ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި
ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް އެމްއެންޑީއެފުން މިއަދު ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ އޮޕަރޭޝަން ފެށީ ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވާއިދުތަކުގައިވާ ސަލާމަތީ ކަންކަން ފުރިހަމަ ނުކޮށް ކަނޑު އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން ގިނަވެ ތަފާތު ނުރައްކާތެރި ހާދިސާ ހިނގުން ގިނަވާތީ ކަމަށެވެ.

އެމްއެންޑީއެފް އޭރިއާ ކޮމާންޑްތައް ވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދަން ނިންމާފައިވާ އެ އޮޕަރޭޝަނުގައި، ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ވެސް ޗެކްކުރާނެ އެވެ.

އޭގެ އިތުރުން އެ އޮޕަރޭޝަނުގައި:

- ދަތުރުކުރާ އުޅަނދާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބަލާނެ

- އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ވޭތޯ ބަލާނެ

- މެރިން ވީއެޗްއެފް ޗެކްކުރުން

- އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުން

- ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބަލާނެ

އެމްއެންޑީއެފުން ބުނި ގޮތުގައި ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމުގެ ގޮތުން ހެދިފައިވާ ކަނޑުމަތީގެ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް އޮޕަރޭޓްކުރަމުންދޭތޯ ބަލައި އިސްލާހުކުރުމުގެ ގޮތުން ފިޔަވަޅު އަޅާނެ އެވެ.