ކެމެރާ ލައްވައިގެން މައިބަދައިގެ އޮޕަރޭޝަނެއްކޮށް އައިޖީއެމްއެޗަށް ބޮޑު ޝަރަފެއް
ކެމެރާ ލައްވައިގެން މައިބަދައިގެ އޮޕަރޭޝަނެއްކޮށް އައިޖީއެމްއެޗަށް ބޮޑު ޝަރަފެއް

ކުޑަކުޑަ ތަންކޮޅެއް ކަފާލައި ކެމެރާ ލައްވައިގެން ބަލަމުން ކުރާ މައިބަދައިގެ އޮޕަރޭޝަނެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮށް، އައިޖީއެމްއެޗަށް ބޮޑު ޝަރަފެއް ލިބިއްޖެ އެވެ.

މާ ބޮޑު ތަފްސީލެއް ނުދީ އެ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މައިބަދައިގެ ނާރުގެ ރޫޓު ނުކުންނަ ހިސާބުން ދެ ބަދަ ދޭތެރެއިން، ކެމެރާގެ އެހީގައި ބަލައި އެޕްރޯޗްކޮށްގެން ދިން ފަރުވާއަކީ، ރާއްޖޭގެ ނާރުގެ އޮޕަރޭޝަނަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެ އޮޕަރޭޝަން ކުރި ޓީމުގައި އިސްކޮށް ހުންނެވީ، ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަން، ޑރ. އަލީ ނިޔާފެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ހައިބްރިޑް ތިއޭޓަރާ އެކު، ބޮޑެތި އޮޕަރޭޝަންތައް ކުރަން ވަނީ ފަށައިފަ އެވެ.

އެ މަސައްކަތްތަކުގެ ތެރެއިން މި ފަހުން ވަނީ އޮކްސިޕިޓޯ-ސާވިކަލް ފިއުޝަން ސާޖަރީ ވެސް ހަދައިފަ އެވެ.

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ހަލީމް މީގެ ކުރިން ވިދާޅުވީ އެންޑޮވެސްކިއުލާ ނިއުރޯ ސާޖަރީ އަދި ކާޑިއޯތޮރެސިކް ސާޖަރީ ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.