01 އޮކްޓޯބަރ 2025 - 15:51

ރ. ފުއްގިރި މައްސަލާގައި ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް، އާންމުކޮށް ހުޅުވާނުލައި ބޭއްވި އަޑުއެހުމެއްގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރީ ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ހިމެނޭ ފައިސާތަކެއް ލޯންޑާކޮށްދިން ކަމަށް ބުނެ އެވެ. އެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އެ މައްސަލާގެ ހުކުމްކުރި ދުވަހުގެ ތާވަލްގައި އެ މައްސަލަ ހިމަނާފައެއް ނުވެ އެވެ. އަދި އެ މައްސަލައިގެ ހުކުމް މިހާތަނަށް ވެސް ކޯޓުން ޝާއިއުކޮށްފައެއް ނުވެ އެވެ. ނަމަވެސް ކޯޓުތަކުން ކުރާ ހުކުމްތައް ދުވަހުން ދުވަހަށް ޝާއިއު ކުރުމަކީ ގާނޫނީ ގޮތުން ލާޒިމް ކަމެކެވެ.
އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލާ ސުވާލު ކުރުމުން، އޭނާ ވިދާޅުވީ އެ ޝަރީއަތް ސިއްރު ނުކުރާ ކަމަށެވެ. އަދި މައްސަލައިގެ ހުކުމް އާންމު ނުކުރީ އިދާރީ އޮޅުމެއްގެ ސަބަބުން ހުކުމް ލިބިފައި ނެތުމުން ކަމަށް އޭނާ ވިދާޅުވި ނަމަވެސް، އެ ހުކުމް އަދިވެސް ކޯޓުން އާންމެއް ނުކުރެ އެވެ.
ފުއްގިރި މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ. އެ މައްސަލަ މިހާރު އޮތީ ނިމުމަކާ ގާތަށް ގޮސްފަ އެވެ.