01 އޮކްޓޯބަރ 2025 - 14:47

ރާއްޖޭން ނަގާފައިވާ ދަރަންޏަށް ލުއިދޭނެ ގޮތްތަކެއް "ފައިނަލް ކޮށްފައިވާ" ކަމަށް އެގައުމުގެ ސަފީރު ކޮންގް ޝިއަންވާ ރޭ ވިދާޅުވެއްޖެ އެވެ.
"ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ" ގެ ނަމުގައި ޗައިނާގެ މިހާރުގެ ދައުލަތް ގާއިމްކުރިތާ 76 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތެއްގައި ސަފީރު ވިދާޅުވީ ދަރަންޏަށް ލުއިދޭނެ ގޮތްތަކާ މެދު ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އެކަމުން ދޭހަކޮށްދެނީ ރާއްޖޭގެ މާލީ އަދި ފިސްކަލް ހަމަޖެހުމަށް ޗައިނާއިން ވެދޭ އެހީތެރިކަމުގެ އިތުރުން ރާއްޖޭގެ އިގްތިސާދަށް ރާއްޖެއިން އިތުބާރު ކުރާ ކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދަރަންޏަށް ލުއިދިނުމުގެ އެރޭންޖްމެންޓްތަކާ މެދު އަޅުގަނޑުމެން ދެ ފަރާތުގެ ކަމާ ބެހޭ ފަރާތްތަކުން ފުރިހަމައަށް ގޮތް ނިންމާފައިވާ ކަން އަޅުގަނޑު އުފަލާ އެކު އިއުލާންކުރަން. މި އެއްބަސްވުންތަކުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ ފައިނޭންޝަލް އަދި ފިސްކަލް ހަމަޖެހުމަށް ޗައިނާއިން ވެދޭ އެހީތެރިކަން އެކަންޏެއް ނޫން، ދިވެހި ސަރުކާރުން އެޅި އިސްލާހީ ފިޔަވަޅުތަކަށާއި ރާއްޖޭގެ އިގުތިސާދުގައި ހުރި ވަރުގަދަ ޕޮޓެންޝަލް އަށް ޗައިނާއިން ކުރާ އިތުބާރު،" ސަފީރު ވިދާޅުވި އެވެ.
ޗައިނާއިން ރާއްޖޭގެ ދަރަންޏަށް ލުއިދޭން، ދެ ގައުމުން އެއްބަސްވީ ގޮތުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ޗައިނާގެ ހިލޭ އެހީން ރާއްޖޭގައި ހިންގާ ބޮޑު ތިން މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ވިލިމާލޭގައި އަޅާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލުގެ މަޝްރޫ އާއި މާލެެ އާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްގީކުރުމުގެ މަޝްރޫ އާއި 50 ރަށެއްގެ ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫއު އެވެ.
ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް 120 ބިލިޔަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދަރަންޏަށް ހޯދާފައިވާ އިރު ޗައިނާއަކީ އެންމެ ގިނައިން ރާއްޖެއަށް ދަރަނި ދިން އެއް ގައުމެވެ.