27 މާޗް 2017 - 18:56

މިހާރު މާލޭގައި ކުރިއަށްދާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މިއަދު ހަވީރު ފަހަތުން އަރައި 3-1 ސެޓުން ނޭޕާލް ބަލިކޮށް ކިރްގިސްތާން މުބާރާތުގެ ލީގު ބުރުގެ ދެ ވަނަ ހޯދައިފި އެވެ.
ހަތަރު ޓީމުގެ މެދުގައި ކުޅެވޭ މި މުބާރާތުގެ ލީގު ބުރު ނިމުނުއިރު އަށް ޕޮއިންޓާ އެކު އެއް ވަނަ ހޯދީ ތުރުކުމަނިސްތާން އެވެ. އެ ޓީމަށް ވަނީ ފައިނަލުގެ ސީދާ ޖާގައެއް ލިބިފަ އެވެ. ކިރްގިސްތާން މިއަދުގެ މޮޅާ އެކު ދެ ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ތިން ވަނަ ލިބުނީ ތިން ޕޮއިންޓާ އެކު ނޭޕާލަށެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ މާދަމާ ކިރްގިސްތާނާއި ނޭޕާލް ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
ރާއްޖެ މުބާރާތުން ކެޓީ ކުޅުނު ތިން މެޗުން ވެސް ބަލިވެގެން ޕޮއިންޓެއް ނުލިބި އެވެ.
ކުޅިވަރު އެކުވެނީ އިންޑޯ ކޯޓުގައި މިއަދުގެ މެޗުގެ ފުރަތަމަ ސެޓުގައި ކިރްގިސްތާނަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެ ޓީމަށް ރަނގަޅަށް ހަމަޖެހިލައިގެން ކުޅެލަން ފުރުސަތު ނުލިބުމުގެ ފުރިހަމަ އެޑްވާންޓޭޖް ނަގައި ނޭޕާލުން ދިޔައީ އެޓޭކުގައި ވަރުގަދަ ކުރަމުންނެވެ. ނޭޕާލްގެ އިސްކޮޅުން ދިގު ކުޅުންތެރިޔާ މަގަރް އެމް ބަހާދުރްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި ސެޓު އެޓީމުން ގެންދިޔައީ 25-20 އިންނެވެ.
ފުރަތަމަ ސެޓު ގެންލުމުން ކިރްގިސްތާނުން ދެ ވަނަ ސެޓު ފެށީ ވަރަށް ވަރުގަދަ ކޮށެވެ. ސެޓުގެ ފުރަތަމަ ޕޮއިންޓުން ފެށިގެން އެ ޓީމުން މެޗުގެ ކޮންޓްރޯލް އަމިއްލަ އަތަށް ގެނަ އެވެ. އަދި ނޭޕާލަށް އެޓޭކް ކުރަން މާގިނަ ފުރުސަތެއް ނުދީ ޕޮއިންޓުގެ ފަރަގު ބޮޑުކޮށް ލީޑުގައި އޮތެވެ. މި ސެޓުގައި ކިރްގިސްތާންގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަންޔެބެކް އޮންލޮބެކް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމުން ސެޓު ގެންދިޔައީ 13-25 އިންނެވެ.
ދެ ވަނަ ސެޓު ނޭޕާލް އަތުން ގެއްލުމުން ތިން ވަނަ ސެޓުގައި އެ ޓީމުގެ ފަރާތުން ފެނުނީ ހިތްވަރު ދެރަ ކުޅުމެކެވެ. އޭގެ ފައިދާ ނަގައި ކިރްގިސްތާނުން އިތުރަށް ވަރުގަދަ ކުރި އެވެ. ކިރްގިސްތާން އަބަދުވެސް ހަ ޕޮއިންޓުގެ ލީޑެއް ހިފެހެއްޓި މި ސެޓު އެ ޓީމުން ގެންދިޔައީ 15-25 އިންނެވެ.
ކިރްގިސްތާންގެ އެޓޭކްތައް ވަރުގަދަވެ ނޭޕާލުގެ ކުޅުން ހަތަރު ވަނަ ސެޓުގައި ވަރަށް ދަށްވި އެވެ. މި ސެޓުގައި ކިރްގިސްތާނުން ގިނަ ވަގުތު އޮތީ 10 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ނޭޕާލްގެ ފަރާތުން ދަށް ކުޅުމެއް ފެނުނުއިރު، ކިރްގިސްތާންގެ އެޓޭކުގެ ވަރުގަދަ ކުޅުން ފެނުނެވެ. ނަތިޖާއެއްގެ ގޮތުން މި ސެޓު އެ ޓީމުން ވަނީ ފަސޭހަކަމާ އެކު ގެންގޮސްފަ އެވެ. ކިރްގިސްތާނުން މެޗު ކާމިޔާބުކުރީ 11-25 އިންނެވެ.
ކިރްގިސްތާނަކީ އެންމެ ފަހުން ބަންގްލަދޭޝްގައި އޮތް އޭވީސީ މުބާރާތުގެ ދެ ވަނަ ޓީމެވެ. އެ ޓީމު އެ މުބާރާތުގެ ފައިނަލުން ބަލިވީ ބަންގްލަދޭޝް އަތުންނެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި މާދަމާ ނޭޕާލާއި ކިރްގިސްތާން ކުޅޭ މެޗު އޮންނާނީ ހަވީރު 4 ޖަހާއިރު އެވެ.