01 އޮކްޓޯބަރ 2025 - 16:22

ގާނޫނީ ވަކީލް އަބްދުﷲ ހަސީން 2018 ގައި އުފެއްދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖޫން 2022 ގައި އެމްއެލްއެސްޑީޕީ އިލެކްޝަންސް ކޮމިޝަން (އީސީ) އުވާލަން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އެވެ. އެ ނިންމުން ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅީ 2023 ވަނަ އަހަރު އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އެމްއެލްއެސްޑީޕީ އަށް ތިން މަސް ދުވަހުގެ ނޯޓިހެއް ދިންއިރު އެ ޕާޓީގައި 2،700 އަށް ވުރެ ގިނަ މެމްބަރުން ތިބި ކަމަށެވެ. އެ ނޯޓިހާ ގުޅިގެން އެ ޕާޓީން އިތުރަށް 300 އަށް ވުރެ ގިނަ މެމްބަރުން ހަމަކޮށް، ކޮމިޝަނަށް ފޯމު ފޮނުވާފައިވާއިރު، އެ ފޯމުތައް ސައްހަ ކަމަށް ކޮމިޝަނުން ވެސް ބަލައިގެންފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން، މެމްބަރުން ހަމަކުރަން ނޯޓިސް ދީފައި ވަނިކޮށް އެ މުއްދަތުގެ ތެރޭގައި އިތުރަށް ޕާޓީން ވަކިވާ މެމްބަރުންގެ ބަދަލުގައި ވެސް އިތުރަށް މެމްބަރުން ހަމަކުރަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވިޔަސް، ޕާޓީން މެމްބަރުން ހަމަކުރަން ޖެހޭނީ ނޯޓިސް ދިން އިރު މަދުވި އަދަދަށް އެކަންޏެވެ. އަދި ކޮމިޝަނުން އެމްއެލްއެސްޑީޕީ އުވާލީ އެ އުސޫލުން މެމްބަރުންގެ އަދަދު ހަމަކޮށްފައި ވަނިކޮށް ކަމަށްވާތީ އެ ޕާޓީ އުވާލަން ނިންމި ނިންމުން ގާނޫނާ ހިލާފު ކަމަށް އެ ހުކުމުގައިވެ އެވެ.
ނަމަވެސް އެމްއެލްއެސްޑީޕީ ދެމިއޮންނާނެކަން ނުވަތަ ނޫންކަން ހުކުމުގައި ބުނެފައެއް ނުވެ އެވެ.
އެމްއެލްއެސްޑީޕީ 2018 ވަނަ އަހަރު އުފެއްދީ ވަކީލް އަބްދުﷲ ހަސީން އިސްކޮށް ހުންނަވައިގެންނެވެ.