްއާ ރައީސް ހަވާލުކުރެއްވުމާ އެކު ޓްރޭނިން ސެންޓަރުގައި މިއަދު އެ ހިދުމަތުގެ ދިދަ ނެގި އެވެ.

ނެޝަނަލް ސާވިސްގެ ފުރަތަމަ ބެޗުގެ ދަރިވަރުން އެ ހިދުމަތުގެ ވައުދުވުމާއި އެ ދަރިވަރުން އެކަމުގެ އިގުރާރުވުމާއި ޓްރެއިނަރުން ވައުދު ވުން ވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ރައީސް ވިދާޅުވީ މިއީ ޒުވާނުން ބިނާކުރުމަށް ފެށި ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި އެ ހިދުމަތް ތައާރަފްކުރަން ނިންމެވީ ރާއްޖޭގެ ތަރައްގީ ފުރިހަމަކުރެވޭނީ ޒުވާނުން ބިނާކޮށްގެން ކަަމަށް ވާތީ ކަމަށެވެ.
ނެޝަނަލް ސާވިސްގެ ތަމްރީނުގައި ބައިވެރިވި ދަރިވަރުންނާ މުހާތަބު ކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެ ތަމްރީނަކީ ވަރަށް މުހިންމު އަދި ލިބުނު ވަރަށް މުހިއްމު ފުރުސަތެއް ކަމަށް ދަރިވަރުން ގަބޫލުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ތަމްރީނު ނިމިގެން ދެވަނަ ފިޔަވައްސަށް ދާއިރުގައި، ތިޔަ ކުދިން، ތިޔަ ޒުވާނުން ވެގެންދާނީ އަޅުގަނޑުމެން މި އުއްމީދުކުރާ ފަދަ އަދި ތިޔަ ކުދިން ވެސް އުއްމީދުކުރާ ފަދަ ބަޔަކަށް. މިހާރަށް ވުރެ ބޮޑަށް ގައުމަށް ހިދުމަތްތަކެއް ކުރެވޭ އަމިއްލަ ހަޔާތް އިތުރަށް ވަރުގަދަކަމާ އެކީގައި ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށް އެމްޕަވާ ކުރެވިފައިވާ ޒުވާނުންތަކަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ސިފަކުރެއްވި ގޮތުގައި ގައުމާއި އިސްލާމްދީން ދެކެ ލޯބިވާ ޒުވާނަކު ބިނާކުރުމަކީ 50 ބުރީގެ އިމާރާތެއް ބިނާކުރުމަށް ވުރެ ވެސް މާ މުހިއްމު ކަމެކެވެ. އެހެންވީމާ މިއަދު ފެށި މަސައްކަތަކީ ވަރަށް ތާރީހީ މަސައްކަތެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ނެޝަނަލް ސާވިސް ޕްރޮގުރާމް ފުރިހަމަކުރުމުން ސިފައިންގެއިން ނުވަތަ ފުލުހުންގެ ހިދުމަތުން ފުރުސަތު ދޭނެ ކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފަ އެވެ.
އެ ޕްރޮފްރާމަށް ހާއްސަ ގާނޫނެއް ވަރަށް އަވަހަށް ފާސްކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް އޭރު ވިދާޅުވި އެވެ. ގާނޫނު އެކުލަވާލާއިރު، އިތުރު ތަފްސީލްތައް ކަނޑައަޅާނެކަން ފާހަގަކުރައްވައި ރައީސް އޭރު ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެލަވަންސެއް ވެސް ހަމަޖައްސާނެ ކަަމަށެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މިހާރުގެ ވިސްނުމަކީ ޕްރޮގްރާމް ފަށާއިރު 6،000ރ. ގެ އެލަވަންސެއް ދިނުމެވެ.