އެމްޑީޕީން ބުނީ، މުޒާހަރާއާ ގުޅުވައިގެން ފުލުހުން ހެދީ ދޮގެއް ކަަމަށް!
އެމްޑީޕީން ބުނީ، މުޒާހަރާއާ ގުޅުވައިގެން ފުލުހުން ހެދީ ދޮގެއް ކަަމަށް!

އިދިކޮޅު އެމްޑީޕީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ، މާލެތެރެ ހަލަބޮލިކުރަން އުޅޭ ކަމަށް ބުނެ ފުލުހުން ބަޔާން ނެރެފައިވަނިކޮށް، އެ ހަރަކާތުގައި އެފަދަ ކަމެއް ކުރަން ރާވާފައި ނުވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެއްވުމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނުގައި ވަނީ ފުލުހުން ހުއްދަ ދީފައިވާ ރޫޓުގެ ބޭރުން، ސިޔާސީ ފަރާތްތަކުން ބާއްވާ އެ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދޭން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

އެ މައްސަލާގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، އާޓިފިޝަލް ބީޗުން ފެށުމަށް ހަމަޖެހިފައިވާ "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް ހުރަސް އެޅުމުގެ ބޭނުމުގެ ބޭނުމުގައި ފުލުހުން ބަޔާން ނެރުނީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެއީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އެމްޑީޕީން ބުނީ އެ ހަރަކާތާ ގުޅޭ މައުލޫމާތު ދިނުމަށް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ދުވަހު ވަނީ އެއްވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ހިމަނައި ލިޔުމުން އަންގާފައި ކަމަށާއި އެ ރޫޓަށް އެމްޑީޕީން އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނި ގޮތުގައި ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން އަންގާފައި ނުވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި މާލެތެރެ ހަލަބޮލިކޮށް، މުދަލަށް ގެއްލުން ދޭން ރާވަނީ ސަރުކާރުގެ ތެރެއިންނެވެ. އެހެންވެ، އެކަން ހުއްޓުވައި އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެ ޕާޓީން ގޮވައިލި އެވެ. އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް ނޭޅުމަށް ވެސް އެދުނެވެ.

އެމްޑީޕީގެ މުޒާހަރާ ކުރުމަށް ހުއްދަ ދީފައިވަނީ ބޮޑުތަކުރުފާނު މަގު ހިމެނޭ ގޮތަށް މާލޭގެ ބޮޑު ހަ މަގެއްގައި ހަރަކާތް ބާއްވާށެވެ.

ފުލުހުން ބުނެފައި ވަނީ ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދާ ހަރަކާތްތަކަށް ރައްކާތެރިކަމާއި އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ އެ އިދާރާއިން ވަރަށް ސަމާލުކަން ދޭ ކަމެއް ކަމަށެވެ.

އެހެންވެ، ސުލްހަވެރިކަމާ އެކު، އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި މާލޭގެ އަމާންކަމާއި އާންމު މަސްލަހަތު ގެލިދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށާއި އެފަދަ ކަންކަމަށް ފުރުސަތު ނުދެނޭ ކަމަށް ބުނެފައިވެ އެވެ.